ވާހަކަ: ލޯބީގެ ހާދިސާ - ފަސްވަނަ ބައި

އެޕިސޯޑް 5
ހޯމަ ދުވަހުގެ ބަޔާ ގުޅޭ
"ތިއީތާ މައްސަލައަކީ،" ރިޔާޝާ ބުންޏެވެ. "ތި ގޮތަށް އަބަދު ހުރެވޭނެތަ؟ މުޅި އުމުރު ތި މަގާމުގައި ތި ގޮތުގައި އުޅެވޭނެތަ؟"
ރިޔާޝާ ކުރީ ބޮޑު ސުވާލެކެވެ. ޖަވާބު ދޭން އުނދަގޫ ސުވާލެކެވެ. ސާއިރާ އެއްޗެއް ބުނަން އަނގަ ހުޅުވާލި އެވެ. އެކަމަކު ދެ ވަނަ ސިކުންތުގައި ހިޔާލު ބަދަލުވި އެވެ.
"އެއްޗެއް ނުބުންޏަސް ވަރިހަމަ،" ރިޔާޝާ ބުންޏެވެ.
ދިރިއުޅުމާ މެދު ކިތަންމެ ވަރަކަށް ވިސްނިޔަސް ސާއިރާގެ ސިކުނޑި އެނބުރެމުން އައިސް ވެއްޓެނީ އެއް އަނދަވަޅަކަށެވެ. ރިޔާޝާ ދެއްކީ މުޅިން ވެސް ތެދު ވާހަކަ އެވެ. އެކަމަށް ސާއިރާ އެއްބަސްނުވާ ކަމަށް ހެދުނީ އެވެ. ކިތަންމެ ބޭނުން ވިޔަސް އޭނާ ކުރިމަތީގައި ނޫން ކަމަށް ހެދެން މަޖުބޫރުވީ އެވެ. މަބުރޫކަކީ ރަނގަޅު މީހެކެވެ. އެއީ ސާއިރާއަށް ފެންނަ ފެނުމެވެ. ކައިވެނި ކުރުމުން ފިރިހެނުންގެ ނުފެންނަ ފަރާތް ފެންނަން ފަށަ އެވެ. އެ ހިސާބުން މައްސަލަތައް ފެންމަތި ވެ އެވެ. ޝަކުވާތައް ފުނިޖެހެމުން ދެ އެވެ. ސުވާލުތައް ގިނަވަމުން ދެ އެވެ. ޖަވާބު ނުލިބޭ އެތައް ސުވާލެއް އުފެދެމުން ދެ އެވެ. ބޭނުންވާ ކިތަންމެ ކަމެއް ނުކުރެވިގެން ދެ އެވެ. އެއިން އެއްވެސް ކަމަކާ މެދު ވާހަކަ ދައްކައިފި ނަމަ އެ މީހަކު ގޯސްވީ އެވެ. އެހެންކަމުން ހަޔާތުގައި އަބަދުވެސް ސައިޑް ބީއެއް ބައިންދަން ޖެހެ އެވެ. އެހެން ނޫނީ ކޮންމެ ފަހަރަކު ވެސް ލަނޑު ލިބޭނީ ތިމާއަށެވެ. ރިޔާޝާ އެ ބުނަނީ އެ ވާހަކަ ކަންނޭނގެ އެވެ. އެކަމަކު އެކަމަށް ސާއިރާ ދެބަސް ވާން ޖެހުނީ އެވެ. ފިރިމީހާގެ ކަންކަން އެހެން މީހުންނާ ހިއްސާ ކުރުމަކީ އެހާ ކުރާ ހިތްވާ ކަމެއް ނޫނެވެ. ނަމަވެސް މަދު ފަހަރެއްގައި ރިޔާޝާ ކައިރީގައި އެއްޗެއް ބުނެފައި ހުންނާނެ އެވެ. އިންސާނެއް ވީތީ ކެތްކުރަން އުނދަގޫވާ ފަހަރު ވެސް އާދެ އެވެ. އެކަހަލަ ދަނޑިވަޅުތަކުގައި އެންމެ ހަނދާން ވަނީ އެކުވެރިޔާ މަތިންނެވެ. އެއީ ސާއިރާއަށް ވާ ގޮތެވެ.
"ފަހުން ދެރަވާނެ،" ސާއިރާ ވިސްނައިލަމުން ބުންޏެވެ. "އަހަރެން ރަނގަޅަށް ނުވެސް އެނގޭނެ. އަނެއްކޮޅުން އަހަރެންނަކީ މީހެއްގެ އަތްނބެއް. ހަމަ ގައިމު ވެސް އަހަރެން އަމިއްލައަކަށް ވަރިއަކަށް ނޭދޭނަން. އޭރުން މަބުރޫކް ހިތަށް އަރާނެ މަބުރޫކުއާ އިނދެފައި ވެސް އެހެން މީހަކު ފެންނަ އިރަށް އަހަރެން އެހެން ހަދާނެއޭ."
"ހާދަ ކަޑަ ގޮތަކަށް ތި ވިސްނަނީ. އަހަރެންނަށް ސާއިރާ އެނގޭ. ސާއިރާ ދަންނަން. ފަހުން ދެރަވާނެ ކަހަލަ ކަމެއް އަހަރެން ފަރާތުން ސާއިރާއަށް ވެސް ވެދާނެ. ވެދާނެ ކަންކަމާ މެދު ވިސްނުމުގެ ބޭނުމެއް މިހާރު ނެތް. ދެން ތި ބުނީ ވަރި އަކަށް ނޭދޭނަމޭ. އަހަރެން ދުވަހަކު ވެސް ނުބުނާނަން ނަޝީދު ކައިރިން ވަރިވެގެން އަހަރެންނާ މެރީ ކުރަން އަންނާށެކޭ،" މަބުރޫކުގެ ވާހަކަ ވަރަށް ސާފެވެ.
"ދެން އަހަރެން ވަރިވެގެން ދާނެ ކަމުގެ ކޮން ޔަގީން ކަމެއް މަބުރޫކަށް އޮތީ؟ ހަމަ ގައިމު ވެސް އަހަރެންނަކަށް އެއްވެސް ޔަގީން ކަމެއް ނެތް،" ސާއިރާ ބުންޏެވެ.
"މިހާ ދުވަހު ވެސް އަހަރެން އިންތިޒާރު ކުރީ. ދެން ވެސް އިންތިޒާރު ކުރުމަކީ އަހަރެންނަށް އުނދަގޫ ކަމެއް ނޫނޭ. ސާއިރާ އެ ގޮތް ބޭނުމިއްޔާ އަހަރެން އެ ގޮތުގައި މުޅި އުމުރު ވެސް ހޭދަ ކޮށްފާނަން."
"ކީއްވެ؟" ސާއިރާ ނޫން ކަމަށް ހެދެމުން އަހައިލި އެވެ.
"ނޭނގިގެން ތި އަހަނީ؟ ނޫނީ އަޑު އަހާ ހިތްވަނީތަ؟"
"އެންމެ ރަނގަޅު އެ ސުވާލަށް ޖަވާބު ނުދިނަސް،" ސާއިރާ ބުންޏެވެ.
ނަޝީދުގެ ކިބައިގައި ހުންނަ ނޭދެވޭ ސިފަތަކާއި ކޫސަނި ކަންކަމުގެ ވާހަކަ އެހެން މީހުން ގާތުގައި ދައްކާކަށް ސާއިރާ ބޭނުމެއް ނޫނެވެ. ނަޝީދަކީ ސާއިރާގެ ފިރިމީހާ އެވެ. އަތްނބެއްގެ ހައިސިއްޔަތުން ސާއިރާ ޖެހޭނީ އެކަހަލަ ކަންކަން ސިއްރު ކުރާށެވެ.
ނަޝީދުގެ ކަންކަން އިންތިހާއަށް އުނދަގޫ ކުރަމުން ދިޔަ އެވެ. ސާއިރާއާ ވާހަކަ ދެއްކުން އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓުނެވެ. ގެއަށް ނިދަން ނާންނަ ރޭރޭ ގިނަ ވަމުން ދިޔަ އެވެ. ދަރިންނާ ވާހަކަ ދެއްކުން މަދުވި އެވެ. ގޭގައި ހޭދަ ކުރާ ވަގުތު ދެތިން ދުވަހުން އެއް ދުވަހަށް ބަދަލު ވަމުން ދިޔަ އެވެ. ސާއިރާ ނަސޭހަތް ދޭން ފެށި އެވެ. ސާއިރާ ފޫހިވެދާނެ ވާހަކަ ވެސް ބުންޏެވެ. ނަމަވެސް އެކަން ވީ ފޫނެތް ފަޔަށް ފެން ފުރުން ކަހަލަ ކަމަކަށެވެ.
ސާއިރާގެ އުޅުން ބަދަލު ކުރި އެވެ. އިހުނަށް ވުރެ ރަނގަޅަށް އުޅެވޭތޯ ބެލި އެވެ. ނަޝީދުއާ ދޭތެރޭ ކަންތައް ކުރާ ގޮތް ބަދަލު ކުރި އެވެ. ކުރިއަށް ވުރެ ފުރިހަމައަށް ކަންކަން ކޮށްދެވޭތޯ ބެލި އެވެ. މަބުރޫކުއާ ވާހަކަ ދެއްކުން އެއްކޮށް ހުއްޓާލި އެވެ. ކައިވެނީގެ ގުޅުން ދަމަހައްޓަން ކުރެވުނު ހުރިހާ ކަމެއް ކުރީ ސާއިރާ އެވެ. ނަޝީދުގެ އުޅުމަށް އެއްވެސް ބަދަލެއް ނަ އެވެ. އިތުރަށް ސާއިރާއަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ. ސާއިރާ ހިތަށް އެރި އެވެ. ކެތް ކުރެވިއްޖެ އެވެ. ވަގުތު ދެވިއްޖެ އެވެ. ބަދަލުވެވިއްޖެ އެވެ. އެކަމަކު އެކަމެއް ނަޝީދު ނުދަތެވެ. ސާއިރާއާ ދިމާލަށް މަދުމަދުން އެއްޗެހި ބުނަން ފެށި އެވެ. އެ މަންޒަރު ބަލަން ހުދާ އާއި ހަމްދޫނަށް އުނދަގޫވާން ފެށި އެވެ. ހަމްދޫންގެ ކިޔެވުން ހުއްޓާލަން ޖެހުނެވެ. އެކަމުގައި ސާއިރާ ކުށްވެރި ކުރީ ނަޝީދެވެ. ހަމްދޫނަށް ނަސޭހަތް ދިން ނަމަވެސް ހަމްދޫން ނުދިޔަ އެވެ. ސާއިރާގެ ހިތް ވިރިގެން ފައިބާ ނަމަ މިހާރު އެކަން ވެ ނިމިއްޖައީހެވެ. ނަމަވެސް ސާއިރާ ކެތް ކުރީ އެވެ. ދަރިންނަށްޓަކަ އެވެ. ޒަވާޖީ ހަޔާތް ދަމަހައްޓަން ކުރެވުނު ހުރިހާ ކަމެއް ކުރީ ސާއިރާ އެކަންޏެވެ. ނަޝީދު، ކަހާތަން ހިރުވާ ވެސް ނުލަ އެވެ.
"ނަޝީދު ބޭނުންވާ ގޮތެއް ބުނެބަލަ. ތިހެން ވާހަކަ ނުދައްކައި އަނގައިން ނުބުނެ އުޅުމުގެ ބޭނުމެއް ކޮބާ؟ ތީގެ މަގުސަދަކީ ކޮބާ؟" ސާއިރާ ސުވާލު ކުރި އެވެ. ނަޝީދު ޖަވާބެއް ނުދިނެވެ. "އަހަރެން މި އަހަނީ އެންމެ ފަހަރު. ދެން ނާހާނަން. ނަޝީދު ކީއްވެ ތި ގޮތަށް ތި ކަންތައް ކުރަނީ؟"
"ވަރަށް އަވަހަށް އެނގޭނެ،" ނަޝީދު ބުންޏެވެ.
"މާނައަކީ ތި އުޅެނީ..."
"މާނަ ވެސް އެނގޭނެ. ކެތްކޮށްލާ،" ނަޝީދު އެދުނެވެ.
"އަހަރެންގެ ކުށަކީ ކޮބާ؟" މަޑުމަޑުން ސާއިރާ އަހައިލި އެވެ.
"ސާއިރާއަށް ކުށެއް ކުރެވޭތަ؟ ކުށްވެރިއަކީ އަހަރެންނެއްނު. ހަޔާތުގައި ދިމާވާ ކޮންމެ މައްސަލައެއްގައި ވެސް ކުށްވެރި ވާނީ އަހަރެން. ކަމެއް ގޯސް ކޮށް ދިޔަޔަސް އެއީ އަހަރެންގެ ސަބަބުން، ބޭނުންވާ ކަމެއް ނުވިޔަސް އެއީ އަހަރެންނާ ހެދި. އަނބިދަރިންނަށް ވަގުތު ނުދެނީ ވެސް އަހަރެން. އަހަރެން މި ކުރާ މަސައްކަތް މިހާ ދުވަހު މި ހިއްސާ ކުރީ ކަލޭމެންނަށް. އެކަމަކު ކަލޭމެން އެ ވަރެއް ނުދަނޭ. ބަލައެއް ނުގަނޭ. އާމްދަނީ ހޯދަމުން ދަރިން ބަލަމުން، އަނބިމީހާއަށް ވަގުތު ދެމުން މި ހުރިހާ ކަމެއް މަށަކަށް ފުރިހަމައެއް ނުކޮށްދެވެއެއްނު. އެހެންވީމަ މިކަހަލަ އުނި މީހަކާ ތި ކަހަލަ ފުރިހަމަ މީހަކު ނުބައްދަލު. އެކީގައި އުޅުމުގެ އެއްވެސް ބޭނުމެއް އެބަ އޮތް؟" ނަޝީދު އަބަދުވެސް ކަންތައް ކުރާ ގޮތަކީ އެއީ އެވެ. ސާއިރާއަށް ނަޝީދު ވަރަށް ރަނގަޅަށް އެނގެ އެވެ. ނަމަވެސް ގިނަ ކަންކަން ނޭނގޭ ކަމަށް ހަދަނީ ފިރިމީހާވީމަ އެވެ.
"އަހަރެން ދުވަހަކު ވެސް ތިކަހަލަ ޝަކުވާއެއް ކުރިންތަ؟" ސާއިރާ ސުވާލު ކުރި އެވެ.
"ނުކުރިޔަސް އެއީއެއްނު ތި ވެގެން އުޅޭ ގޮތަކީ. ނޫނީ އެހެން ކަމެއް އުޅެނީތަ؟" ދެ ބުމަ ގޮށްޖަހާލަމުން ނަޝީދު އަހައިލިއެވެ.
"ތި ބުނީ؟ ނަޝީދު ކީކޭ ކިޔަން ތި އުޅެނީ؟" ސާއިރާ އަވަސް އަވަހަށް ބުންޏެވެ.
"ކަލޭ ހަމަ އަސްލަށް ވެސް ސާއިރާ ޑިވޯސް ކުރަނީ؟" ނަޝީދުއާ އެކުގައި އޮފީހުގައި މަސައްކަތް ކުރާ ފަހުދު ބުންޏެވެ. "މިހާރު ފޯމް ވެސް ނެގީ؟ ހާދަ ކުރިއަކަށް ޖައްސާލައިގެން ތި އުޅެނީ."
"ފޯމު އޮންނާނެ އަލަމާރީގައި. ނޭނގެ ސާއިރާއަށް ނުފެންނަ ކަމެއް ވެސް. އަހަރެން ފަރުވާލެއް ނެތް. މިހާރު ދެން މިކަމަށް ހައްލެއް ގެންނަން ވެއްޖެއެއްނު. ދެ ކަނޑިއަށް އެއް އުރައެއްގައި ނޯވެވޭނެ. މަވެސް ގަބޫލު ކުރަން މަގޭ ކުށް އެބަ ހުރި ކަމަށް. އެކަމަކު ސާއިރާއަކީ ވެސް ވަރަށް ގޮތް ދޫ ނުކުރާ މީހެއް. ދަރިންގެ ކުރިމަތީގައި ވެސް އަބަދު ކުށްވެރި ކުރާނީ އަހަރެން،" ނަޝީދު ފޫހިވެފައި ބުންޏެވެ. "އެކަމަކު އަސްލު އެހާ ބޭނުމެއް ނޫން އޭނަ ޑިވޯސް ކުރާކަށް."
"ތި ވަނީ ކިހިނެއް؟" ފަހުދު ބުންޏެވެ.
"ނޭނގެ މަށަކަށް ވެސް. ހަމަ ހުވާ މި ބުނީ. މަ މިހާރު ސާއިރާ ދެކެ އެއްވެސް ވަރަށް ލޯތްބެއް ނުވޭ. އެކަމަކު އޭނައަކީ ކުދިންގެ މަންމަ ވީމަ އެ ކުލުނު ހިތުގައި އޮވޭ،" ވިސްނައިލަމުން ނަޝީދު ބުންޏެވެ.
"ކަލޭ ބޯ ނުގޮވާތި. ގެ ހިފައިގެން ތި އަންނަނީ އޮފީހަށް. އޮފީސް ހިފައިގެން ތި ދަނީ ގެއަށް. ދެން ކިހިނެއް ހަމަޖެހިގެން އުޅެވޭނީ؟" ނަޝީދުގެ ކޮނޑުގައި ޖަހައިލަމުން ފަހުދު ބުންޏެވެ.
ސާއިރާ ވިސްނަމުން ދިޔަ އެވެ. އޭނަ ވަރިކޮށްފި ނަމަ ދާން ޖެހޭނީ މަންމަ ގެއަށެވެ. އެ ގޭގައި އުޅޭނީ މަންމަ އެކަންޏެވެ. އެތައް ސުވާލެއް ކުރާނެ އެވެ. އެ ވާހަކަތައް މަންމައާ ހިއްސާ ކުރާކަށް ސާއިރާ ބޭނުމެއް ނޫނެވެ. އެކަމަކު އެއީ ސިއްރު ކުރެވޭނެ ކަމެއް ނޫނެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟
-ނުނިމޭ-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ