ޓާމިނަލު 1އިން ފްރާންސް އަދި އިޓަލީގެ ގައުމީ އެއާލައިނަށް ހިދުމަތް ދޭން ފަށައިފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން ފްރާންސްގެ ގައުމީ އެއާލައިން، އެއާ ފްރާންސަށާއި އިޓަލީގެ ގައުމީ އެއާލައިން، އައިޓީއޭ އެއާވޭސްއަށް ހިދުމަތް ދޭން ރަސްމީކޮށް ފަށައިފިއެވެ.
މިއީ ވީއައިއޭގެ އާ ޓާމިނަލަށް އެއާލައިންތައް ބަދަލުކުރުމުގެ މަސައްކަތް، ’އޮރާޓް‘ މަރުހަލާގެ ދަށުން ކުރިއަށްދާކަން ހާމަކޮށްދޭ ކަމެކެވެ. މި ދެ އެއާލައިނަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށްޓަކައި ވަނީ ހާއްސަ ރަސްމިއްޔާތުތަކެއް ބާއްވާފައެވެ.
އެއާ ފްރާންސަށް ހިދުމަތް ދިނުން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މަންޓާ އޭވިއޭޝަންގެ ޑެޕިއުޓީ ސީއީއޯ އަދި އެކައުންޓަބަލް މެނޭޖަރު އަހުމަދު މައުމޫންއެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ. އެއާ ފްރާންސްއަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ފްރާންސްގެ ފުރަތަމަ އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 2 ނޮވެމްބަރު 2017 ގައެވެ.
އިޓަލީގެ ގައުމީ އެއާލައިންސް، އައިޓީއޭ އެއާވޭސްއަށް ހިދުމަތް ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސް އިގުލާބު އާދަމްއެވެ. މި ރަސްމިއްޔާތުގައި އައިޓީއޭ އެއާވޭސްގެ އައުޓްސްޓޭޝަން ކޯޑިނޭޓަރ، ޑެނިއެލް ޕިރާސް އާއި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އައިޓީއޭ އެއާވޭސްއަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އިޓަލީގެ ދެވަނަ އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 18 ޑިސެމްބަރު 2022 ގައެވެ.
އެއާ ފްރާންސްއަށް ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށުމުގެ ގޮތުން، އެ އެއާލައިންސްގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ ފްލައިޓުން ފުރި 51 ފަސިންޖަރުންނަށް ހަދިޔާ ދީފައިވެއެވެ. އަދި، ޓާމިނަލް 1 އަށް ކައިރި ކުރި އެއާ ފްރާންސްގެ ފުރަތަމަ ފްލައިޓު، AF268 އިން ރާއްޖެ އައި 332 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ.
އައިޓީއޭ އެއާވޭސްއަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން، އެ އެއާލައިންސގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ ފްލައިޓުން ފުރި 60 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި، ޓާމިނަލް 1 އަށް ކައިރި ކުރި އައިޓީއޭ އެއާވޭސްގެ ފުރަތަމަ ފްލައިޓް، AZ776 އިން ރާއްޖެ އައި 290 ފަސިންޖަރުންނަށް ވެސް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ދަނީ ވީއައިއޭގެ އައު ޓާމިނަލަށް، ’އޮރާޓް‘ މަރުހަލާގެ ދަށުން، ފަހަރަކު އެއާލައިނެއް އައު ޓާމިނަލަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި ދެ އެއާލައިން ބަދަލުކުރުމަކީ ވީއައިއޭގެ ހިދުމަތްތައް އިތުރަށް ފުޅާވެ، ފަސިންޖަރުންނަށް ލިބޭ ތަޖުރިބާ ރަނގަޅުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ