މެލޭޝިއާގައި ބުލީކުރުން ހުއްޓުވުމަށް ރިޓަޔަޑް ސިފައިން ނެރެނީ

ކުއާލަލަންޕޫރު (01 ޖުލައި 2026): މެލޭޝިޔާގެ ބޯޑިންގް ސްކޫލްތައް ބެލެހެއްޓުމަށް ސިފައިންގެ ޚިދުމަތުން ރިޓަޔާ ކޮށްފައިވާ މީހުން ހަމަޖެއްސުމަށް އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ. މެލޭޝިއާގެ ތައުލީމާބެހޭ ވުޒާރާގެ މަސްއޫލުވެރިއަކާ ހަވާލާދީފައިވާ ރިޕޯޓްތައް ބުނާގޮތުން މިއީ މެލޭޝިއާގެ ބޯޑިންގް ސްކޫލްތަކުގައި ބުލީކުރުން އިތުރުވަމުންދާތީ އެކަން ހުއްޓުވުމަށް ފަށާފައިވާ ޕްލޭންގެ ދަށުން އަޅަން ނިންމި ފިޔަވަޅެކެވެ. ދާދިފަހުންވަނީ މެލޭޝިއާގެ ޖޮހޯރުގެ ބޯޑިންގް ސްކޫލެއްގައި ބުލީކުރުމުގެ މައްސަލައެއް ފެންމަތިވުމުން އެކަމުގައި ޝާމިލްވާ ދަރިވަރުންތަކެއް ހައްޔަރުކޮށްފައެވެ. މިދިޔަ އަހަރު ވެސް މެލޭޝިއާގައި ބުލީގެ މިފަދަ އެތައް ކޭސްތަކެއް ފެންމަތިވެފައި ވެއެވެ. މެލޭޝިއާގެ ނޫސްތައް ބުނާ ގޮތުން ސިފައިންގެ ޚިދުމަތުން ވަކިކުރައްވާފައިވާ ރިޓަޔަޑް މީހުން ހަމަޖައްސަނީ ބޯޑިންގް ސްކޫލްތަކުގެ ގާޑުން ނުވަތަ ވާޑެނުންގެ މަގާމަށެވެ. ސަބަބަކީ މިފަދަ މީހުންނަކީ އާންމުގޮތެއްގައި އެހެން މީހުންނަށްވުރެ ޑިސިޕްލިން ރަނގަޅު ވެފައި ސުލޫކީ ކަންކަން ހަމަމަގަށް އެޅުވުމުގެ ގާބިލްކަން ބޮޑު ބައެއްކަމަށް ބެލެވޭތީއެވެ. ސިފައިންގެ ޚިދުމަތުން ރިޓަޔާ ކޮށްފައިވާ 16 މީހަކު ބޯޑިންގް ސްކޫލްތަކުގެ ގާޑުން ނުވަތަ ވާޑެނުންގެ މަގާމަށް ފުރަތަމަ ހަމަޖައްސާއިރު ދެވަނަ ބުރުގައި މިފަދަ 32 މީހުން ހަމަޖައްސާގޮތަށް މެލޭޝިއާގެ ކަމާބެހޭ އިދާރާތަކުން މިހާރު ނިންމާފައިވާ ކަމަށް ޚަބަރުލިބެއެވެ. އަންހެން ކުދިންގެ ބޯޑިންގްތަކަށް ހަމަޖައްސާކަމަށްވަނީ ސިފައިންގެ ޚިދުމަތުން ރިޓަޔާ ކޮށްފައިވާ އަންހެނުންނެވެ. މެލޭޝިއާގެ އެކިކަންކޮޅުތަކުގައި އެ ގައުމުގެ ސަރުކާރުން 58 ބޯޑިންގް ސްކޫލް ހިންގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ