ސުޕްރީމް ކޯޓަށް އައްޔަނުކުރަން ރައީސް ފޮނުއްވެވީ ފަނޑިޔާރު ހަމީދާއި ސަލީމްގެ ނަން!

ސުޕްރީމް ކޯޓުގައި ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް އާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދުގެ ނަންފުޅު ރައީސް ޑރ މުޙައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވަވައިފިއެވެ.
ސުޕްރީމް ކޯޓުގެ ބެންޗުގައި ހުސްވެފައިވާ ފަނޑިޔާރުކަމުގެ ދެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީ އިން ހުޅުވާލުމާއެކު ގިނަ ހުށަހެޅުންތަކެއް ހުށަހަޅާފައިވެއެވެ.
އޭގެ ތެރެއިން ޖޭއެސްސީން އިންޓަވިއު ކުރުމަށްފަހު ނިންމާފައިވަނީ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް އާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރުމަށް މަޖިލީހަށް ނަން ފޮނުއްވުމަށް ރައީސަށް ލަފާ ދެއްވުމަށެވެ.
އެހެންކަމުން ހޯމަ ދުވަހުގެ ޖަލްސާގައި ރައީސްގެ ސިޓީފުޅު މަޖިލީހުގައި އިއްވައި، އެ މައްސަލަ ދިރާސާ ކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހެޅުމުގެ ސުންގަޑި ހަމަވެފައިވަނީ މިދިޔަ މެއި މަހުގެ 22 ވަނަ ދުވަހުގެ މެންދުރު 12:00 ގައެވެ. އެގޮތުން ސުންގަޑި ހަމަވިއިރު ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މިހާރު ރައީސް އަބްދުލްޣަނީ މުހައްމަދު، ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނު، ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު، ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ހިމެނިވަޑައިގަންނަވައެވެ.
މީގެއިތުރުން ކުރީގެ މެޖިސްޓްރޭޓް މުހައްމަދު ރާޣިބް އަހުމަދާއި، ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތުގެ އިތުރުން، ކުރީގެ އެސިސްޓެންޓް ޕީޖީ އައިޝަތު ފަޒްނާ އަހުމަދުގެ އިތުރުން ގާނޫނީ ވަކީލް އަދި ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އާއި އިތުރު ގ. އަންމޯލް އިބްރާހިމް އަލީ އަދި ގއ. ކޮނޑޭ ދާރުއްސަލާމް މުހައްމަދު އިބްރާހިމް ވަނީ ކުރިމަތިލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ