ރާއްޖެއިން ކުރިން ނައްތާލާފައިވާ ހިމަބިހީގެ (މީސްލްސް) ގެ އިތުރު ދެ ކޭސް މާލެ ސަރަހައްދުން ފެނި، ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 11 އަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މާލެ ސަރަހައްދުން ހިމަބިހީގެ އިތުރު ދެ ކޭސް ފެނުނީ މިދިޔަ ހަފުތާގެ ތެރޭގައި ކަމަށެވެ.
ހުންއައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދައި، އަދި ފަރުވާ ހޯދަން އަންނައިރު މާސްކު އެޅުމުގެ އިތުރުން އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރަން އެޗްޕީއޭއިން ވަނީ އެދިފަ އެވެ.
މީގެއިތުރުން އެޗްޕީއޭއިން ބުނީ ހިމަބިއްސަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށާއި ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރަން އެދޭ ކަމަށެވެ.
"ބަލިތައް ވެކްސިން ޖަހައިގެން ނައްތާލެވުނީމަ ގިނަ ފަހަރަށް މީހުން އޭގެ މަތިން ހަނދާން ނެތޭ، ބަލި ނުފެންނަން ފެށީމަ. ދެން ވެކްސިން ޖަހައިގެން ތަދުވުމާއި ހުންއައުން، މިކަހަލަ ކުދި ކުދި ކަންކަމަށް މާބޮޑަށް ވިސްނާ. ވެކްސިން އިން ލިބޭ ފައިދާއަށްވުރެ ބޮޑަށް މިކަންކަމަށް ވިސްނަނީ"
ހިމަބިއްސަކީ 2017 ވަނަ އަހަރު ރާއްޖެއިން މުޅިން ނައްތާލާފައިވާ ބައްޔެއްގެ ގޮތުގައި ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ބައްޔެކެވެ. ނަމަވެސް 2020 ވަނަ އަހަރުގައްޔާއި 2023 ވަނަ އަހަރުގެ އޭޕްރިލް މަހުގައި ވެސް ވަނީ ހިމަބިހީގެ ކޭސްތަކެއް ރާއްޖެއިން ފެނިފަ އެވެ. އެ ކޭސްތައް އޭރު ވަނީ ވަގުތުން ކޮންޓުރޯލް ކޮށްފަ އެވެ.
ހިމަބިހިން ރައްކާތެރިވުމުގެ ވެކްސިން ދެނީ ދެ ޑޯޒަކަށް ބަހާލައިގެންނެވެ. ފުރަތަމަ ޑޯޒް ދެނީ އުމުރުން އެއް އަހަރުގަ އެވެ. ދެވަނަ ޑޯޒް ދެނީ އުމުރުން ގާތްގަނޑަކަށް ތިން އަހަރުގަ އެވެ.
ހިމަބިހިން ރައްކާތެރިވުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ވެކްސިން ޖެހުން ކަމަށް ޑޮކްޓަރުން އަންނަނީ ބުނަމުންނެވެ. އަދި ވެކްސިނާއެކު ރާއްޖެއިން ނައްތާލެވިފައިވާ ބަލިތަކަކީ ކައިރި ގައުމުތަކުން އައިސްދާނެ ބަލިތައް ކަމަށްވާތީ، ވެކްސިން ޖެހުމުގައި ފަރުވާ ކުޑަ ނުކުރަން ޑޮކްޓަރުން އިލްތިމާސްކުރެ އެވެ.
ހިމަބިހީގެ އިތުރު ދެ ކޭސް ފެނި، ޖުމްލަ ކޭސްތަކުގެ އަދަދު 11 އަށް އަރައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ