އިންޑިއާގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރަން އިންޑިއާގެ ރެޕް ލަވަކިޔުންތެރިޔާ އަދި އިންޑިއަން އައިޑަލްގެ ޖަޖު ބާދުޝާ ރާއްޖެ އަތުވެއްޖެ އެވެ.
ވިޒިޓް މޯލްޑިވްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާގެ މާކެޓަށް އަމާޒުކޮށްގެން މި އަހަރު ހިންގާ ހަރަކާތްތަކުގެ ދަށުން ވިޒިޓް މޯލްޑިވްސްގެ ކަލްޗުރަލް އެމްބެސެޑަރެއްގެ ގޮތުގައި ވެސް ހަމަޖައްސާފައިވާ ބާދުޝާއާ އެކު، ހަތަރު ދުވަހުގެ ދަތުރެއް ކާމިޔާބުކަމާ އެކު މިހާރު ނިންމާލާފައިވާ ކަމަށެވެ.
އެ ދަތުރު ހޯސްޓްކޮށްދީފައި ވަނީ ހއ. އަތޮޅުގައި އޮންނަ ހައިޑްއަވޭ ބީޗް ރިސޯޓް އެންޑް ސްޕާ ރިސޯޓުންނެވެ.
ވިޒިޓް މޯލްޑިވްސް އިން ބުނީ ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ދަތުރަކީ އިންޑިއާގެ ނުފޫޒުގަދަ ސަގާފީ ޝަހުސިއްޔަތަކާއި ދުނިޔޭގެ އެންމެ މަގުބޫލު އެއް މަންޒިލް ގުޅުވައިދިން މަސައްކަތެއް ކަމަށެވެ. މިއީ އިންޑިއާގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކޮށް، ރާއްޖެއަށް ދަތުރުކުރުމަށް އިންޑިއާގެ ޓޫރިސްޓުންނަށް ހިތްވަރުދީ، ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރާއްޖޭގެ ރީތިކަން އިޝްތިހާރުކުރުމަށް ފަރުމާކުރި ކެމްޕޭނެއް ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
އިންޑިއާ އަކީ ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތުގައި މުހިންމު މާކެޓެއް ކަމަށާއި ދަތުރުފަތުރުގެ ފަސޭހަކަމާ އެކު އެ ގައުމުގެ ޓޫރިސްޓުންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުވަމުންދިއުމުން ދިގު މުއްދަތުގައި ރާއްޖެއަށް އެ ގައުމުން އަންނަ ޓޫރިސްޓުން އިތުރުވާނެ ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުންޏެވެ.
ރާއްޖެއަކީ އިންޑިއާގެ ހަނީމޫން ދަތުރުވެރިންނަށާއި އާއިލާތަކަށާއި ލަގްޒަރީ ދަތުރުވެރިންގެ އިތުރުން ކައިވެނީގެ ހަފުލާތަކާއި ކޯޕަރޭޓް ދަތުރުތަކަށް ވެސް އެންމެ އެކަށީގެންވާ މަންޒިލް ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުންޏެވެ.
ވިޒިޓް މޯލްޑިވްސް އިން ބުނީ ބާދުޝާއަކީ އިންޑިއާ އަދި މުޅި ދެކުނު އޭޝިއާ ސަރަހައްދުގައި މަގުބޫލު އަދި އޭނާގެ މިއުޒިކާއި ވީޑިއޯތަކަށް ބިލިއަނުން "ސްޓްރީމްސް" ލިބިފައިވާ ފަންނާނެއް ކަމަށެވެ. މިއުޒިކުގެ އިތުރުން ފެޝަން، ލައިފްސްޓައިލް އަދި މުނިފޫހިފިލުވުމުގެ ދާއިރާގައި އޭނާގެ އޮތް ނުފޫޒުގެ ސަބަބުން، އާ ޖީލުގެ ދަތުރުވެރިންނަށް ރާއްޖެ އިޝްތިހާރުކުރުމަށް އޭނާއަކީ އެންމެ އެކަށީގެންވާ ބައިވެރިޔާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
މި ދަތުރުގައި ބާދުޝާ ވަނީ ހައިޑްއަވޭ ބީޗް ރިސޯޓް އެންޑް ސްޕާގައި މަޑުކޮށް ރާއްޖޭގެ މެހުމާންދާރީ އާއި ވޯޓާ އެޑްވެންޗާކާއި ލަގްޒަރީ ޔޮޓް ދަތުރުތަކާއި އަދި ރާއްޖޭގެ ސަގާފީ ކަންކަން ތަޖުރިބާކޮށްފަ އެވެ. މި ކެމްޕޭނުގެ މަގުސަދަކީ ރާއްޖެއަކީ ހަމައެކަނި ލަގްޒަރީ މަންޒިލެއްގެ ގޮތުގައި ދެއްކުމުގެ ބަދަލުގައި އާއިލީ ދަތުރުތަކާއި ރޮމޭންޓިކް އަދި އެޑްވެންޗާ ދަތުރުތަކަށް ވެސް އެންމެ ފުރިހަމަ މަންޒިލްކަން ހާމަކޮށްދިނުމެވެ.
ވިޒިޓް މޯލްޑިވްސް އިން ބުނި ގޮތުގައި މި ކޮލަބްރޭޝަންގެ ދަށުން ބާދުޝާ އުފެއްދި ކޮންޓެންޓްތައް ކުރިއަށް އޮތް ހަފުތާތަކުގައި އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އާންމުކުރާނެ ކަމަށެވެ. އޭގެ ތެރޭގައި އިންސްޓަގްރާމް ރީލްސްތަކާއި ޕޯސްޓްތައް އަދި ޔޫޓިއުބް ވްލޮގްތައް ހިމެނޭ އެވެ.
ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އިބްރާހީމް ޝިއުރީ ވިދާޅުވީ އިންޑިއާއަކީ ހަމައެކަނި ޓޫރިސްޓުން އަންނަ ގައުމެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ ޓޫރިޒަމްގެ މުސްތަގުބަލަށް ނުހަނު މުހިންމު މާކެޓެއް ކަމަށެވެ.
"ބާދްޝާއާ އެކު މި ފެށި މަސައްކަތަކީ އިންޑިއާގެ ދަތުރުވެރިންނާ އޮތް ގުޅުން ބަދަހިކުރުމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް. އަޅުގަނޑުމެންގެ ބޭނުމަކީ ބާދުޝާގެ މަގުބޫލުކަން ބޭނުންކޮށްގެން، އިންޑިއާގެ ދަތުރުވެރިންނަށް ރާއްޖެއަކީ ކައިރި، ފަސޭހައިން އާދެވޭ އަދި ތަފާތު ތަޖުރިބާތަކެއް ކުރެވޭނެ މަންޒިލެއްކަން ހަނދާންކޮށްދިނުން،" ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އިބްރާހީމް ޝިއުރީ ވިދާޅުވި އެވެ.
ވިޒިޓް މޯލްޑިވްސް އިން ބުނި ގޮތުގައި މި ކެމްޕޭން ކުރިއަށް ގެންދަނީ އިންޑިއާގައި ގައުމުން ބޭރަށް ދަތުރުކުރާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވަމުން އަންނަ ދަނޑިވަޅެއްގަ އެވެ. ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލުން ލަފާކުރާ ގޮތުގައި އިންޑިއާގެ ދަތުރުވެރިން ކުރާ ހޭދަ މިދިޔަ އަހަރު ހުރީ 34.6 ބިލިއަން ޑޮލަރުގަ އެވެ. އަދި 2036 ވަނަ އަހަރު އެ އަދަދު 71.8 ބިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް އަންދާޒާކުރެވެ އެވެ.
މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އިންޑިއާ އިން 68,933 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، އެއީ މި އަހަރު ރާއްޖެ އައި ޓޫރިސްޓުން ހަ ޕަސެންޓެވެ.
މީގެ ކުރިން 2020 އާއި 2021 އަދި 2022 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމަކީ އިންޑިއާ އެވެ. ނަމަވެސް 2023 ވަނަ އަހަރު ބޮޑު ވެއްޓުމަކަށް ގޮސް އެ އަހަރު ރާއްޖެ އައިސްފައި ވަނީ އިންޑިއާގެ ދެ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުންނެވެ.
ރާއްޖެ ޕްރޮމޯޓްކުރަން މިފަހަރު ގެނައީ ބާދުޝާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ