އާރުޓީއައި ހުށަހެޅުމުން ވެސް މުއިއްޒުގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކުގެ ތަފުސީލެއް ނުދިން އާރުޓީއައި ހުށަހެޅުމުން ވެސް މުއިއްޒުގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކުގެ ތަފުސީލެއް ނުދިން

ރައީސް މުހައްމަދު މުއިއްޒަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކުގެ ތަފުސީލު ހޯދުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެދުމުން ވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައުލޫމާތު ދޭން ދެކޮޅު ހަދައިފި އެވެ.
ހައުސިން މިނިސްޓަރު އަދި މާލޭގެ މޭޔަރުގެ މަގާމުގައި މުއިއްޒު ހުންނެވި ދުވަސްވަރު މުއިއްޒު ހިންގެވި ކަމަށް ޝައްކު ކުރެވޭ 20 އަށް ވުރެ ގިނަ މައްސަލަ އޮތީ އޭސީސީ އަށް ހުށަހަޅައިފަ އެވެ. އެ މައްސަލަތައް ބަލަމުންދާ ކަމަށް އޭސީސީ އިން ވަނީ މީގެ ކުރިން ބުނެފަ އެވެ.
މި މައްސަލަތަކުގެ ތަފުސީލު ހޯދުމަށް އަދަދު ނޫހުން އޭސީސީގެ މީޑިއާ ޓީމާއި ތަކުރާރުކޮށް ސުވާލުކުރުމުން މީގެ ކުރިން ވަނީ މައުލޫމާތު ދޭން އިންކާރުކޮށްފަ އެވެ. އެއާއެކު ސެޕްޓެމްބަރު 29، ގައި މި ނޫހުން ވާނީ އެ ތަފުސީލުތަކަށް އެދި އާރުޓީއައި އެއް ހުށަހަޅައިފަ އެވެ.
އާރުޓީއައި އަށް ޖަވާބު ނުދީ އޭސީސީ އިން ފުރަތަމަ މައްސަލާގައި ޖަވާބު ދިނުމަށް އިތުރު 14 ދުވަހަށް އެދުނެވެ. އެ މުއްދަތު ހަމަވުމުގެ ކުރިން އިއްޔެ ފޮނުވި ޖަވާބުގައި ބުނެފައިވަނީ އެދިފައިވާ މައުލޫމާތަކީ "ހިނގަމުންދާ ނުވަތަ ގާނޫނީ ގޮތުން އިމްތިޔާޒު ލިބިފައިވާ ތަހުގީގުތަކުގެ ދާއިރާގެ ތެރެއަށް ވަންނަ ކަންކަމާ ގުޅޭ މައުލޫމާތެއް ކަމުން" އެ މައުލޫމާތު ދެވެން ނެތް ކަމަށެވެ.
މައުލޫމާތު ނުދިނުމަށް ނިންމުމުގައި އޭސީސީ އިން ރިއާޔަތް ކޮށްފައިވަނީ ގާނޫނުގެ 24 ވަނަ މާއްދާގެ ހ. އަށެވެ.
މުއިއްޒުއަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުތައް އޭސީސީއިން ސިއްރުކުރި ނަމަވެސް، މީގެ ކުރިން އެފަދަ ތަފުސީލުތަކެއް ވަނީ އާންމުކޮށްފަ އެވެ.
ފެބްރުއަރީ 13، 2022، ގައި އޭސީސީން އާންމު ފަރާތަކަށް ދީފައިވާ ޖަވާބުގައި ބުނެފައިވާ ގޮތުން، އޭރު ބަލަމުންދިޔަ މައްސަލަތަކުގެ ތެރޭގައި މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނެވިއިރުގެ ގިނަ މައްސަލަތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި ހިޔާ ފުލެޓު ލިސްޓާ ބެހޭ މައްސަލަތަކެއް ވެސް ހިމެނެ އެވެ.
އެ ގޮތުން ހިޔާ މަޝްރޫއު އެންމެ އަގުބޮޑު ޕްރޮޕޯސަލް ހުށަހެޅި ކުންފުންޏާ ހަވާލުކުރެއްވި ކަމަށް ބުނާ މައްސަލައަކާއި ފުލެޓު ލިސްޓު އޮޅުވާލި ކަމަށް ބުނާ މައްސަލައެއްގެ އިތުރުން ވަޒީރު ކަމުގައި ހުންނެވި ދުވަސްވަރު އަމިއްލަ މަންފާއަށް މަޝްރޫއުތައް ކުންފުނިތަކަށް ދިން މައްސަލައެއް ވެސް ހިމެނެ އެވެ.
މީގެ އިތުރުން މުއިއްޒު މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު، ބޭރު ކުންފުނިތަކަކުން އެމަނިކުފާނުގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލައެއް ވެސް މި ނޫހުން 2023 ވަނަ އަހަރު ވާނީ ފެންމަތިކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ