ކަންސަސް ސިޓީ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 18) - ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކީ ލިއޮނަލް މެސީ ކަމަށާއި "ފިލާނުތިބެ އެ ހަގީގަތް ގަބޫލުކުރަންޖެހޭ" ކަމަށް ބްރެޒިލްގެ ކުރީގެ ފޯވާޑް، ރޮނާލްޑޯ ނަޒާރިއޯ ބުނެފި އެވެ.
މިއީ، އުމުރުން 38 އަހަރުގެ މެސީ ކުޅޭ ހަ ވަނަ ވޯލްޑް ކަޕް އެވެ. އަދި، މި ފަަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާ އިން ކުޅުނު ފުރަތަމަ މެޗުގައި، 3-0 އިން އަލްޖީރިއާ ބަލިކުރިއިރު، ހެދި ހެޓްރިކާ އެކު މެސީ ވަނީ ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖަހައިގެން ރެކޯޑް ހަދާފައިވާ ޖަރުމަނުގެ ކުރީގެ ފޯވާޑް މިރޮސްލާވް ކްލޯސާގެ ރެކޯޑާ ހަމަކޮށްފަ އެވެ.
ކްލޯސާ އާއި މެސީ ވަނީ ވޯލްޑް ކަޕް މުބާރާތްތަކުގައި 16 ލަނޑު ޖަހައިފަ އެވެ.
އެންމެ ފަހުން ގަތަރުގައި، 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އާޖެންޓީނާ އަށް ހޯދައިދިން ކެޕްޓަން މެސީ މި ފަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ދެއްކި ތަފާތު ކުޅުމަށް 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ބްރެޒިލްގެ ރޮނާލްޑޯ ވަނީ ތައުރީފުކޮށްފަ އެވެ.
"ކޮންމެ ފަހަރަކު މެސީ ދަނޑުމައްޗަށް އަރާއިރު ހުރިހާ ކަމެއް ތާރީހާ އެބަގުޅޭ. މިއީ މިހާރު މުޅި ދުނިޔެ އަށް ވެސް އޮތް ކަމެއް، ފިލާނުތިބެ ހަގީގަތް ގަބޫލުކުރަންޖެހޭ މެސީ އަކީ ފުޓްބޯޅަ ތާރީހު ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ،" ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ ބުނީ، މެސީ ފުޓްބޯޅަ ދަނޑުމަތީގައި އެހާ ގިނަ އަހަރުތަކެއް ވަންދެން ހަމަޖެހިލައިގެން ކުޅެގެން އެ ހާސިލްކުރަމުން އަންނަ ކަމަކީ ކުޑަ ކަމެއް ނޫން ކަމަށެވެ.
އަދި، ފުޓްބޯޅަ އަށް ލޯބިކުރާ މީހެއްގެ ހައިސިއްޔަތުން މެސީ ކުޅޭތަން ފެނުމަކީ ވެސް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމެއްގެ ގޮތުގައި ރޮނާލްޑޯ ވަނީ ފާހަގަކޮށްފަ އެވެ.
"ކޮންމެ ސީޒަނެއްގައި ރަނގަޅު ކުރަމުން، ވޯލްޑް ކަޕްތަކުގައި ވެސް މޮޅަށް ކުޅެމުން އެ ދަނީ. އެކަމަކު، އަދިވެސް ސުވާލު އުފައްދާ މީހުން އެކަމުގައި އެ ތިބީ. އެކަމަކު، މި ފަހަރުގެ ވޯލްޑް ކަޕް އެ ފެށީ ވެސް ތާރީހުގައި ލިޔެވޭ ބޮޑު ކަމެއް ހާސިލްކޮށްފައި،" ރޮނާލްޑޯ ބުންޏެވެ.
އެންމެ ފުރަަތަމަ މީގެ 20 އަހަރު ކުރިން ޖަރުމަނުގައި ބޭއްވި ފީފާ ވޯލްޑް ކަޕްގައި ގޯލު ޖެހި މެސީ އަށް އޭގެ ފަހުން އައި ހަ ވޯލްޑް ކަޕްގެ ތެރެއިން ފަސް ވޯލްޑް ކަޕްގައި ވަނީ ލަނޑު ޖަހައިފަ އެވެ. މެސީ ބުނީ، އުފާވެރި ކެރިއަރެއް ނިންމާލުމުގެ ނަސީބު ގައުމީ ޓީމާއި ކްލަބް ލެވަލްގައި ލިބިފައިވުމަކީ ފުޓްބޯޅައިގައި އޭނާގެ އެންމެ ބޮޑު ހިތްހަަމަ ޖެހުމެވެ.
ފިލާނުތިބެ ހަގީގަތް ގަބޫލުކުރަންޖެހޭ، މެސީ އަކީ އެންމެ މޮޅު: ރޮނާލްޑޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ