ޕާކިސްތާނުގެ ހުޅަނގު އުތުރުގައި ހުންނަ ފުލުހުންގެ މަރުކަޒަކަށް ހަނގުރާމަވެރިން ދިން ވަރުގަދަ ހަމަލާތަކެއްގައި މަދުވެގެން 14 ފުލުހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނި ގޮތުގައި، ބަންނޫ ޑިސްޓްރިކްޓްގައި ހުންނަ މި މަރުކަޒަށް ހަނގުރާމަވެރިން ހަމަލާދިނީ ގޮވާތަކެތި ހަރުކޮށްފައިވާ އުޅަނދަކުން އެތަނުގައި ޖައްސައި ގޮއްވާލުމަށް ފަހު އެވެ. އެއަށް ފަހު ހަނގުރާމަވެރިން ވަނީ އެ ސަރަހައްދަށް ވަދެ ބަޑީގެ ހަމަލާތައް ދީފަ އެވެ.
މި ހާދިސާއާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް ދިޔަ ސަލާމަތީ ބާރުތަކަށް ވެސް، މަގުމަތީގައި ފިލާ ތިބި ހަނގުރާމަވެރިން ވަނީ ކުއްލި ހަމަލާތަކެއް ދީފަ އެވެ.
ފުލުހުންގެ އިސް އޮފިޝަލެއް ކަމަށްވާ ސައްޖާދު ހާން ވިދާޅުވި ގޮތުގައި، ހަމަލާގެ ސަބަބުން ބިމާ ހަމަވި އިމާރާތުގެ ދަށުން މިހާތަނަށް 14 ފުލުހެއްގެ ހަށިގަނޑު ވަނީ ފެނިފަ އެވެ. އަދި މި ހާދިސާގައި ސަލާމަތްވި ތިން ފުލުހަކަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
ނަން ހާމަނުކުރުމަށް އެދި ވާހަކަދެއްކެވި ފުލުހުންގެ އެހެން އޮފިޝަލަކު ވިދާޅުވި ގޮތުގައި، ބޮން ގޮއްވާލުމަށް ފަހު ހަނގުރާމަވެރިން ވަނީ އެތަނުގައި ތިބި ހުރިހާ ފުލުހުންނަށް އަމާޒުކޮށް ބަޑިޖަހަން ފަށާފަ އެވެ. މީގެ އިތުރުން، މި ހަމަލާ ދިނުމުގައި ޑްރޯން ވެސް ބޭނުންކޮށްފައިވާ ކަމަށް ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.
ހާދިސާ ހިނގި ސަރަހައްދުން ފެންނަ ފޮޓޯތަކުން އެނގޭ ގޮތުގައި، ފުލުހުންގެ މަރުކަޒު ހުރީ އެއްކޮށް ސުންނާފަތިވެފަ އެވެ. އަދި އެ ސަރަހައްދުގައި އުޅަނދުތައް އަނދާފައި ހުރިއިރު، އިމާރާތުގެ ބައިތައް މުޅި ސަރަހައްދަށް ބެހިފައި ހުއްޓެވެ. މި ހާދިސާއާ ގުޅިގެން ބަންނޫގެ ހޮސްޕިޓަލްތައް ވަނީ ކުއްލި ހާލަތަކަށް ގެނެސްފަ އެވެ.
މި ހަމަލާގެ ޒިންމާ އުފުލާފައިވަނީ އިއްތިހާދުލް މުޖާހިދީން ނަމަކަށް ކިޔާ ހަނގުރާމަވެރި އިއްތިހާދަކުންނެވެ.
މި ހާދިސާ ހިނގާފައިވަނީ ޕާކިސްތާނާއި އަފްގާނިސްތާނުގެ ބޯޑަރު ސަރަހައްދުގައި ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. ޕާކިސްތާނުން ތުހުމަތުކުރާ ގޮތުގައި، ހަނގުރާމަވެރިން ހަމަލާދިނުމަށް އަފްގާނިސްތާނުގެ ބިން ބޭނުންކުރެ އެވެ.
ނަމަވެސް، ތާލިބާނުން ވަނީ މި ތުހުމަތުތައް ދޮގުކޮށް، ޕާކިސްތާނުގައި ހިނގާ މިފަދަ ހަމަލާތަކަކީ އެ ގައުމުގެ އެތެރޭގެ މައްސަލައެއް ކަމަށް ބުނެފަ އެވެ.
ޕާކިސްތާނުގައި ކާރު ބޮމަކާއި ވަރުގަދަ ހަމަލާތަކެއްދީ 14 ފުލުހުން މަރާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ