އަލިހުރަސް ކަނޑަށް ޑައިވިން ދޯންޏެއް އަޑިއަށް ގޮސް، އޭގެ ބައިތައް އޮޔާދާތީ ސަމާލުވާން އެދެފި
އަލިހުރަސް ކަނޑަށް އަޑިއަށް ގޮސްފައިވާ ދޯންޏެއްގެ ބައެއް ބައިތަކާއި ތަކެތި އޮޔާތީ ސަމާލުވާން އެމްއެންޑީއެފުން މިއަދު އެދިއްޖެއެވެ. އެމްއެންޑީއެފުން ބުނީ އއ. ރަސްދޫއަށް ދަތުރުކުރަމުން ދިޔަ "ސްކޫބާ" ނަމަކަށް ކިޔާ ޑައިވިން ދޯންޏެއް އަލިހުރަސް ކަނޑަށް އަޑިއަށް ގޮސްފައިވާ ކަމަށެވެ. އަދި އެ ދޯނީގެ ބައެއް ބައިތަކާއި ތަކެތި އޮޔާދާކަމުގެ މަޢުލޫމާތު ލިބިފައިވާތީ، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ. އެމްއެންޑީއެފުން ބުނީ އެ ޑައިވިން ދޯނި އަޑިއަށް ގޮސްފައި ވަނީ އަލިހުރަސް ކަނޑުން 12 ނޯޓިކަލް މޭލު އިރުމައްޗަށް ކަމަށެވެ. އަދި ދޯނީގެ ބައެއް ބައިތަކާއި ތަކެތި އަލިހުރަސް ކަނޑުތެރެއަށް، ރަސްދޫގެ އިރުމައްޗަށް ވާގޮތަށް އޮޔާދާ ކަމުގެ މަޢުލޫމާތު ވަނީ ލިބިފައިވާކަމަށް ބުންޏެވެ. "އެހެންކަމުން، އަލިހުރަސް ކަނޑާއި އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށާއި އަދި ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން، ދަތުރުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރަމެވެ،" އެމްއެންޑީއެފުން ބުންޏެވެ. މި ދުވަސްވަރަކީ މުޅި ރާއްޖެއަށް ވެސް ޖުމްލަ ގޮތެއްގައި މޫސުން ގޯސް ދުވަސްވަރެކެވެ. ވައިބާރުވެ، ކަނޑުތައް ވެސް ގަދައިރު، ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަކީ މުހިންމު ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ