ޕޭޕަލް ގަތުމަށް ސްޓްރައިޕް އާއި އެޑްވެންޓުން 53 ބިލިއަން ޑޮލަރުގެ ހުށަހެޅުމެއް
އޮންލައިން ޕޭމަންޓްގެ ދުނިޔެއަށް އިންގިލާބެއް ގެނައި ތާރީޚީ ކުންފުނި، ޕޭޕަލް ގަތުމަށް ސްޓްރައިޕް އާއި އިންވެސްޓްމަންޓް ފާމެއް ކަމަށްވާ އެޑްވެންޓް އިންޓަނޭޝަނަލް ގުޅިގެން 53 ބިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މިއީ ޑިޖިޓަލް މާލީ މުއާމަލާތްތަކުގެ ދާއިރާގައި މިހާތަނަށް ހިންގޭނެ އެންމެ ބޮޑު އެއް ވިޔަފާރީގެ މުއާމަލާތަށް ވެގެންދާނެއެވެ. މި ބޮޑު ހުށަހެޅުމުގެ ޚަބަރާއެކު ވޯލް ސްޓްރީޓްގައި ޕޭޕަލްގެ ހިއްސާގެ އަގު ވަނީ ކުއްލިއަކަށް 13 އިންސައްތަ އުފުލިފައެވެ. ރިޕޯޓުތައް ބުނާގޮތުން ހިއްސާއަކަށް 60.50 ޑޮލަރު ޖެހޭގޮތަށް މި އަގު ކަނޑައަޅާފައިވާއިރު، މިއީ އަންގާރަ ދުވަހުގެ ބާޒާރު ބަންދުވިއިރު ހުރި އަގަށްވުރެ 28 އިންސައްތަ އިތުރު އަދަދެކެވެ. އެހެންނަމަވެސް، މިއީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ޕޭޕަލްގެ ހިއްސާއަށް އައި ބޮޑު ވެއްޓުމުގެ ކުރިން ހުރި އަގުތަކާ އަޅާބަލާއިރު ދަށް އަދަދެކެވެ. https://sun.mv/224009 މި ވިޔަފާރި ކާމިޔާބުވެއްޖެނަމަ، ފިންޓެކް އިންޑަސްޓްރީގެ މަލަމަތި މުޅިން ބަދަލުވެގެންދާނެއެވެ. އެގޮތުން އޮންލައިން ގިނަ ވިޔަފާރިތަކަކުން ބޭނުންކުރަމުން އަންނަ ސްޓްރައިޕްގެ ވަރުގަދަ ޕޭމަންޓް ނިޒާމާއި، ޕޭޕަލްގެ ބިޔަ ކަސްޓަމަރުންގެ ވިއުގަ އެއްވެ، މާކެޓުގައި ބޮޑު ބާރަކަށް މި ކުންފުނިތައް ވެގެންދާނެކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ. ޕޭޕަލް ގަންނަން އުޅޭ ސްޓްރައިޕް އަކީ 2010 ވަނަ އަހަރު އަޔަލެންޑަށް ނިސްބަތްވާ ޕެޓްރިކް އަދި ޖޯން ކޮލިސަން އުފެއްދި ކުންފުންޏެކެވެ. މިއީ ސިލިކަން ވެލީގައި މިހާރު އޮތް އެންމެ އަގުބޮޑު އެއް ޕްރައިވެޓް ކުންފުންޏަށްވާއިރު، އެ ކުންފުނީގެ އަގު 159 ބިލިއަން ޑޮލަރަށް އަރާކަމަށް އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ. އަދި މިހާތަނަށްވެސް އެ ކުންފުނިން އާންމުންނަށް ހިއްސާ ވިއްކަން ނުކުމެފައެއް ނުވެއެވެ. އަނެއްކޮޅުން 1990 ގެ އަހަރުތަކުގެ ފަހުކޮޅު އުފަންވި ޕޭޕަލް އަކީ އީލޮން މަސްކް އާއި ޕީޓާ ތިއެލް ފަދަ މަޝްހޫރު ބިލިއަނަރުންގެ ފެށުމާ ގުޅިފައިވާ ތާރީޚީ ކުންފުންޏެކެވެ. 2021 ވަނަ އަހަރު ޕޭޕަލްގެ މާކެޓް އަގު 360 ބިލިއަން ޑޮލަރާ ގާތްކުރި ނަމަވެސް، ފަހަކަށް އައިސް އެޕަލް ޕޭ އަދި ގޫގުލް ޕޭ ފަދަ ޚިދުމަތްތަކުގެ ސަބަބުން ޕޭޕަލްއަށް ވަނީ ވާދަވެރިކަން ބޮޑުވެ މާލީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ