ކާމިޔާބު ކޯޗު ސްޕޭނުގެ ޕެޕް ގާޑިއޯލާ އަށް ފަހު މެންޗެސްޓާ ސިޓީގެ ކޯޗުކަން ކުރުމަކީ ވަރަށް ބޮޑަށް އުނދަގޫވާނެ ކަމެއް ކަމަށް ސިޓީގެ އައު ކޯޗު އެންޒޯ މަރެސްކާ ބުނެފި އެވެ.
ކޯޗުކަމާ ހަވާލުވުމަށްފަހު ވާހަކަ ދައްކަމުން މަރެސްކާ ބުނީ ފާއިތުވެދިޔަ 10 އަހަރު ސިޓީ އަށް ކޯޗުކޮށްދީ ހަ ފަހަރު ޕްރެމިއާ ލީގު ކާމިޔާބު ކޮށްދިން ގާޑިއޯލާ އަކީ އޭނާގެ ނަޒަރުގައި ދުނިޔޭގެ އެންމެ މޮޅު ކޯޗުކަމަށެވެ. އާއިލާ އަށް ވަގުތު ދިނުމަށް ގާޑިއޯލާ ސިޓީގެ ކޯޗުކަން ދޫކޮށްލީ ހުސްވި ސީޒަނަށް ފަހު އެވެ.
"އެހެންވީމާ މިއީ ވަރަށް ބޮޑު ޝަރަފެއް. އަދި ސިޓީން އޭނާ އަށް ފަހު އަހަރެންނަށް ކޯޗުކަން ދިނުމަކީ ވެސް ޝަރަފެއް. އެކަމަކު އޭނާ ހުސްވިކުރި ވަޒީފާ އަދާ ކުރުމަކީ ވަރަށް ޗެލެންޖިން މަސައްކަތެއް،" ޗެލްސީ އަށް ހުސްވި އަހަރު ބޭއްވި ކުލަބު ވޯލްޑް ކަޕާއި އޭގެ ކުރީ ސީޒަނުގެ ޔޫއޭފާ ކޮންފަރެންސް ލީގު ކާމިޔާބު ކޮށްދިން ކޯޗު ބުންޏެވެ.
"ބަލާ ސާ އެލެކްސް ފާގަސަން އަށް ފަހު މެންޗެސްޓާ ޔުނައިޓެޑް. އާސެން ވެންގާ އަށް ފަހު އާސެނަލް. އެހާ ދިގު މުއްދަތެއް ހޭދަކުރި ކޯޗަކަށް ފަހު ދެން އަންނަ ކޯޗަކަށް ކާމިޔާބު ހޯދަން ދަތިވި. ރަނގަޅަށް މަގާމު ވެސް އަދާ ނުކުރެވުނު. ގާޑިއޯލާ އަށް ފަހު މި މަގާމު އުނދަގޫވާނެ ސަބަބެއް އެއީ ވެސް. އެކަމަކު މިއީ މި ޗެލެންޖާ ކުރިމަތި ނުލާންވީ ސަބަބެއް ނޫން. މީގެ އެންމެ ރީތި ކަމަކީ މިކަން ކުރެވޭތޯ ބެލުން،" މަރެސްކާ ބުންޏެވެ.
ގާޑިއޯލާ ވަނީ 10 އަހަރުން ސިޓީ އަށް 20 ތަށި ހޯދައިދީފަ އެވެ. އޭގެ ތެރޭގައި ކުލަބު ވޯލްޑް ކަޕާއި ޗެމްޕިއަންސް ލީގު ވެސް ހިމެނެ އެވެ. އަދި ކުޅުނު ހުރިހާ މުބާރާތެއް އެއް ސީޒަނެއްގައި ކާމިޔާބު ކުރުން ވެސް ހިމެނެ އެވެ.
އަނެއްކޮޅުން މަރެސްކާ ޗެލްސީގެ ކޯޗުކަން ދޫކޮށްލީ އޭނާ އަށް ފަހު ސިޓީގެ ކޯޗުކަމަށް މަރެސްކާ ގެނައުމަށް ގާޑިއޯލާ ލަފާ ދިނުމުން ކަމަށް ވެސް އިނގިރޭސި ނޫސްތަކުން ބުނެ އެވެ. މަރެސްކާ ވަނީ ޗެލްސީ އަށް ކޯޗުކޮށްދިނުމުގެ ކުރިން ގާޑިއޯލާގެ އެސިސްޓެންޓަކަށް ވެސް މަސައްކަތް ކޮށްފަ އެވެ.
އޭނާ ޓީމާ ހަވާލުވެ ސޮއިކުރުވި ކުޅުންތެރިންގެ ތެރޭގައި އިނގިރޭސި މިޑްފީލްޑަރު އެލިއޮޓް އެންޑަސަން ހިމެނެ އެވެ. އަދި އުޒުބަކިސްތާނުގެ ޑިފެންޑަރު ހުސަނޯވް އާއި ބްލެޖިއަމްގެ ޖެރެމީ ޑޮކޫގެ ކޮންޓްރެކްޓް އާކުރަން ވަނީ ނިންމައިފަ އެވެ. މިހާރު އެނާ އެންމެ ބޮޑަށް މަސައްކަތް ކުރަމުންދަނީ ސްޕޭނުގެ މިޑްފީލްޑަރު އަދި ވޯލްޑް ކަޕުގެ މޮޅު ކުޅުންތެރިޔާ ރޮޑްރީ ސިޓީގައި މަޑުކުރުވުމަށެވެ.
ގާޑިއޯލާ އަށް ފަހު ސިޓީގެ ކޯޗުކަން ކުރުމަކީ އުނދަގޫ ކަމެއް: މަރެސްކާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ