ހެޔޮ ޢަމަލުތައް ކުރަން ވިސްނާ މީހުންނާ ހެޔޮ ޢަމަލުކުރާނެ ގޮތާ އެކަމުން ކުރާނެ ފައިދާ އެހެން މީހުންނަށް ކިޔައިދޭ މީހުން ވަރަށް ގިނަވާނެއެވެ. އެކަމަކު ހެޔޮ ޢަމަލުތައް ކުރަންޖެހޭ ވަރަށް ކުރާ މީހުންނާއި އެކަމުގައި ކުރިއަރައިދާން މަސައްކަތްކުރާ މީހުން ހާދަ މަދެވެ. ވީމާ ވިސްނަންވީ ހެޔޮ ޢަމަލުތައް ކުރުމުގައި ކުރިއަރައިގެން ތިމާއަށް ދެވޭނެ ގޮތަކާއިމެދުގައެވެ.
ވަކިމީހަކަށް ނޫނެވެ! ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ ދެއްވަވާ އެންމެ ބޮޑު އެއް ނިޢުމަތަކީ ދުނިޔެއަށް އެމީހަކު ފޮނުއްވެވި ކަމެވެ. އެކަމަށްޓަކައި ﷲ ތަޢާލާއަށް އަހުރެމެން އިންތިހާއަށް ޝުކުރުވެރިވާންޖެހެއެވެ. ސުވާލަކީ ޝުކުރުވެރިވާން ތިބާކުރަނީ ކޮންކަމެއް ހެއްޔެވެ؟
ތިމަން އަޅާ ދުނިޔެއަށް ފޮނުއްވެވިކަމަށްޓަކައި އިނބަ ﷲ އަށް ޝުކުރުވެރިވުމުގެ ގޮތުން ވީހައި ގިނަ އަޅުކަންކޮށް އެންމެ ފުރިހަމަގޮތުގައި ކިޔަމަންތެރިވެ، އިނބަ ﷲ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި ދުނިޔޭގައި އުޅުމުގެ ތައުފީޤް ދެއްވެވުމަށް އެންމެ ފަހަރަކުވެސް އެދިއްޖައިން ހެއްޔެވެ؟ ނުއެދެވި އޮތްނަމަ އެކަމަށް އަވަހަށް އެދޭށެވެ. އަދި އެގޮތުގައި ދުނިޔޭގައި އުޅެން މަސައްކަތްކުރާށެވެ.
އެކުވެރި އަޚުންނާއި އުޚުތުންނޭވެ! އަހުރެމެން ދުނިޔޭގައި އުޅެންވީ ހަމައެންމެ ބޭނުމަކުއެވެ. އެއީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުމެވެ. އެކަމަށް ކުރަންހުރި މަސައްކަތްތައް ވަރަށް ގިނައެވެ. އަދި އެއީ ހަމަ ހުރެފައި ކުއްލިއަކަށް ފުރިހަމަކުރެވޭނެ ކަންކަމެއްވެސް ނޫނެވެ.
އެހެންވީމާ އެންމެ މަދުވެގެން ހަފްތާއަކު އެއް ޢަމަލުނަމަވެސް އިތުރުކުރެވޭތޯ މަސައްކަތްކުރާށެވެ. ކޮންމެ ހުކުރު ދުވަހަކީ އިތުރު އެއް ކަމެއް ކުރަން އަމިއްލަ ނަފްސަށް ވަޢުދުވާ ދުވަހަކަށް ހަދާށެވެ! އަމިއްލަ ނަފްސަށްވާ ވަޢުދު ﷲ ތަޢާލާ ދެނެވޮޑިގެންވާކަން ދަންނާށެވެ! އެއިރުން އެއީ ވަޢުދު ފުއްދަން ހިތްވަރު އިތުރުވާ ކަމަކަށްވެގެންދާނެއެވެ.
މިޘާލަކަށް ތިމާއަކީ ޟުޙާ ނަމާދު ނުކުރެވޭ މީހަކު ނަމަ ޟުހާ ނަމާދުކުރަން ވަޢުދުވާށެވެ! ވަޢުދުވުމަށްފަހު ކޮންމެ ދުވަހަކުވެސް ކުރަން މަސައްކަތްކުރާށެވެ! އެއިރުން ﷲ ތަޢާލާ އެމީހަކަށް އެކަމަށް ހިތްވަރު ދެއްވަވާނެތެވެ! އިން ޝާ ﷲ
މިގޮތަށް އިތުރުކުރަމުންގޮސް އެމީހަކަށް ކެރިކުލަދާނަވެގެންވާ އެންމެ ގިނަ ޢަދަދަކަށް އިތުރުކޮށް ޢަމަލުކުރަމުން ގެންދާށެވެ! އެއިރުން އެމީހަކީ ޤިޔާމަތް ދުވަހު އެންމެ އުފާކުރާނެ މީހުންގެ ތެރެއިން ﷲ ތަޢާލާ ލައްވަވާނެތެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން
ކުރަން ނުފެށި ހުންނަ އަޅުކަން ކުރަންފަށަން އެންމެ ފަސޭހަވާނެ ގޮތް-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ