ސްޕޯޓްސް މިނިސްޓްރީން ފަންޑު ދޫކުރުން ލަސްވެ، ހާއްސަ އެހީއަށް ބޭނުންވާ މީހުނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުޅިވަރު ޕްރޮގްރާމްތައް ހިންގައިދޭ ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ބައެއް ޕްރޮގްރާމްތައް ހުއްޓާލަން ޖެހިއްޖެ އެވެ.
ވީކިހިނެއް؟ - ސްޕޯޓްސް މިނިސްޓްރީން ކުޅިވަރު އެސޯސިއޭޝަންތަކަށް ކޮންމެ އަހަރަކު ފަންޑެއް ދޫކުރާއިރު، މި އަހަރު ފަންޑު ދޫކުރުމުގައި ލަސްތަކެއް ކުރިމަތިވެގެން އެބަ އުޅެ އެވެ.
އެގޮތުން، ސްޕެޝަލް އޮލިމްޕިކްސްއަށް ވެސް ދޭން ޖެހޭ ފަންޑު އަދި ނުލިބި، ބައެއް ޕްރޮގްރާމްތައް ހިންގުމަށް ވަނީ ދަތިވެފަ އެވެ.
ތަފްސީލް - ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ރައީސް އިބްރާހިމް ރަމީޒު ވިދާޅުވި ގޮތުގައި، ސަރުކާރުގެ ފަންޑުގެ އިތުރުން ވެސް ސްޕޮންޝާ ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުން ދެ ޕްރޮގްރާމެއް މިހާރު މަޑުޖައްސާލަން ޖެހިފައިވާ ކަމަށެވެ. އެއީ:
ބާސްކެޓް ބޯޅަ
އެތްލެޓިކްސް
މިހާރު ކުރިއަށްދަނީ ސްވިމިންގެ ޕްރޮގްރާމެއްގެ އިތުރުން މެލޭޝިއާގައި އޮތް ސްޕެޝަލް އޮލިމްޕިކްސް އޭޝިއާ ޕެސިފިކް ބެޑްމިންޓަން މުބާރާތަށް ރާއްޖޭގެ ޓީމު ގޮސްފައިވާތީ އެ ޕްރޮގްރާމް އެކަންޏެވެ. ބެޑްމިންޓަން މުބާރާތަށް ވެސް ބަޖެޓްގެ ދަތިކަން ހުރިކަން ރަމީޒު ފާހަގަކުރެއްވި އެވެ.
އިބްރާހީމް ރަމީޒު ވިދާޅުވީ ޕްރޮގްރާމްތައް ގެންދިއުމުގައި ތާށިކަމެއް ދިމާވީ ސަރުކާރުން ދޫކުރާ ފަންޑު ލިބުން ލަސްވުމުގެ އިތުރުން ޕްރޮގްރާމްތަކަށް ވަންނަން ބޭނުންވާ މީހުންނާއި ކުދިން ވެސް ގިނަވެގެނެވެ.
"ކުރިން ޕްރޮގްރާމަކަށް ކޯޗެއް ހުރެގެން ވެސް ހިންގުނު. އެކަމަކު މިހާރު ތިން ކޯޗުން ތިބެގެން ވެސް ހިންގަން ދަތި. މި ކަމުގެ ސަބަބުން އެ ކުދިންނަށް ލިބޭ ކުރިއެރުން، އެ ހޭލުންތެރިކަން އިތުރުވެގެން ވަންނަ ކުދިން ވެސް ގިނަވެގެން އެ ތާށިވެގެން މި އުޅެނީ،" ރަމީޒު ވިދާޅުވި އެވެ.
ސަރުކާރުން ސްޕެޝަލް އޮލިމްޕިކްސްއަށް ދެނީ އަހަރަކު 500،000ރގެ ބަޖެޓެކެވެ. ބަޖެޓް ދޫކުރަނީ ކޮންމެ ކުއާޓަރަކު 125،000ރ.ގެ މަގުންނެވެ. ރަމީޒު ވިދާޅުވި ގޮތުގައި މިހާރު އެ ތަނަށް ލިބޭ ބަޖެޓަށް ވުރެ ދެގުނަ ބޮޑު ބަޖެޓެއް ހިންގުމަށް ބޭނުންވެ އެވެ.
މި ޕްރޮގްރާމްތައް ހުއްޓާލުމުން 'ދައުރު'އާ ވާހަކަ ދެއްކި ބެލެނިވެރިއަކު ބުނީ ކުއްޖާ ނަފުސާނީ ގޮތުން ވެސް ދުޅަހެޔޮވުމާއި އެކި ގޮތްގޮތުން ހިތްހަމަޖެހުމާއި އެހީ ލިބެމުން ދިޔައީ މި ޕްރޮގްރާމްތަކުގެ ސަބަބުން ކަމަށެވެ.
ނަމަވެސް އެ ކުއްޖާ ބައިވެރިވި ޕްރޮގްރާމް ހުއްޓާލަން ޖެހުމުން އެ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ބުނީ ދެން އޭނާގެ އުޅުމަށް ވެސް މީގެ ސަބަބުން އަސަރުތަކެއް ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.
"ދުވަހުގެ ރޫޓިން ވެސް ބަދަލުވާނެތާ. އަދި ހިތްހަމަޖެހުމާއި އުފާ ހޯދަމުން ދިޔަ ކަމެއް ހުއްޓުމަކަށް މި އައީ،" ބެލެނިވެރިޔާ ބުންޏެވެ.
އެނގުން މުހިންމު - ސްޕެޝަލް އޮލިމްޕިކްސްގެ ޕްރޮގްރާމްތައް ހިންގަނީ ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނުނަގަ އެވެ.
އެ ތަނުގެ ޕްރޮގްރާމްތައް ހިންގުމަށް އާންމުންގެ އެހީތެރިކަމަށް ވެސް ވަނީ އެދިފަ އެވެ.
ސްޕެޝަލް އޮލިމްޕިކްސްއަށް ގުޅޭނެ ރަސްމީ ނަންބަރަކީ 7939944
އެ ތަނުގެ ދިވެހި ރުފިޔާ އެކައުންޓަކީ 7730000284792
އެ ތަނުގެ ޑޮލަރު އެކައުންޓަކީ 7730000284793
ސަރުކާރުގެ ފަންޑު ލަސްވެ، ސްޕެޝަލް އޮލިމްޕިކްސްގެ ޕްރޮގްރާމްތަކެއް ހުއްޓާލަން ޖެހިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ