މީޑިއާތަކަކީ މިނިވަން އަދި ބާރުވެރި ތަންތަނަށް ހެދުމަކީ އެއްމު މުހިއްމު އަމާޒު: އެމްއެމްބީސީ

ދިވެހިރާއްޖޭގެ މީޑިއާތަކަކީ، މާލީގޮތުން މިނިވަން އަދި ބާރުވެރި ތަންތަނަށް ހެދުމަކީ އެއްމެ މުހިއްމު އަމާޒުކަމުގައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން (އެމްއެމްބީސީ) ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ މިނިވަންކަން ފާހަގަކުރާ ދުވަހުގެ މުނާސަބަތުގައި އެމްއެމްބީސީ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ މީޑިއާގެ މުސްތަގްބަލް އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި، އެކޮމިޝަނުން ވޭތުވެދިޔަ ދުވަސްތަކުގައި ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. އެގޮތުން، އައު ސުލޫކީ މިންގަނޑެއް އެކުލަވާލުމާއި، މީޑިއާއި ގުޅޭ އެކިއެކި އައު ގަވާއިދުތަކާއި އުސޫލުތައް ހެދުން ފާހަގަކުރެވޭކަމަށެވެ.
މީގެ އިތުރުން، މީޑިއާތަކަކީ މާލީގޮތުން މިނިވަން އަދި ބާރުވެރި ތަންތަނަށް ހެދުމަކީ އެ ކޮމިޝަނުގެ އެއްމެ ބޮޑު އެއް އަމާޒުކަމަށާއި، އެކަން ހާސިލްކުރުމަށް ނޫސްވެރިންނަށް ބޭނުންވާ ޒަމާނީ ތަމްރީން ހޯދައިދިނުމަކީ ކޮމިޝަނުން އެއްމެ އިސްކަންދޭނެ ކަންކަން ކަމުގައިވެސް މިބަޔާނުގައި ބުނެފައިވެއެވެ.
އެމްއެމްބީސީގެ ބަޔާނުގައި ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެއަށް ލިބިފައިވާ ދަރަޖައަށް އަލިއަޅުވާލައި ބުނެފައިވަނީ، ރާއްޖޭގެ މިހާރުގެ ދަރަޖަ ކަމަށްވާ 108 އަކީ ވޭތުވެދިޔަ އަހަރުގެ ދަރަޖައާއި އަޅާބަލާއިރު، ބަދަލު އައިސްފައިވާ އަހަރެއްކަމަށާއި މި ދަރަޖަ މިއަށްވުރެ މަތީ ހަރުފަތަކަށް ގެންގޮސް، ނޫސްވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް އެ ކޮމިޝަނުން ޚާއްސަ އިސްކަމެއް ދީގެން ދަނީ މަސައްކަތް ކުރަމުންދާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ