ނަސްރުގެ ދުވަހަކީ އަވަށްޓެރި އިންޑިޔާގެ މަދަދުވެރިކަން ދާއިމަށް ދިވެހިންނަށް ހަނދާންކޮށްދޭ ދުވަހެއް ކަމުގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ނަސްރުގެ ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ޔާމީންގެ ޕޯސްޓްގައި މިއަދަކީ ދިވެހި ގައުމަށް ޚާއްސަ ދުވަހެއް ކަމުގައި ފާހަގަ ކުރައްވާ ނަސްރު ދުވަހު ހަނދާންކޮށްދޭ ހަތް ކަމެއް ފާހަގަ ކުރެއްވި އެވެ.
ފުރަތަމަ ކަމަކަށް ފާހަގަ ކުރެއްވީ މިއަދަކީ ނަސްރުދެއްވި ކަމަށްޓަކައި اللّـه سبحـانـه وتعـالىގެ ޙަޟުރަތަށް ޙަމްދާއި ޝުކުރުކުރުންމަތީ ދެމިތިބެން ހަނދާން ކުރަންޖެހޭ ދުވަހެއް ކަމަށެވެ.
އަދި މިއީ ދިވެހިންގެ ލޭ އޮހޮރުވާލައި ވެރިކަން ބަދަލުކުރަން އުޅުނު ދުވަހެއް ކަމަށާ ސިފައިންގެ ވަރުގަދަ ޢަޒުމާ ވަރުގަދަ ޤުރުބާނީ ފާހަގަ ކުރެވުނު ދުވަހެއް ކަމުގަ އެވެ.
ހަތަރުވަނަ ކަމަކަށް ފާހަގަ ކުރެއްޗީ ޒުވާން ޝަހީދު ޙުސައިން އާދަމްގެ މަތިވެރި ޖިހާދުގެ ދުވަހެއް ކަމުގައެވެ. މިއީ ޤައުމު ދިފާޢު ކުރުމުގައި އެންމެ އާދައިގެ ސިފައިންގެ ބޭކަލަކު މުޅި ސިފައިންގެ ލަޝްކަރަށް ފިލާވަޅު ނަގައިދިން ދުވަހެއް ކަމަށާ ހަމަ އެފަދަ ޤައުމީ ބަޠަލު ބްރިގޭޑިއާ ޖެނެރަލް (ރޓ) އިބްރާހިމް މުޙައްމަދު ދީދީގެ މަތިވެރި ހިތްވަރު ގަދަ މަސައްކަތުން ސިފައިންގެ ހަތިޔާރު ގުދަން ސިފައިންގެ އަތުޖައްސައިދީ ވަރުގަދަ ރައްދު ހަމަލާތަކެއް ދިން ދުވަސް ކަމުގައިވެސް ވިދާޅުވި އެވެ.
މީގެ އިތުރުން މިއީ އަވަށްޓެރި އިންޑިޔާގެ މަދަދުވެރިކަން ދާއިމަށް ދިވެހިންނަށް ހަނދާންކޮށްދޭ ދުވަސް ކަމުގައިވެސް ޔާމީން ވިދާޅުވި އެވެ.
މީގެ 37 އަހަރު ކުރީން 1988, ނޮވެންބަރު ތިންވަނަ ދުވަހު ދިވެހީންގެ ބަޔަކު އަޑީގައި ތިބެގެން ކުލީ ސިފައިން ގެނެސް ވެރިރަށް މާލޭގައި ހިންގި އުދުވާންގައި 19 ދިވެހީން ޝަހީދުވި އެވެ. އެ ދުވަހު ރައީސް މައުމޫންގެ އެދިވަޑައިގަތުމަކަށް އިންޑިއާ ސިފައިން ވަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
މިއީ އިންޑިޔާގެ މަދަދުވެރިކަން ދާއިމަށް ހަނދާންކޮށްދޭ ދުވަހެއް: ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ