ސުޕްރީމް ކޯޓުގެ އަމުރަށް ފާޑުކިޔައި، އެއަށް އަމަލު ނުކުރަން މަޖިލީހުން ފާސްކޮށްފި

ޖުމްލަ މެމްބަރުންގެ އަދަދު ގުނުމުގައި 87 އަށް ބެލުމަށް ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރަށް އަމަލު ނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މިގޮތަށް މަޖިލީހުގެ ތަޅުމުން ފާސްކުރީ، 45 މެމްބަރުންގެ ވޯޓުންނެވެ.
ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ މައްސަލަ ހިމެނޭހެން، މަޖިލީހުގެ މެމްބަރުންގެ ޖުމްލަ އަދަދު ކަނޑައެޅުމުގައި މަޖިލީޙުގެ ގަވާއިދަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓަށް ބަންޑާރަ ނައިބުގެ އޮފީހަށް ހުށަަހެޅުމުން އެ ގަވައިދަށް އަމަލު ކުރުން މަޑުޖައްސާލުމަށް ވަގުތީ އަމުރެއް ވަނީ ނެރެފައެވެ.
މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ބެލުމުގައި ބަލާނީ 87 ކަމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ މައްސަލައިގައި މިއަދު މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި ހުންނެވި އަސްލަމް އެދިވަޑައިގަތީ މެމްބަރުން އެކަމާ މެދު ގޮތެއް ނިންމުމަށެވެ. ކޯރަމް ބެލުމުގައި ބަލާ ޖުމްލަ އަދަދަށް އިސްލާހު ގެނެސްފައި ވަނީ އައު ސަރުކާރާ ގުޅުމަށް ހަތް މެމްބަރަކު އިސްތިއުފާ ދެއްވުމުންނެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅީ ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ ގަވައިދުގެ އިސްލާހު ހިމެނޭހެން ގެނައި އެ ބަދަލު ގާނޫނުއަސާސީއާއި ހިލާފުކަމަށް ކަނޑައަޅައިދޭންށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިލަލްދާ ޒާހިރުގެ ރައުޔަށް ފަނޑިޔާރު ހުސްނުއް ސުއޫދާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރު ތާއީދު ކުރެއްވި އެ އަމުރުގައި ވަނީ ހުސްވި ދާއިރާތަކުގެ ގޮނޑި ހިމަނައިގެން ކޯރަމް ގުނުމަށެވެ.
މި އަމުރަށް މިއަދު މަޖިލިސް މެމްބަރުން ވަނީ ނުސީދާ ގޮތެއްގައި، އަދި ފާޅުކަން ބޮޑުގޮތަކަށް ވެސް ފާޑުވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ