އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން ހުއްޓުވުމުގައި ގޮންޖެހުންތަކެއް

އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް އެޅި ފިޔަވަޅުތައް ތަންފީޒުކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ހާމަވެއްޖެއެވެ. ސޮފްޓްވެއާ ޓެސްޓިން ކުންފުންޏެއް ކަމަށްވާ ކޭޖޭއާރު އިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، ގާނޫނުތައް ތަންފީޒުކުރަން ފެށި ނަމަވެސް، ގިނަ ޕްލެޓްފޯމްތަކަކުން އަދިވެސް ޔޫޒަރުންގެ އުމުރު ކަށަވަރުކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅައެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އޮސްޓްރޭލިއާއިން ވަނީ، އިންސްޓަގްރާމް، ޓިކްޓޮކް، ޔޫޓިއުބް އަދި ފޭސްބުކް ފަދަ ޕްލެޓްފޯމްތަކަށް ވަނީ 16 އަހަރުން ދަށުގެ ކުދިން އެ އެޕްތައް ބޭނުންކުރުން ހުއްޓުވުމަށް "އެކަށީގެންވާ ފިޔަވަޅުތަކެއް" އެޅުމަށް ލާޒިމުކޮށްފައެވެ. ނަމަވެސް، މި ދިރާސާގައި ޓެސްޓް އެކައުންޓްތަކެއް ހަދައިގެން ބެލި ބެލުމުން، އެއްވެސް ޕްލެޓްފޯމަކުން އެ އެކައުންޓްތަކުގެ ވެރިފަރާތުގެ އުމުރު ސާބިތުކޮށްދިނުމަށް އެދިފައި ނުވާކަން ވަނީ ފާހަގަކުރެވިފައެވެ. https://sun.mv/224060 ދިރާސާގައި ބައިވެރިވި ފަރާތްތަކުން ބުނާ ގޮތުގައި، ޕްލެޓްފޯމްތަކުން އުމުރު ކަށަވަރުކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމުގެ ބަދަލުގައި، އާންމުކޮށް ކުދިން އަމިއްލައަށް ބުނާ އުމުރަށް ބަރޯސާވަނީއެވެ. ކިކް ކިޔާ ސްޓްރީމިން ޕްލެޓްފޯމް ފިޔަވައި، އެހެން އެއްވެސް ޚިދުމަތަކުން ސައިން އަޕް ކުރާއިރު އުމުރުގެ ލިޔެކިޔުންތައް ހުށަހެޅުމަށް ޑިމާންޑް ނުކުރާކަން ވަނީ ފާހަގަކުރެވިފައެވެ. މީގެ އިތުރުން، ނިއުކާސަލް ޔުނިވަސިޓީން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ގާނޫނު ތަންފީޒުކުރަން ފެށިތާ ތިން މަސް ފަހުން ވެސް 16 އަހަރުން ދަށުގެ ކުދިންގެ 85 އިންސައްތަ އަށް ވުރެ ގިނަ ކުދިން ދަނީ މަނާކުރެވިފައިވާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކުރަމުންނެވެ. އެގޮތުން ކުޑަކުދިން ފޭކް އެކައުންޓް ހެދުމާއި، ވީޕީއެން ބޭނުންކުރުން ފަދަ އުކުޅުތައް ބޭނުންކުރާކަމަށް ވަނީ ފާހަގަކުރެވިފައެވެ. މި މައްސަލަތަކާ ގުޅިގެން، އޮސްޓްރޭލިއާ ސަރުކާރުން ދަނީ ގާނޫނުތައް އިތުރަށް ހަރުދަނާކޮށް، ގަވާއިދާ ޚިލާފުވާ ޕްލެޓްފޯމްތަކަށް ދޭ ޖޫރިމަނާ ދެގުނައަށް ބޮޑުކުރުމަށް މަސައްކަތް ކުރަމުންނެވެ. މި ބަދަލުތަކުގެ ތެރޭގައި ޖޫރިމަނާގެ އަދަދު 49.5 މިލިއަން އޮސްޓްރޭލިއާ ޑޮލަރުން 99 މިލިއަން އޮސްޓްރޭލިއާ ޑޮލަރަށް ބޮޑުކުރުން ހިމެނެއެވެ. https://sun.mv/222709 އިނގިރޭސިވިލާތުން ވެސް 2027 ވަނަ އަހަރުގެ ކުރީކޮޅު މިފަދަ ގާނޫނެއް ތަންފީޒުކުރަން ތައްޔާރުވަމުން އަންނައިރު، އޮސްޓްރޭލިއާގެ މި ތަޖުރިބާއިން ދައްކައިދެނީ މިފަދަ ގާނޫނުތައް ފާސްކުރުމަށްވުރެ އެ ތަންފީޒުކުރުން މާ އުނދަގޫ ކަމެއް ކަމެވެ. ރާއްޖޭގައި ވެސް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ވަކި އެޕްތަކަަކަށް ނުވަދެވޭ ގޮތް ހަދާނެކަން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ ޖޫން މަހު އިއުލާންކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ