މަޖިލިސް މެންބަރުންގެ ތެރޭގައި ޕާޓީ ޔަގީން ނުވާ މެންބަރުން އެބަތިބި: އަސްލަމް

މަޖިލީހުގައި ތިބި އެމްޑީޕީގެ 65 މެންބަރުންގެ ތެރެއިން އެއީ އެމްޑީޕީގެ މެންބަރުންކަން ޔަގީންނުވާ މެންބަރުންތަކެއްވެސް އެބަ ތިއްބެވިކަމަށް އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އޭޕްރީލް 15 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ކެނޑިޑޭޓު އިބްރާހިމް ޝާޒްގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ޕާޓީތަކުގެ ތެރޭގައި ބާއްވާ އިންތިހާބުތަކަކީ އެމްޑީޕީއިން ފެށިކަމެއްކަމަށެވެ. އަދި ޕާޓީއިން އެކަން ކުރަމުން އައީ ވަރަށް ރަނގަޅަށްކަމަށް ވިދާޅުވިއެވެ. ނަމަވެސް މިހާރު އެކަން ހިނގަނީ އެހެން ނޫންކަމަށާއި، ޕްރައިމަރީއެއްގައި ވާދަކޮށް ބަލިވުމުން ނާކާމިޔާބީ ގަބޫލުނުކުރާކަމަށް ވިދާޅުވިއެވެ. 17 ވަނަ ރައްޔިތުންގެ މަޖިލީހާއި، އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތުވެސް އެމްޑީޕީއަށް ގެއްލުނީ ނާކާމިޔާބީ ގަބޫލުނުކުރުމުންކަމަށް ވިދާޅުވިއެވެ.
އެމްޑީޕީއަކީ ވަރުގަދަ ބޮޑު ޕާޓީއެއްކަމަށް ސިފަކުރައްވާ އަސްލަމް ވިދާޅުވީ އެމްޑީޕީއަށް އޮތް އެންމެ ބޮޑު ޗެލެންޖަކީ އިންތިހާބަކަށްފަހު، ނުވަތަ ޕްރައިމަރީއަކަށްފަހު ނާކާމިޔާބީ ގަބޫލުނުކުރުންކަމަށެވެ. އޭނާ ވިދާޅުވީ ބަލިވާ ކެނޑިޑޭޓެއް މޮޅުވާ ކެނޑިޑޭޓެއްގެ ފަހަތަށް އަރަން ޖެހޭނެކަމަށެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓު ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީއަށް އިޝާރާތްކުރައްވާ އަސްލަމް ވަނީ އެ ޕްރައިމަރީގައި ކާމިޔާބު ލިބުނު ކެނޑިޑޭޓު ޝާޒް އާއި ވާދަކޮށް ނާކާމިޔާބު ލިބުނު ކެނޑިޑޭޓު ކ. މާފުށި ސަލްމާން ރަޝީދު ނާކާމިޔާބީ ގަބޫލުކޮށް، ޝާޒްގެ ފަހަތަށް އަރާފައިވާތީ ތައުރީފު ކުރައްވާފައެވެ. އަދި އޭނާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށްވެސް ގޮވާލީ މިފަދައިން އަމަލުކުރުމަށެވެ. ޕާޓީގެ އުސޫލުތަކާއި ހަމަތަކާއި ޕާޓީ، ޕާޓީއެއްގެ ގޮތުގައި ހިފަހައްޓަވަން މަސައްކަތް ކުރެއްވުމަށް އަސްލަމް އެދިވަޑައިގަތެވެ. ”ޒުވާން ސަލްމާން ރަޝީދު“ އެ ދައްކަވަނީ ނަމޫނާކަމަށާއި، ސިޔާސީ ގޮތުން ހަރު މީހުންކަމަށް، މީހުން ގަބޫލު ކޮށްގެން ތިބި މީހުން ވެސް އެ ނަމޫގައި ހިފަހައްޓަވަން ޖެހޭކަމަށް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ސުޕަ މެޖޯރިޓީގެ ގޮތުގައި، އެމްޑީޕީއަށް 65 ގޮނޑި ލިބިފައިވީ ނަމަވެސް، އޭގެ ތެރޭގައި އެއީ އެ ޕާޓީގެ މެމްބަރުންކަން ޔަގީން ނުވާ ބޭފުޅުންތަކެއް އެބަތިއްބެވިކަމަށެވެ. އަދި ޕީޕީއެމްއިން ނުވާ ދެކޮޅަށް އެ މެންބަރު އެމްޑީޕީއާއި ވަމުންދާކަމަށް ވިދާޅުވިއެވެ. އެގޮތުން އެ މެންބަރުން ޕާޓީގެ އުސޫލުތަކާއި އަސާސްތައް ކަމުނުގޮސްގެން އުޅޭ މެމްބަރުންވެސް އެބަތިބިކަމަށް ވިދާޅުވިއެވެ. އަދި ދޮގާއި ފިތުނަ އާއި ފަސާދައަށް ޖާގަ ދޭ ބަޔަކަށް މަޖިލީހުގެ މެންބަރުން ވެގެންނުވާނެކަމަށް ވިދާޅުވިއެވެ. އަދި އޭނާ އެދިލެއްވީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ރައްޔިތުންނަށްވެސް ފުރިހަމަ ނަމޫނާއަކަށްވުމަށެވެ.
އެންމެ މުހިންމު މަސްއޫލިއްޔަތު އަދާކުރާ ބަޔަކީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ކަން ރައްޔިތުންނަށް ފެންނަންޖެހޭކަމަށް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވެރިކަން ކުރައްވަމުން ގެންދަވަނީ، އެމްޑީޕީގެ އުސޫލުތަކާއި ޕާޓީގެ ހަމަތަކާއި ހިލާފަށްކަމަށް ބުނެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. ހާއްސަކޮށް މިދިޔަ މަހު ބޭއްވި ރިޔާސީ ޕްރައިމެރީ ރައީސް ސޯލިހު ކާމިޔާބު ކުރީ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެންކަމަށް ގިނަ މެމްބަރުން ބުނެއެވެ.
އެމްޑީޕީގެ ޕާލިމަންޓު ގުރޫޕާއި، ގައުމީ މަޖިލީހުގެ ގިނަ މެމްބަރުންނާއި އެކު ޕާޓީގެ ބޮޑު އަޣުލަބިއްޔަތެއް އޮތީ ރައީސް ސޯލިހަށެވެ. އަދި މަޖިލީހުގެ ތެރޭގައި އެ މައްސަލަތައް ގޯސްވެ، ރައީސާއި އަރިސް މެމްބަރުން ވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ވެރިކަމުގެ ދެވަނަ ދައުރަކަށް އައުމަށް، އެމްޑީޕީގެ ތާއީދު ރައީސް ސޯލިހަށް ލިބިފައިވީ ނަމަވެސް ނަތީޖާ ގަބޫލު ކުރުމަށް ރައީސް ނަޝީދު ވަނީ ދެކޮޅު ހައްދަވާފައެވެ.
ރައީސް ސޯލިހާއި އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލުކޮށްފައިވާއިރު، ކޯޓަށް ހުށަހެޅި މައްސަލައިގައި ރިޔާސީ ޓިކެޓު ރައީސް ސާލިހާއި ހަވާލުކުރުމުގެ ޖަލްސާ ހުއްޓުވައިދޭން ވެސް އެދިފައިވެއެވެ. މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ ކުރިން އެމްޑީޕީގައި މަގާމުތަކެއް އަދާކުރެއްވި ހާމިދު އަބްދުލްޣަފޫރެވެ. މި ސަރުކާރުން އުފައްދާފައިވާ ޕޮލިސް ބޯޑުގެ މެމްބަރުކަން ވެސް ކުރައްވާ ހާމިދަކީ ރައީސް ނަޝީދު ފެކްޝަނުގެ ބޭފުޅެކެވެ.
މިހާރު މި މައްސަލައިގެ އަޑު އެހުންތައްވެސް ފަށާފައިވާއިރު އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ މައްސަލަ ކޯޓަށް ހުށަހެޅި ސަބަބެއްކަމަށް، ހާމިދު ވިދާޅުވެފައި ވަނީ ޕާޓީގެ 39،000 މެމްބަރުން ގަވައިދާއި ހިލާފަށް ވަކިކުރުމަށް ފަހު އިންތިހާބު ބޭއްވުމެވެ. ރައީސް ނަޝީދު ތުހުމަތު ކުރާގޮތުގައި، އެ މެމްބަރުން ޕާޓީގެ ދަފްތަރުން އުނި ކުރީ ރައީސް ސޯލިހަށް އިންތިހާބު ކާމިޔާބު ކުރެވޭނެ މަގު ހޯދުމަށެވެ. އަދި ޕާޓީގެ ދަފްތަރުން އުނި ކުރި މެމްބަރުންނަކީ އަސްލު ހަގީގީ، އެމްޑީޕީގެ މެމްބަރުންކަމަށާއި ރައީސް ސޯލިހަށް 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ އެއްވެސް މަގެއް ނެތްކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ