ވިޔަފާރިތަކަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް "އައްޑޫ ބިޒްނަސް ޑައިލޮގް"ގެ ނަމުގައި ޚާއްސަ ބައްދަލުވުމެއް

އައްޑޫ ސިޓީގައި ވިޔަފާރިތަކަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ޚާއްސަ ބައްދަލުވުމެއް "އައްޑޫ ބިޒްނަސް ޑައިލޮގް" ގެ ނަމުގައި ބޭއްވުމަށް ސަރުކާރުން ނިންމައިފިއެވެ. މި މަހުގެ 13 އަދި 14 ވަނަ ދުވަހު އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމަކީ ރާއްޖޭގެ ވަކި ސަރަޙައްދަކަށް އަމާޒުކޮށްގެން ބާއްވާ މިފަދަ ފުރަތަމަ އިޤްތިޞާދީ ފޯރަމެވެ. މި ފޯރަމާ ގުޅޭގޮތުން އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މިއީ އެކި ސިނާއަތުގެ ހިއްސާދާރުންނާ ބައްދަލުކޮށް، ވިޔަފާރިތަކަށް ހުރި ފުރުޞަތުތަކާއި ލިބޭނެ ލުއިތަކާ ބެހޭ މައުލޫމާތުދީ ވިޔަފާރިވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބާއްވާ ފޯރަމެއް ކަމަށެވެ. "އެކަން ފެށުމަށް މި މޭ މަހުގެ 13 ވަނަ ދުވަހާއި 14 ވަނަ ދުވަހު އައްޑޫގެ ވިޔަފާރިވެރިންނަށް ޚާއްސަކޮށްގެން ފޯރަމެއް ބާއްވަން ނިންމާފައިވަނީ. ހުރިހާ ބޭފުޅުންނަށް ވެސް ދައުވަތު އަރުވަން،" ވަޒީރު ވިދާޅުވިއެވެ. މި ބައްދަލުވުމުގައި ވިޔަފާރިވެރިންނާއި، އިންވެސްޓަރުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ އިތުރުން ސިނާޢީ ދާއިރާތަކުގެ އިސް ފަރާތްތައް ބައިވެރިވާނެއެވެ. އައްޑޫ ސިޓީއަކީ ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ލޮޖިސްޓިކްސް އަދި ޓެކްނޮލޮޖީ ފަދަ ދާއިރާތަކުން ބޮޑު ކުރިއެރުމެއް ހޯދިދާނެ ސަރަޙައްދަކަށް ވާއިރު، މި ފޯރަމްގައި ހޯމް މިނިސްޓްރީ، ފިޝަރީޒް މިނިސްޓްރީ، ޓޫރިޒަމް މިނިސްޓްރީ އަދި ފިނޭންސް މިނިސްޓްރީ ފަދަ ސަރުކާރުގެ ގިނަ ވުޒާރާތަކަކުން ބައިވެރިވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި، އައްޑޫ ސިޓީގައި ހިންގާ ވިޔަފާރިތަކަށް 2027 އިން 2029 އަށް ޚާއްޞަ ލުއިތަކެއް ދިނުމަށް ވަނީ ނިންމަވާފައެވެ. ރައީސް ވިދާޅުވީ މީގެ ސަބަބުން ކުދި ފަންތި އަދި މެދު ފަންތީގެ ޞިނާޢަތް ފުޅާވެ، އައްޑޫއަކީ ރާއްޖޭގެ އައި.ޓީ.ހަބްގެ ގޮތުގައި ތަރައްޤީވެގެންދާނެ ކަމަށެވެ. "މީގެ ސަބަބުން، އިރާދަކުރެއްވިއްޔާ، ކުދި ފަންތި އަދި މެދު ފަންތީގެ ޞިނާޢަތް ބޮޑަށް ފުޅާވެ ކުރިއަރައި، އެތައް ވަޒީފާއެއް އުފެދި، އައްޑުއަތޮޅަށް، އަދި މުޅި ދިވެހިރާއްޖެއަށް، އިޤްތިޞާދީ ގޮތުން ގިނަގުނަ ފައިދާތައް އިރާދަކުރެއްވިއްޔާ ކުރާނެ. މި ފުރުޞަތުގެ ބޭނުންކޮށް، އައްޑުއަތޮޅަކީ ދިވެހިރާއްޖޭގެ އައި.ޓީ.ހަބްގެ ގޮތުގައި ހެދުމަށް، އެކަމަށް ޝައުޤުވެރިކަން ހުރި އެންމެހައި ފަރާތްތަކަށް، ސަރުކާރުން ދަޢުވަތު ދެން." ރައީސް ވިދާޅުވިއެވެ. މި ފޯރަމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ބާރުވެރިކުރުވައި، ދެކުނުގެ އިޤްތިޞާދީ ޙަރަކާތްތައް އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ މުހިންމު ބައެކެވެ. މިއީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ އިޤްތިޞާދީ ކުރިއެރުމަށް އަމާޒުކޮށްގެން ސަރުކާރުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފެށުމެވެ. އައްޑޫގެ ގިނަ ވިޔަފާރިވެރިން މިހާރުވެސް މި ފޯރަމަށް ޝައުޤުވެރިކަން ފާޅުކުރަމުންދާއިރު، މިއީ ސަރުކާރާ ސީދާ މަޝްވަރާކޮށް އިންވެސްޓްމަންޓް ފުރުޞަތުތައް ދެނެގަތުމަށް ލިބޭނެ އަގުހުރި މަންސައެއް ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ