ގިނަބައަކަށް ވިސްނިފައި އޮންނަނީ ފާޙިޝް ޢަމަލުތައް ކުރުން ފަދަ ކަންކަމަށް ދެވިހިފައިފިނަމަ އެކަންކުރުން ހުއްޓައި ނުލެވޭނެ ކަމަށެވެ. އަބދުވެސް ކުރެވޭނެ ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫންކަން ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ. އިން ޝާ ﷲ
އަހަރެންނަކީ އިސްލާމް ދީނަށް ލޯބިކުރާ މީހެކެވެ. ދީނީ ފޮތްތައް ކިޔަމެވެ. ދަރުސްތައްވެސް އަޑުއަހަމެވެ. އަދި ނަމާދުކޮށް އަޅުކަންވެސް ކުރަމެވެ. ނަމަވެސް އަހުރެންގެ ވަރަށް ބޮޑު ބަލިފައެއް އޮވެއެވެ. އެއީ ފާހިޝް ޢަމަލުކުރެވޭކަމެވެ. އެފަދަ ޢަމަލެއް ކުރެވިއްޖެ ނަމަ ދެރަވެ ހިތާމަވެސް ކުރެވެއެވެ. އަވަސް އަވަހަށް ތައުބާވެސްވަމެވެ.
ކޮންމެއަކަސް އެއްރެއަކު ފޯނުކޮށްގެން ގެއަށް އަންހެނަކު ގެނުވީމެވެ. އޭނާ ދަމުން އެދުނީ އަހުރެންގެ އަތުން ފެނުނު ފޮތެއް ކިޔައިލަން ދިނުމަށެވެ. އަނބުރައި ގެނެސްދޭން ވަޢުދުވުމުން އެ ފޮތް އަހަރެން ދިނީމެވެ.
އެއިގެ ދެމަހެއްހައި ދުވަސްފަހުން އަހުރެން އެ އަންހެން މީހާއަށް ގުޅައި އަނެއްކާވެސް ގެއަށް އައިސްދިނުމަށް އެދުނީމެވެ. އެރޭ އޭނާ ދިނީ ހީވެސް ނުކުރެވޭ ފަދަ ޖަވާބެކެވެ!
"އަހަރެން މިހާރު ރޭގަނޑު ބޭރަށް ނުކުތުން ހުއްޓާލައިފީމެވެ. ތިބާއަތުން އެރޭ ގެނައި ފޮތް ކިޔައި ނިންމައިލެވިއްޖެއެވެ. އެފޮތް އަހަރެންގެ ދިރިއުޅުން މުޅިން ބަދަލުކޮށްލައިފިއެވެ. މިހާރު އަހަރެން މިހުރީ ތައުބާވެގެންނެވެ. އިރާދަކުރެއްވިއްޔާ ދެން އެއްވެސް ފާފައެއް ނުކުރާނަމެވެ. ފާފަކޮށްގެން ލިބޭ އެއްވެސް އެއްޗެއް ބޭނުމެއް ނޫނެވެ! ފާފައެއް ކުރަން ހިތަށް އަރުވައިލި ނަމަވެސް ގަންނަ ބިރުބޮޑުކަމުން މިހާރު ގައިން ހީބިހި ނަގައެވެ. ހަށިގަނޑު ހޫނުވެގެންދެއެވެ. ހީވަނީ ނަރަކައަށް ވަދެވެން އުޅޭހެންނެވެ.
ތިބާގެ ފޮތްވެސް އަނބުރައި ގެންގޮސްދޭނަމެވެ. ނަމަވެސް ދުވާލުގެ ވަގުތެއްގައެވެ. ފާފައަކާއި ކައިރިވެވިދާނެ ކަމެއްވެސް ދެން ނުކުރާނަމެވެ! އިން ޝާ ﷲ"
އަހުރެން ހިތަށް އެރިއެވެ. އެފޮތް އަހުރެންވެސް އެތައް ފަހަރަކު ކީމެވެ! އެހެން ފޮތްތައްވެސް ކިޔަމެވެ. ދަރުސްތައްވެސް އަޑުއަހަމެވެ. ވީއިރު އަހުރެންގެ ހިތަށް އެވަރުގެ ވަރުގަދަ އީމާންކަމެއް ނުލިބެނީ ކީއްވެގެން ހެއްޔެވެ؟
ކޮންމެއަކަސް މިވާހަކަ އަހުރެންގެ ވަރަށް ގާތް އިމާމަކާއި ހިއްޞާކުރީމެވެ. އަދި މިސުވާލުވެސް ކުރީމެވެ! އޭނާ ވެސް ދިނީ ޙައިރާންކުރުވި ޖަވާބެކެވެ! "ފޮތް ތިއަކިޔަނީ މަތިމަތިންނެވެ. ދަރުސްތައް ތިއަ އަހަނީވެސް ހަމައެކަނި ކަންފަތުންނެވެ. ކިޔައި، އަޑުއަހާ އެއްޗެތީގެ އަސަރުކޮށް ފައިދާ ޙާޞިލުކުރެވޭނީ ހިތުން އެކަންކަން ކުރުމުންނެވެ."
އިމާމް އެ ދިން ޖަވާބަށް ވިސްނައިގެން ކަންކަން ކުރަން ފެށީމެވެ. ކިޔާތަކެއްޗާއި އަޑުއަހާ ތަކެތީގެ ފައިދާކުރާނެ ގޮތާއިމެދު ވިސްނައި ޢަމަލުކުރަންވެސް ފެށީމެވެ. އެކަމުގެ ނަތީޖާވެސް މިވަނީ ފެނިފައެވެ. މިހާރު އަހަރެން އެއްވެސް ފާފައެއް ނުކުރަމެވެ. އަދި ކީއްހެއްޔެވެ؟ ބަލިފައިވެސް ބުރިކޮށްލައިފީމެވެ. އެކަންކުރެވުނީ ދެ އަނބިން ހަމަކޮށްގެންނެވެ. އެއިގެ ތެރެއިން އެއް އަންބަކީ އަހުރެންގެ ލޯހުޅުވައިދީ އަހުރެންނަށް މަގުދައްކައިދިން އަންހެނާއެވެ!
ބުނެލަން އޮތީ އެންމެ މުހިންމީ ގިނަ ފޮތްތަކެއް ކިޔުމެއް ނޫނެވެ. ޢަދަދު މަދުނަމަވެސް ކިޔާ ފޮތުގެ ފައިދާ ތިމާގެ ހިތަށް ކުރާނެ ގޮތަށް ފޮތް ކިޔުމެވެ. އެހެންވެ އަހުރެން މިހާރު ފޮތްކިޔަން ފަށަނީވެސް ދަރުސް އަޑުއަހަން ފަށަނީވެސް އެއިން ޢިބްރަތް ޙާޞިލުކުރެވޭނެ މަގު ފަހިކޮށްދެއްވެވުން އެދި ދުޢާކުރުމަށްފަހުގައެވެ. އަދި އެކަންކަން ކުރަނީ ވީހައި ބޮޑަށް ހިތަށް އަސަރުކުރާނެ ގޮތާއިމެދު ިސްނައިގެންނެވެ! އެކަމަށް ސަމާލުކަންދީގެންނެވެ.
- އިޤްބާލް މުޙައްމަދު ޚާން/ ލާހޫރު ޕާކިސްތާން
ފާޙިޝް ޢަމަލުތައް ކުރަން ދެވިހިފާފައި ހުއްޓަސް މިމަގުން ޢަމަލުކޮށްފިނަމަ ޘާބިތުކަން ލިބި މާރަނގަޅު ގޮތް މެދުވެރިވާކަން އެނގިގެންދާ ޢިބްރަތްތެރި ޙާދިސާއެއްގެ ވާހަކަ-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ