ދަމުނަމާދާ ފަތިސްނަމާދު ނުކޮށް ދޫކޮށްލެވުމަކީ ލިބޭ ކިހާބޮޑު ދެރައެއްކަން އެނގޭހެއްޔެވެ؟

ގިނަ މީހުން ބުނާނީ ދަމުނަމާދަކީ ﷲ ތަޢާލާ ދެއްވަވާ ޚާއްޞަ ދަޢުވަތެއް ކަމަށާއި ދަމުނަމާދުކުރެވޭނީ ތަޤްވާވެރިންނަށް ކަމަށެވެ. އަހުރެންވެސް އެބަހަށް ތާއީދުކުރަމެވެ. ނަމަވެސް އަހުރެން ބުނާނީ ހަމައެކަނި ދަމުނަމާދުގެ ވާހަކައެއް ނޫނެވެ. އަހުރެން ފަތިސްނަމާދުވެސް އިތުރުކޮށް ބުނާނީ ފަތިސްނަމާދާއި ދަމުނަމާދަކީވެސް ހަމަ ހުރިހާ ރަސްގެފާނުގެ ވެރި ރަސްކަލާނގެ ދެއްވަވާ ޚާއްޞަ ދަޢުވަތެއް ކަމަށެވެ.  
ހިތާމައަކީ މިމަތިވެރި ދަޢުވަތު ގިނަ ބައަކު ޤަބޫލުނުކުރާ ކަމެވެ. ކަންނެތްވެ ނިދަންތިބެފައި ހޭލުވުމުން ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަމަށް އެދެވޭ ކަމެވެ. 7 އުޑުމަތިން ތިބާގެ ނަމުން ގޮވައިލެވޭކަމާއިމެދު ވިސްނާނުލައި ނިދަން އޮންނަން ހެޔޮވެދާނެ ހެއްޔެވެ؟  
ބުނަން ހެއްޔެވެ؟ ދަމުނަމާދު ނުކުރުމަކީ ތިބާ ބޭނުންވާ ކަންކަމަށް އެދިގެން ދުޢާކުރަން ދެއްވަވާ ފުރުޞަތު ނަގައިލުމެވެ. ފަތިސްނަމާދުނުކޮށް ދޫކޮށްލުމަކީ ތިބާކުރާ މަސައްކަތުގައި ބަރަކާތް ލެއްވެވުމަށް އެދެން ދެއްވަވާ ފުރުޞަތުގެ ބޭނުން ނުހިފައި ދޫކޮށްލުމެވެ. ދުވަހަސް އިރުއެރި ނަމަވެސް ފަތިސްނަމާދުނުކުރާ މީހަކަށް ދުވަހުގެ ބަރަކާތް އެވަނީ ގެއްލިފައެވެ.  
ނިދި ކިތަންމެ އަރާމު ނަމަވެސް ފަތިސްވުމުގެ ކުރިން ހޭލައި ރޭއަޅުކަންކުރާށެވެ! ވަޤުތު ޖެހުމުން ފަތިސްނަމާދުކުރާށެވެ! ސުވަރުގެ ލިބެން އޮތީ އަރާމާއި އުފާލިބޭ ބައެއްކަންކަން ނުކޮށް ޤުރްބާން ކޮށްގެންނެވެ. ފަތިސްވާން ކައިރިވުމުން ނިދި ޤުރްބާންކޮށް ތެދުވެ ރޭއަޅުކަންކުރުމާއި ފަތިސްނަމާދު ކުރުމަކީ ސުވަރުގެ ލިބުމަށް އެދޭމީހާއަށް އެންމެ މުހިންމު ކަންތައް ކަމުގައި ހަދާށެވެ! އިން ޝާ ﷲ އެމީހަކަށް ކާމިޔާބު މިންވަރުކުރައްވަވާނެތެވެ!
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ