އައްޑޫ ބްރިޖަކީ ރައްޔިތުންނަށް ދައްކާ ހުވަފެނެއް! އައްޑޫ ބްރިޖަކީ ރައްޔިތުންނަށް ދައްކާ ހުވަފެނެއް!

އައްޑޫ ސިޓީއަކީ ކޮންމެ ވެރިކަމެއްގައި އަޅައިނުލައި ދޫކޮށްލާފައި އޮންނަ ތަނެއް ކަމަށް ބުނެ އެ ސިޓީގެ ރައްޔިތުން އަބަދުވެސް ޝަކުވާ ކުރެ އެވެ. ކޮންމެ ވެރިކަމެއްގައި ވެސް އެ ސިޓީގެ ތަރައްގީއަށް މާސިންގާ ވައުދުތަކެއްވެ ކެންޑިޑޭޓުން ވެ އެވެ. ނަމަވެސް އެދެވޭ ސްޕީޑެއްގައި އައްޑޫގެ ތަރައްގީގައި ކުލައެއް ނުޖެހެ އެވެ.
އައްޑޫ ރައްޔިތުން ދެކޭ ގޮތުގައި އެ ސިޓީ ތަރައްގީކޮށްދޭން އެއްވެސް ބަޔަކު ބޭނުމެއް ނުވެ އެވެ.
އެހެން ވެރިކަންތަކެކޭ އެއްގޮތަށް މި ވެރިކަމުގައި ވެސް އައްޑޫ ސިޓީގެ ތަރައްގީއަށް ބޮޑެތި ވައުދުތަކެއްވި އެވެ. އޭގެ ތެރެއިން އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުދޫ-މީދޫ ގުޅުވާލަން ބްރިޖެއް އެޅުމަކީ ވީ އެންމެ ބޮޑު ވައުދެވެ. މި ދައުރު ތެރޭގައި އެ ބްރިޖް އަޅާނެ ކަމުގެ ޔަގީންކަން ސަރުކާރުންދެ އެވެ. ނަމަވެސް އެ ވައުދު ފުއްދޭނެ ކަމާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
ގިނަ ބަޔަކު އެ ސުވާލު އުފައްދަން ފެށީ ސަރުކާރަށް ދެ އަހަރު ވެގެންދިޔައިރު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައި ނުވާތި އެވެ. ދެއިރު ދެގޮތަށް ސަރުކާރުން ވާހަކަ ދައްކާތީ އެވެ. އެ މަޝްރޫއުގެ ސާވޭ މަސައްކަތް މިދިޔަ އަހަރު މިސްރުގެ ކުންފުންޏަކާ ހަވާލުކުރުމަށްފަހު، މި އަހަރުގެ ތެރޭގައި އަނެއްކާ ވެސް އެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކުރުމުން ވެސް އެތަކެއް ސުވާލެއް އުދަންވެއްޖެ އެވެ.
އެންމެ ފަހުން ދައްކާލި ބްރިޖުގެ ކޮންސެޕްޓުތައް ފެނުމުން ވެސް ގިނަ ބަޔަކު ހައިރާންވި އެވެ. އެވަރުގެ ބްރިޖެއް އައްޑޫގައި އެޅިދާނެ ކަމާމެދު އާންމުން ޝައްކު އުފައްދަ އެވެ. އެންމެން ވެސް ބުނަމުންދަނީ މިއީ ވޯޓު ހޯދަން އައްޑޫ ރައްޔިތުންނަށް ސަރުކާރުން ދައްކާ ހުވަފެނެއް ނޫންބާވަ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި އައްޑޫ ސިޓީއަށް އޯގަސްޓް 21، 2023، ގައި ވަޑައިގެން ހިތަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ފުރަތަމަ ފަހަރަށް އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި ހުޅުދޫ-މީދޫ ދެމެދު ބްރިޖެއް އެޅުން މުހިން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި މުއިއްޒު އޭރު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން 2018 ގައި އައްޑޫގެ އެ ބްރިޖް އަޅަން ވީ ވައުދާ އެއްގޮތަށް ބްރިޖުގެ މަސައްކަތް މި ސަރުކާރުން ކުރިއަށް ގެންގޮސް ނިންމާނެ ކަމަށެވެ. އެއަށްފަހު ޖެހިގެން އައި ދުވަހު ފޭދޫއަށް ވަޑައިގެން ވެސް އެ ބްރިޖު އަޅާނެ ކަމުގެ ވައުދު ތަކުރާރު ކުރެއްވި އެވެ.
މީގެއިތުރުން އެ ދަތުރުގެ ތެރެއިން އޯގަސްޓް 22، ގައި ހުޅުދޫ އާއި މީދޫ ރައްޔިތުންނާ ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ އެ ދެ ރަށުގެ އެއްވަނައިން ފެށިގެން 10 ވަނަ އުންމީދަކީ ވެސް ބްރިޖު ކަމަށްވާތީ އެކަން ހަގީގަތަކަށް ހަދައިދެއްވާނެ ކަމަށެވެ.
"އެހެންވީމާ އަޅުގަނޑުމެން މިދަންނަވަނީ މި ސިޓީއަށް ބޭނުންވާ ހިތަދޫ އާ ހުޅުދޫ މީދޫ ގުޅުވައިދޭ 15 ކިލޯމީޓަރު ދިގު ބްރިޖު އިރާދަކުރެއްވިއްޔާ ތިޔަ ބޭފުޅުންނަށް އަޅައިދޭނަމޭ އަޅުގަނޑުމެން. އެކަން ހަގީގަތަކަށް ހަދައިދޭނަން އިރާދަކުރެއްވިއްޔާ. ތިޔަ ރައްޔިތުންގެ އެއްވަނަ، ދެވަނަ، ތިންވަނަ، ދިހަވަނަ އުއްމީދަކީ ވެސް ބްރިޖް،" ހުޅުދޫ އާއި މީދޫ ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު އޭރު ވިދާޅުވި އެވެ.
ވެރިކަމަށް ވަޑައިގަތުމުގެ ކުރިން މުއިއްޒު އައްޑޫ ރައްޔިތުން ކިބައިން އެދިވަޑައިގަތީ ވޯޓު ދެއްވައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އެމަނިކުފާނު އިންތިހާބު ކުރުމަށެވެ. އެކަން ހާސިލުވީމާ އަނެއްކާ ވެސް އައްޑޫއަށް ވަޑައިގެން މުއިއްޒު އެދިވަޑައިގެންނެވީ މަޖިލިސް އިންތިހާބު ޕީއެންސީއަށް ހޯދައިދިނުމަށެވެ.
އޭޕްރިލް 12، ގައި އައްޑޫ ރައްޔިތުންނާ ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ ބްރިޖުގެ މަސައްކަތް މަޖިލިސް މެދުވެރިކޮށް ހުއްޓުވިދާނެ ކަމަށާއި އެކަން އެގޮތަށް ވިޔަ ނުދިނުމަށް މަޖިލިސް މެޖޯރިޓީ ޕީއެންސީއަށް ދިނުމަށެވެ. މަޖިލިސް އިންތިހާބުގައި އައްޑޫއިން ޕީއެންސީއަށް ގިނަ ގޮނޑިތަކެއް ވެސް ކާމިޔާބުވި އެވެ.
"އަޅުގަނޑު ބޭނުން މި ދައުރު ނިމޭއިރަށް ބްރިޖް ނިންމަން. 2028 އައީމަ ކުރާ ކަމަކަށް ބާއްވާކަށް ބޭނުމެއް ނޫން. އެކަމަކު، މިކަމަށް ހުރަސް އެޅިދާނެ. މިކަން ހުއްޓުވިދާނެ. ރައްޔިތުން މަޖިލީހަށް ހުއްޓުވިދާނެ. ތިބޭފުޅުން ތިޔަ ތިބީ އެ ފުރުސަތު ދެއްވަންތޯ މަޖިލީހުން ހުއްޓުވަން. މިދިޔަ ހަތަރު މަސް ދިޔަ ގޮތަށް ދާ މަޖިލީހެއް އައިސްފިއްޔާ ހުއްޓުވޭނެ ހުރިހާ ކަމެއް ވެސް. އެހެންވީމަ ދިވެހި ލޮބުވެތި ރައްޔިތުން އެ ރިސްކް ނުނަންގަވާ،" މުއިއްޒު ވިދާޅުވި އެވެ.
އޭރު މުއިއްޒު ވިދާޅުވީ ބްރިޖުގެ ޑިޒައިނިން ދެ މަހެއްހާ ދުވަސް ތެރޭގައި ނިންމައި އަމަލީ މަސައްކަތް މިދިޔަ އަހަރު ނިމުމުގެ ކުރިން ފަށާނެ ކަމަށެވެ. ނަމަވެސް އޭގެ ފަހުން މި އަހަރު ވެސް ނިމިގެންދާއިރު ބްރިޖުގެ އަމަލީ މަސައްކަތް ނުފެށެ އެވެ.
"ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ މި ދެންނެވި މަރުހަލާ ނިމި، މި އަހަރު، 2024 ނިމުމުގެ ކުރިން އަމަލީ މަސައްކަތް ފެށިގެންދާނެ،" މުއިއްޒު ވިދާޅުވިއެވެ.
ކޮންމެ އިންތިހާބަކާ ދިމާކޮށް އައްޑޫ ސިޓީއަށް ވަޑައިގެން ބްރިޖުގެ ހުވަފެން މުއިއްޒު ދައްކަވަ އެވެ. އެގޮތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ވެސް އަނެއްކާ އައްޑޫ ބްރިޖުގެ ވާހަކަ މުއިއްޒު ދައްކަވާނެ ކަމަށް ބެލެވެ އެވެ. މިފަހަރު ވިދާޅުވާނީ ބްރިޖް އަޅަން ކައުންސިލްގެ މެޖޯރިޓީ ވެސް ބޭނުންވާ ވާހަކަ ނޫންބާވައޭ އާންމުންގެ ހިތަށް އަރަ އެވެ.
ހިތަދޫ އާއި ހުޅުމީދު ގުޅާލަދޭ ބްރިޖު އެޅުމުގެ މަސައްކަތަށް ބޭނުންވާ ސާވޭއަށް މިދިޔަ އަހަރުގެ ބަޖެޓުގައި 30 މިލިއަން ރުފިޔާ ބަޖެޓުކޮށްފައި ވެ އެވެ. އަދި ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ މަސައްކަތް ފަށަން ސަރުކާރުގެ "ހަފުތާ-14" ރޯޑުމެޕުގައި ހިމަނާފައި ވެ އެވެ.
އައްޑޫ ބްރިޖުގެ މަސައްކަތް ކުރުމަށް މިސްރުގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި އެ މަސައްކަތުގެ ސާވޭ ހިލޭ ކޮށްދޭނެ ކަމުގެ އިޝާރާތެއް ކޮށްފައިވާކަން ސަރުކާރުން ހާމަކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.
ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭރުގެ ޕްރިންސިޕަލް ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް ވިދާޅުވީ މިސްރުގެ އަރަބް ކޮންޓްރެކްޓާސް ގްރޫޕުން ސާވޭގެ މަސައްކަތަށް ޝައުގުވެރިކަން ފާޅުކޮށްފައިވާތީ އެކަން އެ ކުންފުންޏާ މަޝްވަރާކޮށްގެން ކުރުމަށް އިކޮނޮމިކް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.
"އެކަމާ ގުޅިގެން ކުރަން ޖެހޭ ސާވޭތައް އެ ކުންފުނިން ހިލޭސާބަހަށް ކޮށްދޭނެ ކަމުގެ އިޝާރާތެއް ވެފައިވާތީ އެކަން އެގޮތަށް ކޮށްދޭން ތައްޔާރަށް ތިބި ކަމަށްވާ ނަމަ އެ މަސައްކަތް އެ ބޭފުޅުންނާ މަޝްވަރާކޮށްގެން ކުރިއަށްގެންދިޔުމަށް އިކޮނޮމިކް ކައުންސިލުން ވަނީ ނިންމާފައި،" ނާޒިމް ވިދާޅުވި އެވެ.
އެއަށްފަހު އައްޑޫ ބްރިޖަށް ބޭނުންވާ ސާވޭ ކުރުމަށް މިދިޔަ އަހަރުގެ ފެބްރުއަރީ 19، ގައި އަރަބް ކޮންޓްރެކްޓާސް ގްރޫޕާ އެކު އެއްބަސްވުމެއްގައި ސޮއިކުރި އެވެ. އޭގެ ކުރިން ސަރުކާރުން ބުނީ މުޅި މަޝްރޫއު ހިންގަން އަރަބް ކޮންޓްރެކްޓާސްއިން ޝައުގުވެރިވި ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން މިދިޔަ އަހަރުގެ ތެރޭގައި އަރަބް ކޮންޓްރެކްޓާސްއިން ސާވޭއެއް ކުރުމުގެ ނަމުގައި މަސައްކަތްތަކެއް ކުރި އެވެ.
އަރަބް ކޮންޓްރެކްޓާސްއާއެކު އެއްބަސްވުން ހެދި ދުވަހު މުއިއްޒު ވިދާޅުވީ އެ އެއްބަސްވުން ކޮންޓްރެކްޓަކަށް ބަދަލުކޮށް، މިދިޔަ އަހަރު އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ. އޭރު މުއިއްޒު އަންދާޒާ ކުރެއްވީ ތިން އަހަރާއި ބައިގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.
"މިއަދު ސޮއިކުރި އެއްބަސްވުން ދެން ބަދަލުވާނީ ކޮންޓްރެކްޓަކަށް. އަމަލީ މަސައްކަތުގެ ކޮންޓްރެކްޓަކަށް ބަދަލުވެ ހަމަ މިއަހަރުގެ ތެރޭގައި މި ބްރިޖުގެ އަމަލީ މަސައްކަތް ފަށާނަން. އަޅުގަނޑުގެ އަންދާޒާއަކީ ގާތްގަނޑަކަށް ތިން އަހަރާއި ބައި [ނުވަތަ] ހަތަރު އަހަރު, އިރާދުކުރެއްވިއްޔާ މި ދައުރުގެ ތެރޭގައި މަސައްކަތް ނިންމުން،" މުއިއްޒު އެ ދުވަހު ވިދާޅުވި އެވެ.
އެ މަސައްކަތް އަރަބް ކޮންޓްރެކްޓާސްއާ ހަވާލުކުރީ ސާވޭގެ މަސައްކަތުގެ އިތުރުން ފައިނޭންސް ހޯދައި މަސައްކަތް ހިންގާ ގޮތަށް ކަމަށާއި އެކަމަށް ޗައިނާގެ ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކުރި ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު އޭރު ވިދާޅުވި އެވެ.
ނަމަވެސް ބްރިޖުގެ އަމަލީ މަސައްކަތް މިދިޔަ އަހަރުގެ ތެރޭގައި ނުފެށުނެވެ. ސާވޭއަށް ވީ ގޮތެއް ވެސް މާބޮޑަކަށް އެނގިފައެއް ނުވެ އެވެ. ކުއްލިއަކަށް މި އަހަރުގެ ފެބްރުއަރީ 6، ގައި މުއިއްޒު ރިޔާސީ ބަޔާން އިއްވަމުން ވިދާޅުވީ ބްރިޖުގެ މަސައްކަތް އަވަސްކުރަން ސާވޭކުރާނެ ބަޔަކު ހޯދަން ފެބްރުއަރީ މަހުގެ ތެރޭގައި އިއުލާން ކުރާނެ ކަމަށެވެ.
"އައްޑޫ ބުރިޖުގެ މަސައްކަތް ކުރިއަށް ގެންދިއުން އަވަސްކުރުމަށް ޑީޓެއިލްޑް ސާވޭ އާއި، އިންޖިނިއަރިން ޑިޒައިން ކުރާނެ ފަރާތެއް ހޯދައި، ޓެކްނިކަލް މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން މި މަހުގެ ތެރޭގައި، ބަޔަކު ހޯދަން އިއުލާނު ކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.
ނަމަވެސް މުއިއްޒު ވިދާޅުވި ތާރީހުގައި އެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ވެސް އިއުލާނެއް ނުކުރެވުނެވެ. އެ ވާހަކަ މާޗު 1، ގައި މި ނޫހުން ގެނެސްދިނީމަ ޖެހިގެން އައި ދުވަހު އައްޑޫ ބްރިޖުގެ ފަންނީ ބައެއް މަސައްކަތްތަކަށް ލަފާ ދޭނެ ބަޔަކު ހޯދަން ސަރުކާރުން އިއުލާންކުރި އެވެ.
އައްޑޫ ބްރިޖުގެ ސާވޭގެ މަސައްކަތް އަނެއްކާ ޗައިނާގެ ޓީވައި ލިން އިންޓަނޭޝަލް އިންޖިނިއަރިން ކޮންސަލްޓިންއާ ހަވާލުކުރީ މިދިޔަ މަހުގެ 26، ވަނަ ދުވަހު އެވެ. އެ އެއްބަސްވުމުގައި ސޮއިކުރީ މުއިއްޒު އައްޑޫއަށް ކުރައްވާ ދަތުރާ ދިމާކޮށް ކަމަށް ބެލެވެ އެވެ.
އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތަށް ދައުވަތު ދިނީ ވަކި މީޑިއާތަކަށެވެ. އެ މީޑިއާތަކަށް ސަރުކާރުން ދިން މައުލޫމާތުން އެނގޭ ގޮތުގައި ސާވޭގެ މަސައްކަތް ޗައިނާ ކުންފުންޏާ ހަވާލުކުރީ 1.02 މިލިއަން ޑޮލަށެވެ. އެއީ ހަ މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާ ގޮތަށެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މުއްތަލިބު ވިދާޅުވީ މިހާރު ސާވޭގެ މަސައްކަތް ހަވާލުކޮށްފައި އޮތް ޗައިނާ ކުންފުނިން އައްޑޫގެ ހިތަދޫ އާއި ހުޅުދޫ-މީދޫއާ ދެމެދު އަޅާނީ ސީ ކްރޮސިން ބްރިޖެއްތޯ ނުވަތަ ޓްރާންސިޓް ޓްރެއިން ސިސްޓަމެއްތޯ ނުވަތަ ފްލޯޓިން ބްރިޖެއްތޯ ބަލާނެ ކަމަށެވެ.
"ފުރިހަމަ ފީސިބިލިޓީ ސްޓަޑީއަކާއެކު ކުރިއަށްގެންދާނީ. ބަލާނަން އެކި އޮޕްޝަންތައް. ފްލޯޓިން ބްރިޖެއް އަޅާނީތޯ، އާއްމުކޮށް މި އަޅާކަހަލަ ސީ ކްރޮސިން ބްރިޖެއްތޯ ނުވަތަ ޓްރާންސިޓް ޓްރެއިން ސިސްޓަމެއްތޯ. އިގްތިސާދީގޮތުން އަދި ޓެކްނިކަލްގޮތުން އެންމެ ފައިދާހުރި ގޮތެއް ބަލާފައި ސަރުކާރުން ދެން ގޮތެއް ނިންނާމީ. އެހާހިސާބުން ޓެންޑަރިންއަށް ގެންދާނީ،" މުއްތަލިބު ވިދާޅުވި އެވެ.
ސާވޭގެ މަސައްކަތަށްފަހު ބްރިޖު އެޅުމަށް އަދި އެހެން ކުންފުންޏަކާ ހަވާލުކުރާނެ ކަމަށް ބެލެވެ އެވެ. އަނެެއްކާ ޓްރާންސިޓް ޓްރެއިން ސިސްޓަމެއް އަޅަން ސާވޭއެއް ކުރަން އެހެން ކުންފުންޏަކާ ހަވާލު ނުކުރާނެއޭ ބުނާކަށް ވެސް ނޭގެ އެވެ. އެއީ ބްރިޖުގެ މަޝްރޫއު ސަރުކާރު އައްޑޫ ރައްޔިތުންނަށް ދައްކާ ހުވަފެނަކަށް މިހާރު ވެފައިވާތީ އެވެ.
--
ސަރުކާރަށް ދެ އަހަރު ވާން ހަފްތާއަކަށް ވެފައިވާއިރު ވެސް އައްޑޫގައި ބްރިޖް އަޅާނެ ގޮތެއް ވެސް ނުނިންމެ އެވެ. ސާވޭގެ މަސައްކަތް ދެވަނަ ކުންފުންޏާ މިވަނީ ހަވާލުކޮށްފަ އެވެ. މިދިޔަ އަހަރު އަމަލީ މަސައްކަތް ފަށާނެ ކަމަށް ބުނިއިރު، މި އަހަރު ވެސް މި ނިމެނީ އެވެ. މުއިއްޒު އައްޑޫއަށް މިއަދު ފަށްޓަވާ ދަތުރުގައި ބްރިޖޭ ކިޔައިގެން ދައްކަވާނީ ކޮން ވާހަކައެއްތޯ ރައްޔިތުންގެ ހިތަށް އަރަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ