ފީފާ ވޯލްޑް ކަޕް 2026: ޗެކިއާ - ސައުތު އެފްރިކާ

ފީފާ ވޯލްޑްކަޕްގެ ގްރޫޕް އޭގެ ދެވަނަ މެޗަށް ޗެކިޔާ މިރޭ ސައުތު އެފްރިކާއާއި ދެކޮޅަށް ނިންނައިރު، މިއީ މި ދެ ޓީމު ވޯލްޑްކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.
އެމެރިކާގެ އެޓްލާންޓާ ސްޓޭޑިއަމްގައި މި މެޗަށް ޗެކިޔާ ނިކުންނައިރު އެ ޓީމު ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި ސައުތު ކޮރެއާ އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެފަ އެވެ. އަދި ސައުތު އެފްރިކާ ވަނީ ފުރަތަމަ މެޗުގައި މެކްސިކޯ އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެފަ އެވެ. އެހެންކަމުން މި މެޗުން ކޮންމެ ޓީމެއް ބަލިވި ނަމަވެސް އެ ޓީމަކަށް ޖެހޭނީ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކަޓައިގެން އެނބުރި ގައުމަށް ދާށެވެ..
މީގެ ކުރިން 1997 ވަނަ އަހަރު ސައުދި އަރަބިއްޔާގައި ކުރިއަށްދިޔަ ފީފާ ކޮންފެޑަރޭޝަންސް ކަޕްގައި މި ދެ ގައުމު ވަނީ ބައްދަލުކޮށްފަ އެވެ. އެ މެޗު 2-2 ގެ ނަތީޖާއަކުން ނިމިފައިވާއިރު, އޭގެ 9 އަހަރު ފަހުން އަލުން އަނބުރާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި މި ދެ ގައުމު ބައްދަލުކުރާއިރު ދެ ޓީމަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ.
މިރޭގެ މެޗަށް ޗެކިޔާ ނިކުންނައިރު އެ ޓީމުގެ ކޯޗު މިރޮސްލާވް ކޫބެކް ބުނެފައިވަނީ މުބާރާތުގެ ފުރަތަމަ މެޗުން ދެ ޓީމުވެސް ބަލިވެފައިވާތީ ދެ ޓީމަށްވެސް އޮތީ އެއް ހާލަތެއް ކަމަށެވެ. ނަމަވެސް މި މެޗަށް އޭނާގެ ޓީމުން ނިކުންނާނީ މެޗުން މޮޅުވުމަށް ކަމަށާއި ސައުތު އެފްރިކާ ކުޅޭ ސްޓައިލަނަށް ބެލުމަށްފަހު އެ ކަމަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާކަމަށްވެސް ކޫބެކް ވަނީ ބުނެފަ އެވެ.
އަނެއްކޮޅުން ސައުތު އެފްރިކާގެ ކޯޗު ހޫގޯ ބްރޫސް ބުނެފައިވަނީ މިރޭގެ މެޗަށް ނިކުންނައިރު އޭނާ އެންމެ ބޮޑު ސަމާލުކަމެއް ދޭނީ ފުރަތަމަ މެޗުގައި ހެދުނު ގޯސްތައް ރަގަޅު ކުރުމަށްފަހު މި މެޗުން ރަގަޅު ނަތީޖާއެއް ހޯދުމެވެ. އަދި ޗެކިޔާ އަކީ މުޅިން ތަފާތު ސްޓައިލަކަށް ކުޅޭ ފިޒިކަލީ ވަރުގަދަ ޓީމެއް ކަމުން އެކަން ކުޅުންތެރިންނަށް ވިސްނައިދިނުމަކީ އޭނާއަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ދުނިޔޭގެ ރޭންކިންގެ 40 ވަނައިގައި އޮތް ޗެކިޔާ އިން 61 ވަނައިގައި އޮތް ސައުތު އެފްރިކާ އާއި ދެކޮޅަށް މިރޭ ނިކުންނައިރު, މުބާރާތުގެ ފުރަތަމަ މެޗުގައި މެކްސިކޯ އާއި ދެކޮޅަށް ސައުތު އެފްރިކާއިން ދައްކާފައިވަނީ ވަރަށް އާދައިގެ ކުޅުމެކެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި މެކްސިކޯ އާއި ދެކޮޅަށް ސައުތު އެފްރިކާ ކުޅުނު މެޗުގައި އެ ޓީމުގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކާފައިވާތީ މިރޭގެ މެޗުގައި ހޫގޯ ބްރޫސް އަށް ވަނީ ދެވަނަ ވިސްނުމަކަށް ދާން ޖެހިފަ އެވެ.
ސައުތު އެފްރިކާއިން އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން އެއްވެސް މެޗަކުން މޮޅުވެފައިނުވާއިރު ޗެކިޔާ އިން ވަނީ އެ ޓީމު އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ