އިންފްލުއެންޒާ އަދި ރޯގާ ފެތުރޭތީ ސަމާލުވާން އިލްތިމާސްކޮށްފި

މި ދުވަސްވަރު އިންފްލުއެންޒާ އަދި އަރިދަފުސް ރޯގާ ފެތުރޭތީ އެ ދެ ބައްޔަށް ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ. 
އިންފްލުއެންޒާ އާއި އާދައިގެ ރޯގާގެ އަލާމާތްތައް އެއްގޮތްވި ނަމަވެސް އެއީ ދެ ވައިރަހަކުން ޖެހޭ ދެ ބައްޔެވެ. އަދި އިންފްލުއެންޒާއިން މީހާގެ ހަށިގަނޑަށް ކުރާ އަސަރު ބޮޑެވެ.
އެޗްޕީއޭއިން ބުނީ، މި ދުވަސްވަރަކީ އީދު ބަންދު ކަމަށްވާތީ ބަލި އިތުރަށް ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހެންކަމުން ބަލީގެ އަލާމާތްތައް ފެނިއްޖެ ނަމަ އެކަމަށް ސަމާލުވެ މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ނުދިޔުން މުހިންމު ކަމަށް އެ އިދާރާއިން ބުނެ އެވެ. 
"ހުން އައިސް ނުވަތަ ނޭވާލާ ނިޒާމުގެ ބައްޔެއްގެ އަލާމާތެއް ފެންނަ ނަމަ ގޭގައި މަޑުކުރުން، އާންމު އެއްވުންތަކާއި ހަރަކާތްތަކުގައި ބައިވެރިނުވުން [މުހިންމު]،" އެޗްޕީއޭއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެ އެވެ. 
އިންފްލުއެންޒާ ވައިރަސް ޖެހިއްޖެ ނަމަ ފަސް އަހަރުން ދަށުގެ ކުދިން އަދި ހާއްސަކޮށް ދެ އަހަރުން ދަށުގެ ކުދިންނަށް ކުރާ އަސަރު ބޮޑުވެދާނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ. އިންފްލުއެންޒާ ޖެހި، ހަ ގަޑިއިރަށްވުރެ ގިނަ ވަގުތު ކުޑަކަމުނުގޮސް ހޭދަވެއްޖެ ނަމަ އަދި ވަރުދެރަވެ ވަރަށް ބޮޑަށް ވަރުބަލިވެއްޖަ ނަމަ ނުވަތަ ގާތުން ކިރުބޯ ކުދިން ރަނގަޅަށް ކިރު ނުބޮއިފި ނަމަ ވީ އެންމެ އަވަހަކަށް ޑޮކްޓަރަށް ދައްކަންޖެހޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ. 
އޭގެ އިތުރުން، ބަސް ޓާމިނާއި އެއާޕޯޓާއި އާންމު ދަތުރުފަތުރު ކުރާ ތަންތަނުގައި ހަރަކާތްތެރިވާއިރު ނޭފަތާއި އަނގަ ފޮރުވޭ ގޮތަށް މާސްކު އަޅަން އެޗްޕީއޭ އިން އިލްތިމާސް ކުރެ އެވެ. އަދި ސައިބޯނި ލައިގެން ގިނައިން އަތް ދޮވުން މުހިންމު ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ. 
އިންފްލުއެންޒާ އާއި ރޯގާގެ އިތުރުން ޑެންގޫ އާއި ހިމަބިހީގެ ކޭސްތަކެއް ވެސް މާލެ ސަރަހައްދުން ފެނިފައިވާތީ އެކަންކަމަށް ވެސް ސަމާލުވާން އެޗްޕީއޭއިން އެދެ އެވެ. މަދިރި އުފެދޭ ގޮތަށް ގޭތެރޭގައި ހުރި ތަންތަން ރަނގަޅަށް ސާފުކޮށް، މަދިރިން ސަލާމަތްވާން ލޯޝަން ނުވަތަ ސްޕްރޭ ބޭނުން ކުރަން ވެސް އެ އިދާރާއިން އިލްތިމާސް ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ