ސްކްރިޕްޓްތައް މިހާރު ކޯޕައިލޮޓުން ތަފާތު އަޑުތަކަށް ބަދަލުކުރެވޭނެ!

ލިޔެފައިވާ ސްކްރިޕްޓްތައް ތަފާތު އަޑުތަކަށް ބަދަލުކޮށްލުމުގެ ގާބިލްކަން ލިބިފައިވާ ފީޗާއެއް މައިކްރޮސޮފްޓް ކޯޕައިލޮޓަށް ތައާރަފްކޮށްފިއެވެ. މައިކްރޯސޮފްޓްގެ އަމިއްލަ އެމްއޭއައި-ވޮއިސް-1 އޭ.އައި. މޮޑެލް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ މި ފީޗާއަކީ ކޯޕައިލޮޓް ލެބްސް މެދުވެރިކޮށް ޕާސަނަލް އެކައުންޓްތަކަށް މިހާރު ލިބެން ހުންނާނެ ޚިދުމަތެކެވެ. މައިކްރޯސޮފްޓް އޭ.އައި.ގެ ސީ.އީ.އޯ މުސްތަފާ ސުލައިމާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު ތައާރަފްކުރެވުނު އެމްއޭއައި-ވޮއިސް-1 އޭ.އައި. މޮޑެލް ބޭނުންކޮށްގެން މިފީޗާ ހަދާފައިވާ ކަމަށެވެ. ކޯޕައިލޮޓްގެ މި އާ ފީޗާގައި ތިން މޯޑެއް ހިމެނެއެވެ. އެއީ ސްކްރިޕްޓެޑް މޯޑްއާއި، އިމޯޓިވް މޯޑް އަދި ސްޓޯރީ މޯޑެވެ. ސްކްރިޕްޓެޑް މޯޑުގައި އޭ.އައި. ޗެޓްބޮޓުން ލިޔެފައިވާ ސްކްރިޕްޓް އެއްވެސް ބަދަލެއް ނެތި ކިޔައިދޭނެއެވެ. މިއީ ރަސްމީ އިޢުލާންތައް، ޑޮކިއުމެންޓްތައް ކިޔައިދިނުން އަދި މައުލޫމާތު ހުށަހެޅުމަށް އެންމެ އެކަށީގެންވާ މޯޑެވެ. އިމޯޓިވް މޯޑުގައި އަޑުތައް އިތުރަށް ދިރުވާލައި، ޑްރާމެޓިކް އަދި ފޯރިގަދަ ގޮތަކަށް ހުށަހަޅައިދޭނެއެވެ. މިއީ އިޝްތިހާރުތަކާއި މާކެޓިން އަދި އާދައިގެ ނެރޭޝަންތަކަށް އެކަށީގެންވާ މޯޑެކެވެ. ސްޓޯރީ މޯޑަކީ އެންމެ ގިނަ ކަންކަމަށް ބޭނުންކުރެވޭ މޯޑެވެ. މި މޯޑުގައި ތަފާތު އަޑުތަކާއި ކެރެކްޓަރުން ހިމެނެއެވެ. މިއީ ވާހަކަ ކިޔައިދިނުމާއި ޕޮޑްކާސްޓްތަކަށް އަދި އެނަލިސިސްއާ ގުޅުންހުރި މަސައްކަތްތަކަށް އެންމެ އެކަށީގެންވާ މޯޑެކެވެ. މައިކްރޯސޮފްޓުން ބުނެފައިވާ ގޮތުގައި އެމްއޭއައި-ވޮއިސް-1 އަކީ އެއް ސިކުންތުން އެއް މިނެޓުގެ އަޑު އުފެއްދުމުގެ ގާބިލިއްޔަތު ހުރި މޮޑެލެކެވެ. މި މޮޑެލް ތަމްރީނުކުރުމަށް އެންވީޑިއާގެ 15,000 ޖީ.ޕީ.ޔޫ ބޭނުންކޮށްފައިވެއެވެ. މި ފީޗާ މިހާރު ހިލޭ ބޭނުންކުރެވޭއިރު، މައިކްރޮސޮފްޓުން އަދި ރޭޓް ލިމިޓްތަކެއް ކަނޑައަޅާފައެއް ނުވެއެވެ. އަދި މި ފީޗާ ކޯޕައިލޮޓްގެ މޯބައިލް އަދި ޑެސްކްޓޮޕް އެޕްތަކަށް ނެރޭނެ ވަގުތެއްވެސް އަދި ސާފެއް ނުވެއެވެ. އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި.) އަކީ މި ޒަމާނުގައި ދުނިޔެއަށް އަންނަ އެންމެ ބޮޑެތި ބަދަލުތަކުގެ ތެރޭގައި ހިމެނޭ އެއް ކަމެވެ. ޚާއްސަކޮށް ބަސް ދެނެގަތުމާއި އުފެއްދުމުގެ ދާއިރާގައި ފާއިތުވެދިޔަ އަހަރުތަކުގައި ވަރަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ފެނިފައެވެ. ގޫގުލް، މައިކްރޮސޮފްޓް، އަދި އޯޕަންއޭ.އައި. ފަދަ ކުންފުނިތަކުން ދަނީ އޭ.އައި. މޮޑެލްތައް ތަރައްގީކޮށް، އެތައް ދާއިރާއަކުން އޭގެ ބޭނުން ހިފަމުންނެވެ. ކޯޕައިލޮޓް ފަދަ އޭ.އައި. އެސިސްޓެންޓްތަކަކީ ޓެކްސްޓް ޖެނެރޭޓް ކުރުމާއި، ކޯޑް ލިޔުމާއި، މައުލޫމާތު ހޯދުމަށް އެހީތެރިވެދޭ ވަސީލަތްތަކެކެވެ. މިފަދަ އެސިސްޓެންޓްތަކަށް އަޑު އުފެއްދުމުގެ ގާބިލިއްޔަތު އިތުރުވުމަކީ، މީހުންނާ މެޝިންތަކާ ދެމެދު އޮންނަ ގުޅުން އިތުރަށް ގާތްކޮށްދޭނެ ކަމެކެވެ. މިއީ ޑިޖިޓަލް ކޮންޓެންޓް އުފެއްދުމާއި، ތައުލީމީ ދާއިރާގައި، އަދި މައުލޫމާތު ހުށަހެޅުމުގައި އިންގިލާބީ ބަދަލުތަކެއް ގެނެސްދާނެ ފިޔަވަޅެކެވެ. ޚާއްސަކޮށް އަޑުގެ ބޭނުންކޮށްގެން މައުލޫމާތު ފޯރުކޮށްދިނުމަށް އާ ދޮރުތަކެއް މިކަމުގެ ސަބަބުން ހުޅުވިގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ