ފަށާތައުލީމު މަރުހަލާގެ ފޮތް ސެޓް ނެރެފި

ފަށާތައުލީމު މަރުހަލާގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ތައްޔާރުކުރި ފޮތް ސެޓް ރަސްމީކޮށް ނެރެފިއެވެ.
މި ފޮތް ސެޓް ނެރެދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު އަދި މި މަޝްރޫޢުގެ މަސްޢޫލުވެރިޔާ ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.
ފޮތް ނެރެދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ، ”މިއީ ވަރަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން ކުރިއަށް ގެންދިޔަ ތައުލީމީ ތަރުބަވީ އިސްލާމީ މުހިންމު މަޝްރޫޢެއް“ ކަމަށެވެ. 2021 ވަނަ އަހަރު ފެށި މި މަޝްރޫޢަކީ ޖުމްލަ 65 ފޮތުގެ މައްޗަށް އެކުލެވޭ މަޝްރޫޢެކެވެ. މީގެ ތެރޭގައި ބޭބީ ނާސަރީ، ނާސަރީ، އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ މަރުޙަލާގެ ފޮތްތައް ހިމެނެއެވެ.
މި ފޮތްތަކުގައި ޤައުމީ މަންހަޖުގައި ހިމެނޭ ހުރިހާ މާއްދާތަކެއްގެ އިތުރުން، އިސްލާމީ އަދަބު އަޚްލާޤާއި ޢަރަބި ބަސް ކިޔަވައިދޭނެ ފޮތްތައް ވެސް ހިމެނެއެވެ. އިސްލާމީ ތަރުބަވީ ފަލްސަފާގެ އަލީގައި މި ފޮތްތައް އެކުލަވައިލެއްވީ ނޭޝަނަލް އިންސްޓިޓިއުޓް ފޯ އެޑިއުކޭޝަންގެ ކުރީގެ ކަރިކިއުލަމް ޑިވެލޮޕަރ މަރިޔަމް ޝަޒްނާއެވެ. މީގެ އިތުރުން ޤުރްއާން މާއްދާގެ ފޮތް ތައްޔާރުކުރުމުގައި ޢާބިދާ މިސް އަދި ބޭބީ ނާސަރީގެ ޢަރަބި ފޮތް ތައްޔާރުކުރުމުގައި ނީނާ މިސް ބައިވެރިވެފައިވާއިރު، ފޮތްތަކުގެ ކުރެހުންތައް ތައްޔާރުކުރީ ޚަދީޖާ ޢަބްދުﷲ އެވެ.
މި މަޝްރޫޢުގެ ދަށުން މިއަދު ނެރެފައިވަނީ ބޭބީ ނާސަރީގެ 16 ފޮތެވެ. ބާކީ ހުރި 49 ފޮތް ލިޔެ ނިމިފައިވާ ކަމަށާއި، އެ ފޮތްތައް ނެރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ފޮތްތައް މުރާޖިޢާކުރުމުގައި އުސްތާޒު އިމްތިތާއު އައްބާސް، އުސްތާޛު މުޙައްމަދު ފިރުޒުލް އަދި ޝިފާޔަތު އަލީ ވަނީ އެހީތެރިވެފައެވެ.
ވަޒީރު ޝަހީމް ވަނީ މި މަޝްރޫޢު ކާމިޔާބުކުރުމުގައި އެހީތެރިވި ޝައިޚު މުޙައްމަދު ލަތީފް، މަދީނާ އިންވެސްޓްމަންޓްސްގެ ސީއީއޯ އަލީ އަހުސަން، އަދި އައިއޯސީސީގެ ކޯފައުންޑަ އަލީ އަޝްވާޤުގެ އިތުރުން މާލީ ގޮތުން އެހީތެރިވި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. މިއީ ރާއްޖޭގައި މިފަދަ ގޮތަކަށް ނެރެވޭ ފުރަތަމަ ފޮތް ސެޓުކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި ފޮތްތަކަކީ ބެލެނިވެރިންނަށް ގޭގައި ތިބެގެން ދަރިންނަށް ކިޔަވައިދެވޭނެ ގޮތަށް އަދި ޕްރީ ސްކޫލުތަކުގައި ވެސް ބޭނުންކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ފޮތްތަކެކެވެ. މި މަޝްރޫޢަށް މާލީ އެހީތެރިކަން ދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު އަދިވެސް އޮތް ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ