ކުވައިތާއި ބަހްރައިންގައިވާ އެމެރިކާގެ 85 އަމާޒަކަށް އީރާނުން ހަމަލާދީފި

ތެހެރާން (8 ޖުލައި 2026): ރޭ އެމެރިކާއިން އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ދިން ވައިގެ ހަމަލާތަކުގެ ރައްދުގައި އީރާނުން މިއަދު ހެނދުނު ކުވައިތު އަދި ބަހްރައިންގައިވާ އެމެރިކާގެ 85 އަމާޒަކަށް ވައިގެ ހަމަލާތަކެއް ދީފިއެވެ. އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕަސް އިން ނެރުނު ބަޔާނެއް ބުނާގޮތުން އެމެރިކާ އިން ރޭ އީރާނުގެ ދެ ޖަޒީރާ ކަމަށްވާ ގަޝްމުއާއި ސީރީކް އަށް ދިން ހަމަލާތަކާ އަދި އީރާނުގެ ބަނދަރު ރަށެއްކަމަށްވާ ބަނދަރު ޢައްބާސް ގެ ގިނަ ސަރަހައްދުތަކަކަށްވަނީ ހަމަލާތަކެއް ދީފައެވެ. އެމެރިކާގެ ހަމަލާތަކުގައި އީރާނުގެ ބައެއްމީހުން ޒަޚަމްވެފައިވާ ކަމަށް އީރާނުގެ ރަސްމީ މީޑިޔާއިން ބުނެފައިވެއެވެ. އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުންގެ ބަޔާން ބުނާގޮތުން އެމެރިކާގެ ޓެރަރިސްޓް ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ކުވައިތާއި ބަހްރައިންގައިވާ އެމެރިކާގެ 85 އަމާޒަކަށް ފަތިހާއި މިއަދު ހެނދުނު ވާނީ ހަމަލާތަކެއް ދީފައެވެ. ރިޕޯޓްތައް ބުނާގޮތުން އީރާނުގެ ހަމަލާތައް އަރާފައިވަނީ ބަހްރައިންގައި ހުންނަ އެމެރިކާގެ ފިފްތު ފްލީޓްގެ މައި މަރުކަޒުގެ އިމާރާތްތަކާއި ގުދަންތަކަށާއި ކުވައިތުގެ އަލީ ސާލިމް ވައިގެ ބޭސްގައިވާ އެމެރިކާގެ ރާޑުތަކާއި ކޮމާންޑް ސެންޓަރުތަކާއި ގުދަންތަކަށެވެ. ބަހްރައިންއާއި ކުވައިތުން ގޮންތަކެއް ގޮވި އަޑުއިވިފައިވާކަމަށް އަލްޖަޒީރާ ބުނެއެވެ. އެމެރިކާއިން އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ރޭ ހަމަލާތައް ދިނީ ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރި ތެލުގެ އުޅަނދަކަށް އީރާނުން ހަމަލާދިންކަމަށް ބުނެފައެވެ. އީރާން ބުނާގޮތުން އެގައުމުގެ ހުއްދައަކާ ނުލައި ހުރުމުޒު ކަނޑުއޮޅި ހުރަސްކުރަން އުޅޭ ކޮންމެ އުޅަނދަކަށް އިސްވެ ހަމަލާދޭނެއެވެ. ނަމަވެސް އީރާނުގެ ހުއްދަ ހޯދައިގެން ދަތުރުކުރާ އުޅަނދުތަކަށް ހަމަލާއެއް ނުދޭނެއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން އީރާނުން ހަމަލާތައް އަމާޒުކުރީ އެގައުމުގެ ހުއްދައަކާ ނުލައި އުމާންގެ ފަޅިން ހުރުމުޒު ހުރަސްކުރަން އުޅުނު ބޯޓަކަށެވެ. މިއީ ގަތަރުގެ ކުންފުންޏަކަށް ނިސްބަތްވާ ބޯޓެއްކަމަށްވެއެވެ. މިދިޔަ މަހުގެ އެމެރިކާއާއި އީރާން ސޮއިކުރި އެމްއޯޔޫ ގައިވާގޮތުން ހުރުމުޒު ކަނޑުއޮޅި ހުރަސްކުރުމަށް އީރާން އާ ކޯޑިނޭޓް ކުރަންޖެހެއެވެ. ނަމަވެސް އެމްއޯޔޫ ގެ މުއްދަތުގައި ހުރަސްކުރާ އުޅަނދުތަކަށް އީރާނުން ޓޯލް ފީއެއް ނުނަގާނެއެވެ. އީރާން ބުނާގޮތުން ހުރުމުޒު ކަނޑުއޮޅީގެ ކޮންޓްރޯލް އެގައުމުން ދެން ދުލެއް ނުކުރާނެއެވެ. ސަބަބަކީ ހުރުމުޒު ކަނޑުއޮޅީގެ ބޮޑުބަޔަކީ އީރާނުގެ ކަނޑުގެ ސަރަހައްދުގައި ހިމެނޭ ތަނަކަށް ވެފައި އެކަނޑުއޮޅިއަކީ އީރާނުގެ ގައުމީ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ތަނެއްކަމަށް ވުމުގެ އިތުރުން އެއީ އެމެރިކާގެ އުދުވާން އާ ކުރިމަތިލުމުގައި އީރާނަށް ލިބިފައިވާ ޑިޓަރެންސެއްގެ ގޮތުގައި އީރާން އެތަން ބޭނުންކުރާތީއެވެ. އަނެއްކޮޅުން އެމެރިކާ ަފަދ ސަރަހައްދުން ބޭރުގެ ބާރުތަަކަށް ހުރުމުޒުއަށް އަތްގަދަ ކުރުމުގެ ފުރުސަތެއް ނުދޭނެއެވެ. ހުރުމުޒުގައި ހިނގި މި ކުރިމަތިލުންތަކާއެކު އެމެރިކާ މިހާރުވަނީ އީރާނުގެ ތެޔޮ އެކްސްޕޯޓް ކުރުމާ ދެކޮޅަށް އަލުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. އެމްއޯޔޫގައި ސޮއިކުރުމާއެކު އެމެރިކާ ވަނީ 60 ދުވަހުގެ މުއްދަތަށް މިފިޔަވަޅުތައް އުވާލާފައެވެ. ނަމަވެސް މިހާރު މިވަނީ އުވާލި ފިޔަވަޅުތައް އަލުން ރުޖޫއަކޮށްފައެވެ. ރައްދުގައި އީރާން އަލުން ހުރުމުޒު ކަނޑުއޮޅި އެއްކޮށް ބަންދުކުރުމަކީ ވަރަށް ގާތްކަމެއްކަމަށް ރިޕޯޓްތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ