ޝަހީދުންގެ އަގުވަޒަންކޮށް، އާއިލާތަކަށް އައްޑަނަ ދީފި

މީގެ 37 އަހަރު ކުރިން 3 ނޮވެމްބަރުގައި ރާއްޖެއަށް ދިން ޓެރަރިސްޓު ހަމަލާގައި ޝަހީދުވެ ވަޑައިގެން ބޭފުޅުންގެ އަގުވަޒަންކޮށް، އެ ބޭފުޅުންގެ އާއިލާތަކަށް އައްޑަނަ ހަވާލުކޮށްފި އެވެ.
ވީ ކިހިނެއް؟ - ޝަހީދުންގެ ދުވަސް ފާހަގަ ކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ރަސްމިއްޔާތުގައި، އާއިލާތަކަށް މި އައްޑަނަތައް ހަވާލުކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒެވެ.
ރާއްޖޭގެ ވެރިކަން ވައްޓާލަން ދިން މި ހަމަލާތަކުގައި ސިފައިންގެ އަށް ބޭކަލަކާއި އާއްމުންގެ ތެރެއިން 11 މީހަކު ޝަހީދުވި އެވެ.
ޝަހީދުވި ސިފައިންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ:
ސާޖެންޓް ކުޑައާދަމް ކުޑަތުއްތު، 49 އަހަރު، ސިފައިންގެ ހިދުމަތުގައި 27 އަހަރު
ޝަހީދުވެ ވަޑައިގެންނެވީ ސިފައިންގެ މައި މަރުކަޒަށް ދުޝްމިނުން ހަމަލާދޭން ފެށުމާއެކު، އެކަމުގެ މައުލޫމާތު ސާފުކުރެއްވުމަށް މެދު ޒިޔާރަތްމަގުން ސައިކަލުގައި ސިފައިންގެއަށް ވަޑައިގަންނަވަނިކޮށް، ބަޑީގެ ހަމަލާއެއްގައި
ލެފްޓެނެންޓް ކުޑަނެވި ތުއްތުމަނިކު، 51 އަހަރު، ހިދުމަތުގައި 17
އޭނާއަކީ ސިފައިންގެ ވެރިޔާގެ ނައިބު، އިލްޔާސް އިބްރާހިމްގެ ކާރުގެ ޑްރައިވަރު. ޝަހީދުވީ، ދުޝްމިނުން ހަމަލާދޭން ފެށުމާއެކު ކިނބިގަސްދޮށުގެއަށް ވަޑައިގަތް، އެގެއަށް ވަދެވަޑައިގަންނަވަން އުޅުއްވަނިކޮށް
ކޯޕްރަލް ހުސައިން މުހައްމަދު، 38 އަހަރު، ހިދުމަތުގައި 17 އަހަރު
ދުޝްމިނުން ހަމާދޭލޭން ފެށިއިރު އުޅުއްވީ ޑިއުޓީ ޒޯންގައި. ޝަހީދުވީ ހަމަލާދޭން ފެށުމާއެކު ބައިސްކަލުގައި ސިފައިންގެއަށް ވަޑައިގަންނަވަނިކޮށް
ކޯޕްރަލް އަބްދުﷲ ޒުހައިރު، 33 އަހަރު، ހިދުމަތުގައި 5 އަހަރު
ޝަހީދުވީ، ރައީސް އޮފީހުގެ ގޭޓުގައި ޑިއުޓީގައި ހުންނަވަނިކޮށް ދިން ހަމަލާތަކުގައި
ސާޖެންޓް އާދަމް ނަސީރު، 28 އަހަރު، ހިދުމަތުގައި 8 އަހަރު
ދުޝްމިނުން ހަމަލާދޭން ފެށީ ސިފައިންގެ މަރުކަޒުގެ އެތެރޭގައި ހުންނަވަނިކޮށް. އެތަނުގައި ހުންނަވައިގެން ރައްދު ހަމަލާ ދޭން މަސައްކަތް ކުރެއްވި. ޝަހީދުވީ ޕެޓްރޯލަށް ބޭރަށް ނުކުމެ ވަޑައިގެން ވަގުތު ދުޝްމިނުން ދިން ހަމަލާތަކުގައި
ކޯޕްރަލް މުހައްމަދު އިބްރާހިމް، 31 އަހަރު، ހިދުމަތުގައި 8 އަހަރު
ރައްދުގައި ހަމަލާދިނުމަށް މަސައްކަތް ކުރެއްވި. ޝަހީދުވީ ޕެޓްރޯލަށް ސިފައިންގެ ގޭޓުން ބޭރަށް ނުކުތް ވަގުތު ދިން ހަމަލާތަކުގައި
ކޯޕްރަލް މުހައްމަދު ހަސަން، 28 އަހަރު، ހިދުމަތުގައި 4 އަހަރު
ދުޝްމިނުން ހަމަލާދޭން ފެށި އިރު ހުންނެވީ ސިފައިންގެ މައި މަރުކަޒުގެ އެތެރޭގައި. ރައްދު ދޭން މަސައްކަތް ކުރެއްވި. ޝަހީދުވީ ޕެޓްރޯލަށް ބޭރަށް ނުކުމެވަޑައިގެންނެވި ވަގުތު
ކޯޕްރަލް ހުސައިން އާދަމް، 20 އަހަރު، 4 އަހަރު
ދުޝްމިނުންނަށް އެންމެ ފުރަތަމަ ހަމަލާދޭން މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ހުސައިން އާދަމް ހިމެނިވަޑައިގަންނަވާ. އޭރު އޭނާ ހުންނެވީ ސިފައިންގެ މައިމަރުކަޒުގެ ޑިއުޓީގައި. ހަމަލާ އަމާޒުވެ ވަޑައިގެން ވެއްޓިވަޑައިގަންނަވަންދެން ރައްދުގައި ހަމަލާ ދެއްވި 
ސްރީލަންކާގެ ޓެރަރިސްޓުންގެ ހަމަލާތަކުގައި އާއްމުންގެ ތެރެއިން 11 މީހަކު ޝަހީދުވި އެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ: 
އަބްދުއްރަހްމާން އާދަމް، 53 އަހަރު
މިއީ އިސްލާމީ މަރުކަޒުގެ އިމާމު. ފަތިސް ނަމާދު ކުރައްވައިގެން، ދުޝްމިނުން ހަމަލާދޭން ފެށުމުން މިސްކިތުން ފައިބައިވަޑައި ނުގެންނެވިފައި ގިނައިރުތަކެއް ވާންދެން ހުންނެވުމަށް ފަހު ނުކުންނެވީ ހަވީރު. އެ ވަގުތު ރަހީނު ކުރައްވައި، ގެންދެވީ ފަޅުތެރެއިން ފޭރިގެން އެމްވީ ޕްރޮގްރެސް ލައިޓަށް. ޝަހީދުވެވަޑައިގެންނެވީ ބޯޓު ހުއްޓުވުމަށް ދިން ހަމަލާތަކުގައި 
އިބްރާހިމް ހުސައިން، 52 އަހަރު
އިސްލާމީ މަރުކަޒަށް ފަތިސް ނަމާދަށް ވަޑައިގަތުމަށް ފަހު ހަމަލާތަކާ ހެދި އެތަނުގައި ތާށިވެވަޑައިގެން. ހަވީރު ވަގުތު މިސްކިތުން ނުކުންނެވުމާއެކު ރަހީނު ކުރައްވައި، ގެންދެވީ ފަޅުތެރެއިން ފޭރިގެން އެމްވީ ޕްރޮގްރެސް ލައިޓަށް. ޝަހީދުވެވަޑައިގެންނެވީ ބޯޓު ހުއްޓުވުމަށް ދިން ހަމަލާތަކުގައި
އަބްދުއްސައްތާރު އާދަމް، 49 އަހަރު
އޭނާއަކީ އިސްލާމީ މަރުކަޒުގެ ވޮޗަރު. ހަމަލާތަކާ ހެދި އެތަނުގައި ތާށިވެވަޑައިގެން. ހަވީރު ވަގުތު މިސްކިތުން ނުކުންނެވުމާއެކު ރަހީނު ކުރައްވައި، ގެންދެވީ ފަޅުތެރެއިން ފޭރިގެން އެމްވީ ޕްރޮގްރެސްލައިޓަށް. ޝަހީދުވެވަޑައިގެންނެވީ ބޯޓު ހުއްޓުވުމަށް ދިން ހަމަލާތަކުގައި
އުމަރު އަހުމަދު، 45 އަހަރު
މިއީ އިސްލާމީ މަރުކަޒުގެ ގާޑެއް. ޝަހީދުވެވަޑައިގެންނެވީ ރަހީނު ކުރައްވައި، އެމްވީ ޕްރޮގްރެސްލައިޓަށް ގެންދެވުމުން ބޯޓަށް ދިން ހަމަލާތަކުގައި 
އަހުމަދު ލަބީބު، 52 އަހަރު
މިއީ ޗާންދަނީ މަގުގައި ހުންނަ 18 ނަމްބަރު ފިހާރައިގެ މެނޭޖަރު. އެ ފިހާރައަށް ދުޝްމިނުން ވަދެ ރަހީނު ކުރެއްވި. ޝަހީދުވެވަޑައިގެންނެވީ ރަހީނު ކުރައްވައި، އެމްވީ ޕްރޮގްރެސްލައިޓަށް ގެންދެވުމުން ބޯޓަށް ދިން ހަމަލާތަކުގައި
ހަސަން ޒަރީރު، 20 އަހަރު
މިއީ އެމްވީ ޕްރޮގްރެސް ލައިޓުގެ ސީމަނެއް. ޝަހީދުވީ ދިވެހިންތައް ރަހީނުކޮށްގެން ގެންދިޔަ މި ބޯޓު ހުއްޓުވުމަށް ދިން ހަމަލާތަކުގައި
ޖަވާދު އުމަރު، 16 އަހަރު
މިއީ ހަމަލާތަކުގައި ޝަހީދުވި ހަމައެކަނި ކުޑަކުއްޖާ. އޭނާއަކީ ހުޅުލެއާ މާލެއާ ދެމެދު ދުއްވާ ދޯންޏެއްގެ ފަޅުވެރިއެއް. ފަޅުތެރޭގައި ހުރި ދޯނިތައް ހިފަހައްޓައި އަސީރުންގެ ގޮތުގައި މާލެ ބޭލުއްވި. ޝަހީދުވީ ބޮލަށް އެރި ވަޒަނެއްގައި
އިސްމާއީލް ހަލީމް، 35 އަހަރު
މިއީ ދިވެހިރާއްޖޭގެ އަޑުގެ އޮޕަރޭޓަރު. ޝަހީދުވީ އެތަން ހުޅުވުމަށް ތަޅުދަނޑި ބަލައި ބައިސްކަލުގައި ވަޑައިގަންނަވަނިކޮށް
އަހުމަދު ރަޝީދު، 24 އަހަރު
މިއީ ޓެކްސީ ޑްރައިވަރެއް. އެކަމަކު ޝަހީދުވެވަޑައިގެންނެވީ ދުޝްމިނުން ހަމަލާދޭން ފެށުމާއެކު ވެގެން ވެގެން އުޅޭގޮތް ބައްލަވައިލެއްވުމަށް ސައިކަލުގައި ނުކުންނެވިތަނުން މަގުމަތީގައި ތިބި ޓެރަރިސްޓުން ދިން ބަޑީގެ ހަމަލާއެއްގައި. އަހުމަދު ރަޝީދު އިންނެވީ ސައިކަލުގެ ފަހަތުގައި.
އިބްރާހިމް ހަމީޒު، 22 އަހަރު
މިއީ މާލޭގެ އޭރުގެ މަޝްހޫރު ފުޓުބޯޅަ ޓީމެއް ކަމަށްވާ ޔަންގްސްޓާ ފުޓުބޯޅަ ޓީމުގެ ގޯލްކީޕަރު. ޝަހީދުވީ ޕްރެކްޓިސްއަށް ހެންވޭރު ދަނޑަށް ވަޑައިގަންނަވަނިކޮށް
ހުސެން އަބްދުއްރަހްމާން، 70 އަހަރު
މިއީ މަސްވެރިއެއް. ދުޝްމިނުން ހަމަލާދޭން ފެށިއިރު ހުންނެވީ މާލޭ މަސްމާރުކޭޓާ ދިމާލު ފަޅުތެރޭގައި އޮތް ކ. ދިއްފުށީ ދޯންޏެއްގައި. ހަމަލާދޭން ފެށުމާއެކު ފުރަން މަސައްކަތް ކުރި. އެކަމަކު ދޯނި ހުއްޓުވުމަށް ދިން ބަޑީގެ އުންޑަ އަމާޒުވީ، އޭރު ދިރުނބާކޮޅުގައި ހުންނެވި ހުސެން އަބްދުއްރަހްމާނުގެ ކަރަށް. ޝަހީދުވީ، ފަރުވާއަށް ރާއްޖޭން ބޭރަށް ގެންދަވަން އުޅެނިކޮށް ޑިސެމްބަރު މަހުގެ ތެރޭގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ