ނަޝީދުއާ ޖެހުނު މައްސަލަ ސޯލިހުގެ ދުލުން: ބޮޑުވަޒީރަކަށް ވުމަށް ފޮނުވި މެސެޖާއި އޭގެ ފަހުންވި ގޮތްތައް

އެމްޑީޕީގެ އެތެރޭގައި އުފެދުނު މައްސަލަތަކާއި 2023 ގެ ރިޔާސީ އިންތިހާބު ނާކާމިޔާބުވާން މެދުވެރިވި ސަބަބުތައް، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފުރަތަމަ ފަހަރަށް ތަފުސީލުކޮށް ވިދާޅުވެއްޖެ އެވެ.
ޖޫން 12 ގައި ބާއްވާ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމަށް ތާއިދު ކޮށްދެއްވުމަށް ސ. މަރަދޫއަށް ވަޑައިގެން މިއަދު ބޭއްވި ބައްދަލުވުމުގައި ސޯލިހު ވިދާޅުވި ގޮތުގައި، ސަރުކާރު ހިންގުމަށް އެންމެ ބޮޑު ހުރަހަކަށްވީ ވެރިކަމުގެ ނިޒާމު ބަދަލުކޮށް ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ނަޝީދު ކުރެއްވި މަސައްކަތެވެ.
ސޯލިހު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ވެރިކަމުގެ ފަލްސަފާއަކީ، ވެރިކަމަށް އަންނަ މީހަކު ހުރިހާ ރައްޔިތުންނަށް ހަމަހަމައަށް ހިދުމަތްކުރުމެވެ. އެހެންކަމުން ޕާޓީގެ އެތެރޭގެ ހިންގުން އޭރު ދޫކޮށްލާފައި އޮތީ ޕާޓީގެ ލީޑަރަށާއި ޗެއާޕާސަނަށެވެ. ނަމަވެސް، 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބަށްފަހު ކަންކަން ބަދަލުވެގެން ދިޔަކަން ސޯލިހު ފާހަގަކުރެއްވި އެވެ.
"ރައްޔިތުންގެ މަޖިލީސް އިންތިހާބުވެ ނިމުމާއެކީގައި އޭގެތެރެއިން ބައެއް ބޭފުޅުން ނިންމެވި ނިންމެވުމަކީ ޕާލިމެންޓަރީ ގްރޫޕް ހިނގާނީ ސަރުކާރާ ވަކިންނޭ،" ސޯލިހު ވިދާޅުވި އެވެ.
"އެ ދައްޗާއެކު އަޅުގަނޑު ފުރަތަމަ ވެސް ސަރުކާރު ހިންގަން ފެށީ. އަޅުގަނޑަށް މަޖުބޫރުވި ސަރުކާރުން ހުށަހަޅާ ކޮންމެ ބިލަކާ ކޮންމެ މައްސަލައެއްގައި ލޮބީކޮށްގެން މެންބަރުންގެ ތާއިދު ހޯދުމުގެ މަސައްކަތް ކުރަން. އަޅުގަނޑު އެކަން ކުރަމުން ދިޔައީ. އަޅުގަނޑަށް އެހީތެރިވި ވަރަށް ގިނަ ބޭފުޅުން މިތާ މިއަދުވެސް އެބަ ތިއްބެވި."
މި ނިންމުމުގެ ސަބަބުން ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމަށް ބޭނުންވި މަޖިލީހުގެ އެއްބާރުލުން ގެއްލި، ކޮންމެ ބިލަކަށް މެންބަރުން ކައިރީ ލޮބީ ކުރަންޖެހުނު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޕާޓީގެ އެތެރޭގެ ބައެއް ބޭފުޅުން މަޖިލިސް ތެރޭގައި ސަރުކާރަށާއި ރައީސަށް އަމާޒުކޮށް، "ވަގަށް" ގޮވައި އަގުވައްޓާލަން މަސައްކަތްކުރި ކަމަށްވެސް ވިދާޅުވިއެވެ.
"މަޖިލިސް ތެރޭގައި ވަރަށް ހަޑިހުތުރުކޮށް ސަރުކާރަށާއި އަޅުގަނޑަށް ނިސްބަތްކޮށް އަޅުގަނޑުމެންގެ މެންބަރުން ވާހަކަ ދައްކަން ފެށި. ވަގަށް ވެސް ގޮވަނީ. ހަޑިހުތުރު އެއްޗެހިވެސް ގޮވަނީ. ސަރުކާރުން ރައްޔިތުންނަށް ކަމެއް ނުކޮށްދޭ ވާހަކަ ވެސް ގޮވަނީ. ހަގީގަތުގައި އޭރު އޮތް އޮޕޮސިޝަނަށް ވުރެ ވެސް ބޮޑަށް ސަރުކާރު ފަލީހަތްކޮށް ރައްޔިތުންގެ ކުރިމަތީގައި އަގުވައްޓާލުމަށްޓަކައި އަޅުގަނޑުމެންގެ ތެރޭގައި ތިބި ބަޔަކު އެ މަސައްކަތް ކުރަމުން ގެންދިޔައީ. އެ ދަތީގައި އަޅުގަނޑު މަސައްކަތް ކުރަމުން ގެންދިޔައީ،" ސޯލިހު ވިދާޅުވި އެވެ.
"މިއީ އަޅުގަނޑު އުއްމީދުކުރި ކަމެއް ނޫން. މިހެން އޮއްވައި ރައީސް ނަޝީދު އަޅުގަނޑަށް ގުޅުއްވާފައި ވިދާޅުވި އަޅުގަނޑު ބޭނުމޭ މި އަހަރުތެރޭގައި، އެއީ ފުރަތަމަ އަހަރުތެރޭގައި ރިފަރެންޑަމަކަށް ދާން. ސަރުކާރު ހިންގުން، ދައުލަތް ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން."
މައްސަލަ އެންމެ ބޮޑަށް ހޫނުވީ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމުގެ މައްސަލައިގައިކަން ފާހަގަ ކުރައްވައި ސޯލިހު ހާމަކުރެއްވި ގޮތުގައި، ނަޝީދު ގުޅުއްވައި ސަރުކާރުގެ ފުރަތަމަ އަހަރު ތެރޭގައި ރިފަރެންޑަމަކަށް ދާން އެދިވަޑައިގަތެވެ. އަދި އޭގެ ފަހުން ވަޒީރުންނަށާއި ނޫސްތަކަށް ނަޝީދު ފޮނުއްވި އެ މެސެޖު އޭރު ތިލަވިއެވެ.
"އެއީ 2023 ގެ އިންތިހާބުގެ ކުރިން ރިފަރެންޑަމަކަށް ގޮސް، ބަރުލަމާނީ ނިޒާމަކަށް ގޮސް ތިމަންނަ ބޮޑުވަޒީރެއްގެ ގޮތުގައި ސަރުކާރާ ހަވާލުވާނީއޭ،" ނަޝީދު ފޮނުއްވި މެސެޖާ ގުޅޭގޮތުން ސޯލިހު ވިދާޅުވި އެވެ.
ނަމަވެސް، ރާއްޖޭގެ ރައްޔިތުން ތިބީ ބަރުލަމާނީ ނިޒާމަކަށް ދާން ބޭނުންވެގެން ނޫން ކަމަށާއި، ދިރާސާތަކުން އެ ނިޒާމަށް ލިބުނީ އެންމެ 20-25 ޕަސެންޓު ތާއިދުކަމުން، އެފަދަ ނާކާމިޔާބު ކަމަކަށް ގޮސްފިނަމަ ރިޔާސީ އިންތިހާބު ގެއްލޭނެ ކަމަށް ނަޝީދަށް ދެންނެވި ކަމަށް ސޯލިހު ވިދާޅުވި އެވެ.
ރިޔާސީ ޕްރައިމަރީގެ ކުރިން ބަލިވާ ކެންޑިޑޭޓަކު މޮޅުވާ ކެންޑިޑޭޓަކަށް ތާއިދުކުރަން ނަޝީދު އެއްބަސްވެވަޑައިގެންނެވި ނަމަވެސް، ޕްރައިމަރީން ބަލިވުމުން އެގޮތަށް ކަންތައް ނުކުރެއްވި ކަމަށް ސޯލިހު ވިދާޅުވިއެވެ.
އެކީގައި މަސައްކަތް ކުރުމަށް ފަހުން ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅި ޕްރޮޕޯސަލްތައް ރައީސް ސޯލިހު ގަބޫލެއް ނުކުރެއްވިއެވެ. އޭގެ ތެރޭގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން ރިފަރެންޑަމް އިއުލާންކުރުމާއި، އާ ރައީސް ހުވާކުރުމުގެ ކުރިން ރިފަރެންޑަމް ބޭއްވުން އަދި ކެބިނެޓުގައި ތިއްބެވި 3 ވަޒީރަކު މަގާމުން ވަކިކުރުން ހިމެނެ އެވެ. އޭގެ ތެރޭގައި ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު ވެސް ހިމެނޭކަން ފާހަގަ ކުރެއްވި އެވެ.
ސޯލިހު ވިދާޅުވީ މި ޝަރުތުތައް ގަބޫލުކޮށްފިނަމަ ވޯޓު ނުދޭނެ ކިތަންމެ ބަޔަކު ތިބި ކަމަށާއި، ވަޒީރުން ވަކިކުރުމަކީ މާ ގެއްލުން ބޮޑުވާނެ ކަމެއް ކަމަށް ފެނުމުން އެކަން ނުކުރެއްވީ ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މެދުވެރިވެގެން ނަޝީދުގެ ތާއިދު ހޯދަން ކުރި މަސައްކަތްވެސް ނަޝީދު ގަބޫލެއް ނުކުރެއްވި ކަމަށް ވެސް ސޯލިހު ފާހަގަ ކުރެއްވި އެވެ.
އިންތިހާބު ނާކާމިޔާބުވި އެންމެ ބޮޑު ސަބަބަކީ ފުރަތަމަ ބުރުގައި ކެމްޕޭނު ނުކުރެވުމާއި، ސަރުކާރާ ދެކޮޅަށް ދެއްކި ދޮގު ވާހަކަތަކަށް ޖަވާބު ނުދެވުން ކަމަށް ސޯލިހު އެއްބަސްވެވަޑައިގަތެވެ. ކޮވިޑް ތެރޭގައި ވެންޓިލޭޓަރު ވަގަށް ނެގުމާއި، ކަނޑު ވިއްކާލުމާއި، އިންޑިއާ ސިފައިންގެ މައްސަލައަކީ ހަގީގަތެއް ނެތް ވާހަކަތަކެއްކަން މިއަދު އެނގޭ ކަމަށާއި، ޕާޓީގެ ދަފްތަރުން 39,000 މީހުން ކަނޑާލި ވާހަކައަކީވެސް ދޮގެއް ކަމަށް ވިދާޅުވިއެވެ.
ސޯލިހު ވިދާޅުވީ 2023 ގެ ނާކާމިޔާބީ ތަކުރާރުވިޔަނުދީ، 2028 ކާމިޔާބުކުރަން އެންމެން ގޮވައިގެން ކުރިއަށްދާންޖޭ ކަމަށެވެ. އަދި ޕާޓީގެ އެތެރޭގައި މީހުން ބާކީނުކޮށް، އެހެން މީހުންވެސް ޕާޓީއާ ގުޅުވޭނެ ސިޔާސަތެއް ގެންގުޅެންޖެހޭ ކަމަށާއި، މިވަގުތު އެކަން ކުރެވޭނެ ބޭފުޅަކީ މީކާއީލް ނަސީމް ކަމަށް ވިދާޅުވެ، ކުރިއަށް އޮތް އިންތިހާބުގައި މީކާއީލަށް ވޯޓު ދެއްވުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފަ އެވެ.
"މި ވާހަކަ ދެއްކީމަ އަޅުގަނޑާ ދިމާއަށް ފުންމައިގެން އަންނާނެ،" ސޯލިހު ވިދާޅުވިއެވެ. ނަމަވެސް ދައްކާނެ އިތުރު ވާހަކަ ވެސް ހުރި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ