ކޫއްޑޫ މަސްބަނދަރުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެ

ގއ. ކޫއްޑޫ މަސްބަނދަރު ބޮޑު ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް އެމަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދާ ކުންފުނި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
ދެކުނުގެ މަސްވެރިކަމުގެ އެންމެ މުހިންމު ރަށް ކަމަށްވާ ކޫއްޑޫގައި މިހާރު ބޭނުންކުރަނީ، 300 ފޫޓުގެ ބަނދަރެކެވެ. މިބަނދަރުން އެއްފަހަރާ ޚިދުމަތް ދެވެނީ، ގާތްގަނޑަކަށް ތިން އުޅަނދަށެވެ. ބަނދަރު ކުޑަވުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ޙައްލުކޮށް މަސް ފެކްޓްރީގެ ކެޕޭސިޓީ އިތުރު ކޮށްދިނުމަކީ، ސަރުކާރުން މަސްވެރިންނަށްވެފައިވާ މުހިންމު ވަޢުދެކެވެ.
ކޫއްޑޫ ބަނދަރު ތަރައްޤީ ކުރުމުގެ މިޝްރޫޢު ނިމޭއިރު 300 ފޫޓުގެ މިބަނދަރު 1000 ފޫޓަށް ބޮޑުވާނެއެވެ. މި މަޝްރޫޢަކީ، ސައުދީ ފަންޑުން 78.37 ބިލިޔަން ރުފިޔާ އިންވެސްޓް ކޮށްގެން ކުރިޔަށްގެންދާ މަޝްރޫޢެއް ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އެމްޓީސީސީން ވިދާޅުވީ، ކޫއްޑޫގެ މަސްބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ 56 އިންސައްތަ މިހާރު ނިމިފައިވާ ކަމަށާއި، އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި މިބަނދަރުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.
މިމަޝްރޫޢުގެ މަސައްކަތްތަކަށް ބަލާއިރު ބަނދަރު ފުންކުރުމުގެ މަސައްކަތުގެ އިތުރުން ބިން ހިއްކުމުގެ 73 އިންސައްތަ މަސައްކަތާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ 71 އިންސައްތަ، އެއްގަމު ތޮށިލުމުގެ މަސައްކަތުގެ 70 އިންސައްތަ އަދި އެހެނިހެން މަސައްކަތްތަކުގެ 18 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއްވައެވެ.
ކޫއްޑޫ މަސްބަނދަރުގެ މަސައްކަތަކީ، އެ ސަރަހައްދުގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢު ނިމުމުން މަސްވެރިންނަށް ބަނދަރު ބޭނުން ކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ