ސުކޫލަށް ދިޔުން މަދުވުމުން ހެދި ދިރާސާއަކުން ދެއްކީ، ގްރޭޑް 9، 10ގެ ކުދިން ނިދަނީ މެންދަމުކަން!
ގްރޭޑް ނުވައަކާއި ދިހައެއްގެ ދަރިވަރުން ނިދަނީ މެންދަމު ކަމަށް, ދަރިވަރުން ސުކޫލަށް ދިޔުން މަދުވާތީ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)އިން ހެދި ދިރާސާއަކުން ދައްކައިފިއެވެ. އެ ދިރާސާގެ މައުލޫމާތުތައް ހާމަކުރެއްވީ، މިދިޔަ ބުރާސްފަތި ދުވަހު ދ. އަތޮޅުގެ ތައުލީމީ މަރުކަޒުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވި އައިޔޫއެމްގެ އެސިސްޓެންޓް ޕްރޮފެސަރު އަދި ސެންޓާ ފޯ ރިސާޗް އެންޑް ޕަބްލިކޭޝަންސްގެ ޑީން ޑރ. އާމިނަތު ޝާފިޔާއެވެ. އޭނާ ވިދާޅުވީ، ފުރާވަރުގެ ކުދިން ސްކޫލަށް ދިޔުން މަދުވާތީ އައިޔޫއެމްއިން މި ފަހުން ދިރާސާއެއް ހެދި ކަމަށާއި އެ ދިރާސާ ހެދީ ގްރޭޑް ދިހައަކާއި ނުވައެއްގެ ދަރިވަރުންނާ ސުވާލުކޮށްގެން ކަމަށެވެ. އެ ދިރާސާ ހެދުމަށް އައިޔޫއެމްއިން މާލެ ސަރަހައްދުގެ ގިނަ ސުކޫލުތަކާއި އއ. އަތޮޅާއި ކ. އަތޮޅާއި ހދ. އަތޮޅުގެ ބައެއް ސުކޫލުތަކުގެ ދަރިވަރުންނާ ސުވާލުކުރިއެވެ. ޑރ ޝާފިއާ ދ. އަތޮޅު ތައުލީމީ މަރުކަޒުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ---- ފޮޓޯ/ ދ. އަތޮޅު ތައުލީމީ މަރުކަޒު އެ ދިރާސާއާ ހަވާލާދެއްވައި ޑރ. ޝާފިއާ ވިދާޅުވި ގޮތުގައި، ގްރޭޑް ނުވައަކާއި ދިހައެއްގެ ދަރިވަރުން ނިދަނީ ދަންވަރުގެ ގަޑިތަކުގައެވެ. [އެ ކުދިން] ނިދާ ގަޑިއަކީ [ދަންވަރު] 3:30. 02:30. 01:30. ހަތަރެއް ޖަހާއިރު. މި ދައްކަނީ ބޮޑެތި މީހުންގެ ވާހަކައެއް ނޫނޭ. މި ދައްކަނީ ތި ކުދިންގެ އުމުރުފުރައިގެ ކުދިންގެ ވާހަކައައިޔޫއެމްގެ އެސިސްޓެންޓް ޕްރޮފެސަރު އަދި ސެންޓާ ފޯ ރިސާޗް އެންޑް ޕަބްލިކޭޝަންސްގެ ޑީން ޑރ. އާމިނަތު ޝާފިޔާ އޭނާ ވިދާޅުވީ، ފޯނުގައި ގިނަ މައުލޫމާތުތަކެއް ހުންނައިރު، އެ ތަކެތި ބެލުމުގައި ދަރިވަރުންނަށް ނޭނގި ގިނަ ވަގުތު ހޭދަކުރަން ނުނިދާ އޮވެވިދާނެ ކަމަށެވެ. އެހެންވެ، ބުއްދީގެ ބޭނުންކޮށްގެން، ވަގުތުތައް ރާވައިގެން ނިދުމުގެ އިންތިޒާމުތައް ބެހެއްޓުމަށް ދަރިވަރުންނަށް ޝާފިއާ އިރުޝާދުދެއްވިއެވެ. މި ދިރާސާއަކީ، ކުދިން ސުކޫލަށް ދިޔުން މަދުވުމުން ހެދި ދިރާސާއެއްކަން ފާހަގަކުރައްވައި، ޝާފިއާ ވިދާޅުވީ، ކުދިން ލަހުން ނިދުމުން ހެނދުނު ބަނޑު ސަކަރާތްވުމާއި މޫޑު ގޯސްވުމާއި ބޮލުގައި ރިހުން ފަދަ ކަންކަން ދިމާވެގެން ސުކޫލަށް ނުދެވޭ ކަމަށެވެ. މި ދިރާސާގެ އިތުރު އެހެން ތަފުސީލުތައް ޝާފިއާ ހާމައެއް ނުކުރައްވައެވެ. އެ ރަސްމިއްޔާތުގައި ޝާފިއާ ވަނީ، ކާމިޔާބު ދަރިވަރަކަށް ވުމަށް ކުރަން ޖެހޭ ކަންތައްތަކާއި ކޮށްގެން ނުވާނެ ކަންތައްތަކަށް ތަފުސީލީ ގޮތެއްގައި އަލިއަޅުވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ