ރުފިޔާ ކާޑުތަައް ބޭނުންކޮށްގެން ޑޮލަރުން ކުރާ މުއާމަލާތްތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގެނައި ކޮންޓްރޯލްތަކުގެ ސަބަބުން ރާއްޖޭން ބޭރުގެ ވިޔަފާރިތަކުގެ ސަބްސްކްރިޕްޝަންތަކަށް ފައިސާ ނުދެއްކުމުގެ މައްސަލަ ބޮޑުވެފައި ވަނިކޮށް އެއީ މާޗަންޓުންގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ބީއެމްއެލްއިން ބުނުމުން ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ބީއެމްއެލްއިން އެ ކޮންޓްރޯލްތައް ކަނޑައެޅީ، އިރާނު ހަނގުރާމައާ ގުޅިގެން ކުރިން ލިބޭ ވަރަށް ޑޮލަރު ނުލިބޭ ކަމަށް ބުނެ އެވެ. މި ގޮތުން ބޭންކުން ވަނީ ދިވެހިން އާންމުކޮށް ވިޔަފާރިކުރާ ބައެއް ސައިޓުތަކަށް ޑެއިލީ ލިމިޓެއް ކަނޑައަޅާ، އެ ސައިޓުތަކުން 30 ޕަސެންޓުގެ ފީއެއް ނަގަން ފަށާފަ އެވެ.
ބީއެމްއެލްގެ ޑޮލަރު ލިމިޓުތަކާ ގުޅިގެން އާންމުންގެ ޝަކުވާ އޮތީ ބޮޑުވެފަ އެވެ. އަދި، ބީއެމްއެލްއިން ކަނޑައެޅި ސައިޓުތައް ނޫން ސައިޓުތަކަށް ފައިސާ ނުދެއްކޭ ކަމަށް ވެސް މީހުން ދިޔައި ބުނަމުންނެވެ.
އިއްޔެ ހަމައެކަނި އެކްސްގައި ކުރި ޕޯސްޓެއްގައި ބީއެމްއެލްއިން ބުނެފައިވާ ގޮތުގައި މިހާރު އަމަލުކުރަމުން އަންނަ ޑެއިލީ ފޮރިން ސްޕެންޑް ބަޖެޓުގެ ތެރެއަށް ސަބްސްކްރިޕްޝަން ނުފެތެ އެވެ. އެހެންވެ ސަބްސްކްރިޕްޝަންތަކަށް ފައިސާ ދެއްކުން މަނާކޮށްފައި ނުވާނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެ އެވެ.
އެ ޕޯސްޓުކުރިތާ 18 ގަޑިއިރުވެގެންދިޔައިރު 168 ކޮމެންޓާއި 130 ރީޕޯސްޓްސް ވަނީ ހަމަވެފަ އެވެ. އެ ހުރިހާ ކޮމެންޓަކާއި ރިޕޯސްޓެއްގައި ވެސް ބީއެމްއެލްގެ ކަސްޓަމަރުން ވަނީ އެ ބޭންކުން މިކަމުގައި ދޮގު ހަދަމުންދާ ކަމަށް ތުހުމަތުކޮށްފަ އެވެ.
"ތަފާތު ސަބަބުތަކާހުރެ، ބައެއް ސަބްސްކްރިޕްޝަން ފައިސާ ބަލައިގަތުން މާޗަންޓުން (ވިޔަފާރިވެރިން) ރިޖެކްޓްކޮށްފައިވާކަން ވަނީ ފާހަގަކުރެވިފައި،" ބީއެމްއެލްއިން ބުނެފައިވެ އެވެ.
"ތިއީ ދޮގު ވާހަކައެއް، ކްރެޑިޓް އަދި ޑެބިޓް ކާޑުން ވެސް ސަބްސްކްރިޕްޝަނަށް ފައިސާއެއް ނުދެއްކުނު."
"އެއީ މާޗަންޓުންގެ މައްސަލައެއް ނޫން، އެއީ ބޭންކުގެ މައްސަލައެއް. މިކަން މިހެންވާން ފެށީ ކޮންޓްރޯލްތައް ކަނޑައެޅިފަހުން."
"ކަސްޓަމާ ސާވިސްއަށް ދެ ފަހަރު ގުޅުމުން ހަމައެކަނި އޮތް ހައްލެއް ކަމަށް ބުނީ އެކައުންޓު ޔޫއެސްޑީ ކާޑާ ގުޅުވުން."
"މައިކްރޯސޮފްޓް 365 ސަބްސްކްރިޕްޝަނަށް ފައިސާ ނުދެއްކުނު. ކޮންމެ ރެއަކު 12:30 ގައި ފައިސާ ދެއްކޭތޯ ތަކުރާރުކޮށް މަސައްކަތް ކުރަމުންދާއިރުވެސް، ޑެއިލީ ބަޖެޓް ހަމަވެފައިވާ ކަމަށް ބުނެ، ފޭކް ޕޭމަންޓް ޑިކްލައިން މެސެޖުތަކެއް ލިބެނީ."
މިއީ އާންމު ގޮތެއްގައި އެ ޕޯސްޓަށް ކޮށްފައި ހުރި ކޮމެންޓުތައް ހުރި ގޮތެވެ. އެތައް ބަޔަކު ވަނީ ބޭންކުގެ އެޕުން ފޮނުވަމުން އަންނަ "ޓްރާސެކްޝަން ޑިކްލައިންޑް" ނޯޓިފިކޭޝަންގެ ސްކްރީންޝޮޓުތަކެއް ހިއްސާކޮށްފަ އެވެ.
ދިވެހިން އާންމު ގޮތެއްގައި ބޭނުންކުރާ ސަބްސްކްރިޕްޝަން ހިދުމަތްތައް ކަމަށްވާ ނެޓްފްލިކްސް، ސްޕޮޓިފައި، މައިކްރޯސޮފްޓް، އެޑޯބީ، މެޓަ އެޑްސް، އެކްސް ފަދަ ހިދުމަތްތަކަށް ފައިސާ ނުދެއްކޭތީ ގިނަ ބަޔަކު އެކަން އެ ޕޯސްޓުގެ ދަށުގައި ހިއްސާކޮށްފައިވެ އެވެ.
ބީއެމްއެލްގެ ފުރަތަމަ ޕޯސްޓަށް ފަހު އިއްޔެ ދެވަނަ ޕޯސްޓެސް ވެސް ކުރި އެވެ. އެ ޕޯސްޓުގައި އޮތީ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ބޭންކުން ބޭރު ފައިސާ ފޯރުކޮށްދޭ އަދަދު އިތުރުވަމުންދާ ކަމަށް ބުނެ އެކަމުގެ ބައެއް ތަފާސްހިސާބެވެ.
"އަމިއްލަ ބޭނުންތަކަށް ކުރާ ވިޔަފާރީގެ މުއާމަލާތްތަކުން، ކަސްޓަމަރުންގެ ފައިސާ ހިފެހެއްޓުމަށް ގެންގުޅޭ ކޮންޓްރޯލްތައް ދިފާއު ނުކުރެވޭނެ،" އެ ޕޯސްޓަށް މީހަކު ކޮމެންޓު ކޮށްފައި އޮތެވެ.
ގިނަ ދިވެހިންނަކީ ރާއްޖޭން ބޭރުގެ އެކި ހިދުމަތްތައް ހޯދުމަށް ކޮންމެ މަހަކު ސަބްސްކްރިޕްޝަންތަކަށް ފައިސާ ދައްކަމުން އަންނަ މީހުންނެވެ. ބައެއް މީހުންނަކީ އެއް ސަބްސްކްރިޕްޝަނަށް ވުރެ ގިނަ ސަބަސްކްރިޕްޝަނަށް ފައިސާ ދައްކާ މީހުންނެވެ.
ކުދި ވިޔަފާރިތަކަށް ވެސް އަންނަނީ ބީއެމްއެލްގެ މި ކޮންޓްރޯލްތަކާ ހެދި ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މީގެކުރިން ގަވާއިދުން އިޝްތިހާރު ކުރަމުން އައި ވިޔަފާރިތަކަށް އިޝްތިހާރުތަކަށް ފައިސާ ނުދެއްކޭތީ އަންނަނީ ގެއްލުން ލިބެމުންނެވެ.
އޭގެ އިތުރުން، ބައެއް ކުދި ވިޔަފާރިތަކަކީ ބޭރުގެ ސައިޓުތަކުން ތަކެތި ގެނެސްގެން ވިއްކަމުންދާ ވިޔަފާރިތަކެއް ކަމަށްވާއިރު މި ކޮންޓްރޯލްތަކާ ހެދި ބައެއް ވިޔަފާރިތައް ހުއްޓާލަން ވެސް ވަނީ މަޖުބޫރުވެފަ އެވެ.
މި ސަރުކާރު އައުމަށް ފަހު ބީއެމްއެލްއަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވަމުން އަންނައިރު ބީއެމްއެލް ހަރަކާތްތެރިވަނީ ސަރުކާރުގެ އިދާރާއެއްގެ ގޮތުގައި ކަމަށް ދެކޭ މީހުން ވަރަށް ގިނަ އެވެ. ބީއެމްއެލްގެ ޑޮލަރު ކޮންޓްރޯލްތަކަށް މި މަހުގެ ފަހުކޮޅު ލުޔެއް ލިބޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ހާމަކުރައްވާފަ އެވެ.
ސަބްސްކްރިޕްޝަންތަކަށް ފައިސާ ނުދެއްކެނީ މާޗަންޓުންގެ ސަބަބުން ކަމަށް ބީއެމްއެލްއިން ބުނުމުން އާންމުން ރަތަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ