ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުގެ ދެވަނަ ކޯސް ފަށައިފި

ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިޥާ ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުގެ ދެވަނަ ކޯސް މިއަދު ފަށައިފި އެވެ. 
ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފްގެ ސާވިސް ކޯގެ ސްކޫލު އޮފް އިންޖީނިއަރިން އެންޑް ލޮޖިސްޓިކްސްގައި ބޭއްވި އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އިބްރާހިމް ހިލްމީ އެވެ. 
އެމްއެންޑީއެފުން ބުނީ 16 ހަފްތާގެ މުއްދަތަކަށް ފެށި އެ ޕްރޮގްރާމުގެ ސީރީޒް ދޭއްގެ ކޯސްތަކުގައި ރާއްޖޭގެ 17 އަތޮޅަކުން 75 ބައިވެރިން ބައިވެރިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 62 ފިރިހެނުންނާއި 12 އަންހެން ބައިވެރިންނެވެ. 
އެމްއެންޑީއެފުން ބުނި ގޮތުގައި އެ ޕްރޮގްރާމުގައި އޮޓޯ މޯބައިލް އިންޖިނިއަރިން އާއި މެރިން އިންޖިނިއަރިން އާއި އިލެކްޓްރީޝަނާއި ރެފްރިޖެރޭޝަނާއި ވެލްޑިން އަދި މެޓަލް ފެބްރިކޭޝަނާއި އޮފީސް މެނޭޖުމަންޓް ފަދަ ސިނާއީ ދާއިރާތަކުގެ ހުނަރުތައް އުނގަންނައިދޭނެ އެވެ.
ހަތަރު މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ އެ ތަމްރީނު ޕްރޮގްރާމުގައި ކިޔަވައިދޭނީ ފަންނީ ތަފާތު ދާއިރާތަކުގައި ގިނަ ދުވަހު އަމަލީ މަސައްކަތް ކޮށްފައިވާ ސިފައިންގެ ތަޖުރިބާކާރު އިންސްޓްރަކްޓަރުންނެވެ. ޕްރޮގްރާމު ފުރިހަމަކުރުމުން އެމްކިޔުއޭ ގަބޫލުކުރާ ލެވެލް 3 ގެ ސެޓްފިކެޓެއް ދަރިވަރުންނަށް ދޫކުރާނެ އެވެ. 
ރައީސް ޑރ، މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަކަށް ހިންގާ ނޭޝަނަލް ސާވިސް ސްކިލްސް ޓްރެއިނިން ޕްރޮގްރާމަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ އަދި ރޫހާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ހިންގާ އެ ޕްރޮގްރާމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ