ލަންކާގައި ކަރަންޓުގެ އަގު ބޮޑުކޮށްފި
މާދަމާއިން ފެށިގެން ކަރަންޓުގެ އަގު 18 ޕަސެންޓާ ހަމައަށް ބޮޑުކުރާނެ ކަމަށް ސްރީ ލަންކާގެ ޕަބްލިކް ޔުޓިލިޓީސް ކޮމިޝަނުން ބުނެފި އެވެ.ލަންކާގެ ޕަބްލިކް ޔޫޓިލިޓީސް ކޮމިޝަނުން ހާމަކުރި ގޮތުގައި، މަހަކު 180 ޔުނިޓަށް ވުރެ ގިނައިން ކަރަންޓު ބޭނުންކުރާ ފަރާތްތަކުގެ ބިލަށް މި ބަދަލުގެ އަސަރު ކުރާނެ އެވެ. މީގެ ތެރޭގައި ސިނާއީ މަސައްކަތްތަކާއި ހޮޓާތަކާއި ވިޔަފާރިތަކާއި ސަރުކާރުގެ އިދާރާތަކުގެ އިތުރުން އަޅުކަންކުރާ ތަންތަން ހިމެނެ އެވެ.ނަމަވެސް، މަހަކު 180 ޔުނިޓަށް ވުރެ މަދުން ކަރަންޓު ބޭނުންކުރާ އާންމު ގޭބިސީތަކުގެ ބިލަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ. ލަންކާއިން ނިމުނު ހަފްތާގައި ވަނީ ކައްކާ ގޭހުގެ އަގުވެސް ބޮޑުކޮށްފަ އެވެ.ކާބޯތަކެއްޗާއި، ތެލާއި، ބޭސް ފަދަ ޒަރޫރީ ތަކެތި އިމްޕޯޓް ކުރުމަށް ބޭނުންވާ ބޭރު ފައިސާ ހުސްވެ، 2022 ވަނަ އަހަރު ކުރިމަތިވި އިގްތިސާދީ އަނދަވަޅުން ސްރީ ލަންކާ މަޑުމަޑުން އަރައިގަންނަމުން ދަނިކޮށް ކުރިމަތިވި ތެލުގެ ދަތިކަމާ ހެދި އެ ގައުމަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފަ އެވެ.ސްްރީ ލަންކާއަކީ ބޭނުންވާ ހުރިހާ ތެލެއް އިމްޕޯޓްކުރާ ގައުމެކެވެ. އަދި ކަރަންޓު އުފެއްދުމަށް ބޭނުންވާ ކޯލް ވެސް އެ ގައުމުން ގަންނަނީ ބޭރުންނެވެ. ސްްރީ ލަންކާއަށް ބޭނުންވާ ތެޔޮ ގަންނަނީ އިންޑިއާ، ސިންގަޕޫރު، މެލޭޝިއާ އަދި ދެކުނު ކޮރެއާއިންނެވެ. ނަމަވެސް އެ ގައުމުގައި ހުންނަ، އީރާނުގެ އެހީގައި ބިނާކޮށްފައިވާ ރިފައިނަރީއަށް ބޭނުންވާ ސާފުނުކުރާ ތެޔޮ ގެންނަނީ މެދުއިރުމަތިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ