މާފަރު ރައްޔިތުންގެ ކަންބޮޑުވުމަކީ ރަށުގެ ކަރަންޓުގެ މައްސަލަ: ރައީސް ދެއްވީ ހައްލު ކުރާނެކަމުގެ ޔަގީންކަން!

މާފަރަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ހާއްސަ އިސްކަމެއް ދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
ނ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، މުއިއްޒު މިއަދު އެންމެ ފުރަތަމަ ވަޑައިގަތީ މާފަރަށެވެ. އަދި މާފަރު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ބައްދަލު ކުރަށްވައި ވަނީ ރަށަށް ދިމާވެފައިވާ ބައެއް މައްސަލަތައް އޮޅުންފިލުއްވާފަ އެވެ.
މި ބައްދަލުމުގައި ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ކައުންސިލުން ހުށަހެޅީ، ކަރަންޓުގެ މައްސަލަ އެވެ. އަދި ބޭސްފަރުވާގެ ދަތިތައް ހުރުމުގެ ސަބަބުން ސިއްހީ ހިދުމަތުގެ ފެންވަރު މިހާރަށް ވުރެ ރަނގަޅުވުމަށް ރައްޔިތުން އެދޭކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.
މީގެއިތުރުން މާފަރު އެއާޕޯޓުގެ ތަރައްގީއަށް އިތުރު މަސައްކަތްތަކެއް ކުރުމަށް ރައްޔިތުން އެދޭތީ، ބޭނުންވާ ބައެއް ކަންކަން ކައުންސިލުން ވަނީ ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ކުރުމަށްޓަކައި ޓާމިނަލްއާއި، ރަންވޭއަށް ބަދަލުތައް ގެނައުމެވެ.
މި ހުށަހެޅުންތައް އަޑުއައްސަވައި ރައީސް ވަނީ، ވަޒީރް އެކަންކަން ބައްލަވައި ކައުންސިލާއި އެކު މަޝްވަރާ ކުރުމަށް އެދިވަޑައިގެންފަ އެވެ.
މި ބައްދަލުވުގައި ރައީސް ވަނީ މާފަރުގެ ތަރައްގީއަށް ރޭވިފައި ހުރި ބައެއް މަސައްކަތްތަކުގެ އަދާހަމަ ހިއްސާ ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ