ޣައްޒާގެ ޢުދުވާނު ފުޅާކުރަން ޔަހޫދީން ރާވަނީ

ފަލަސްޠީންގެ ޣައްޒާގައި ޙަމަލާތައް ހުއްޓައިލުމަށް މިދިޔަ އޮކްޓޯބަރު މަހު އަލުން ޢަމަލުކުރަން ފަށާފައިވާ އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގެ މަޝްވަރާތަކުގެ ތެރެއިން، ޣައްޒާގައި ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ހިންގަން ޔަހޫދީން ރާވައިފިއެވެ.
އިތުބާރުހުރި ބައެއް މަސްދަރުތަކުން މަޢުލޫމާތު ދޭ ގޮތުގައި، ޔަހޫދީންގެ ނިރުބަވެރި އަސްކަރިއްޔާއިން ހުށަހަޅާފައިވަނީ، ޣައްޒާގެ ދެކުނުން ޔަހޫދީ ފައުޖުތައް އެއްގަމުން ވަދެގަނެ، ޣައްޒާގެ އިތުރު ބިންތައް އިސްތިޢުމާރު ކުރުމަށެވެ.
ނަމަވެސް، ޔަހޫދީންގެ އަސްކަރިއްޔާއިން ރާވާފައިވާ އެ ރޭވުމަށް، ޔަހޫދީ ދައުލަތުން އަދި ފާސްނުކުރާ ކަމަށް ވެސް އެ މަސްދަރުތަކުން ބުންޏެވެ.
ޔަހޫދީން ރާވަމުންދަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ އަސްކަރީ ޤާބިލުކަން އިތުރުކުރާކަމުގެ ބަހަނާ އާއެކު، ޣައްޒާގެ ޢުދުވާނު ފުޅާކުރުމަށެވެ.
ޣައްޒާގެ ޢުދުވާނު ފުޅާކުރަން ޔަހޫދީން ރާވަމުންދަނީ، ފަލަސްޠީންގެ ޣައްޒާގައި ޙަމަލާތައް ހުއްޓައިލުމަށް މިދިޔަ އޮކްޓޯބަރު މަހު އަލުން ޢަމަލުކުރަން ފަށާފައިވާ އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ފަލަސްޠީނުގެ މަންދޫބުންނާ އެކު މިކަމުގައި މެދުއިވެރިއެއްގެ ދައުރު އަދާކުރަމުންދާ ޤައުމުތަކުގެ މަންދޫބުންނާއެކު މިޞްރުގައި ކުރިއަށްދާ ދަނޑިވަޅެއްގައެވެ.
ޙަމަލާތައް ހުއްޓައިލުމުގެ ދެވަނަ ފިޔަވަހި ތަންފީޒުކުރަން ފެށުމާ ގުޅޭގޮތުން މިޞްރުގެ ވެރިރަށް ޤާޙިރާގައި ކުރިއަށްދާ މަޝްވަރާތަކުގައި މިޞްރު، ޤަތަރު އަދި ތުރުކީވިލާތުގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ދޭން ފެށި ޢުދުވާނީ ޙަމަލާތައް ނިމުމަކަށް އައިސްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު ޢަމަލުކުރަން ފެށި ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ ހުށަހަޅުއްވާފައިވާ، 20 ނުކުތާގެ މައްޗަށް އެކުލެވޭ އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގައި، ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީ އަސީރުން މިނިވަންކުރުމާއި، ޣައްޒާގެ ސަރަޙައްދުތަކުން ޔަހޫދީ ސިފައިން ފޭބުމާއި، ސުލްޙަ ބަލަހައްޓަން ބައިނަލްއަޤުވާމީ ފައުޖެއް ޤާއިމުކުރުން ހިމެނެއެވެ.
އެ އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގައި ހިމެނޭ ކަންކަން ޙަމާސުން ފުރިހަމަކޮށްފައިވީނަމަވެސް، ޔަހޫދީން ދަނީ އެ އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފަށް ޣައްޒާއަށް ޙަމަލާތައް ދެމުންނެވެ.
އަދި އެ އެއްބަސްވުމުގައި ހިމަނާފައިވާ ގޮތަށް، ޔަހޫދީން އަދިވެސް ދަނީ ޣައްޒާއަށް ކާބޯތަކެއްޗާއި، ބޭސް އަދި އަސާސީ އެހެނިހެން މުދާ އެތެރެކުރަން ފާޅުގައި ހުރަސްއަޅަމުންނެވެ.
ޣައްޒާގެ ސިއްޙީ ވުޒާރާއިން ބުނާ ގޮތުގައި، ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުންވެސް، ޔަހޫދީން ވަނީ 970އަށް ވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކޮށްލައި، އިތުރު 3،000އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ