ރާއްޖޭގައި ތިބި ލަންކާ ރައްޔިތުން: އާއިލާ ވީ ތަނެއްވެސް ނޭނގޭ، އެންމެ ރުފިޔާއަކަށް ވެސް ޝުކުރުވެރިން
އަވައްޓެރި ސްރީ ލަންކާއަށް ކުރިމަތިވެފައިވާ ކާރިސާއާ ގުޅިގެން، އެ ގައުމަށް އެހީވުމަށް ދިވެހި މީޑިއާތަކުން ގުޅިގެން ހިންގާ ޓެލެތޯންގައި، ރާއްޖޭގައި މަސައްކަތްކުރާ ލަންކާގެ ރައްޔިތުން މިރޭ ޝުއޫރު ފާޅުކޮށްފިއެވެ. ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔުން ފަދަ ހާދިސާތަކުގައި މިހާތަނަށް 334 މީހުން ވަނީ މަރުވެފައެވެ. އަދި 370އަށް ވުރެ ގިނަ މީހުން ގެއްލިގެން ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން އިސް ނަގައިގެން މިއަދު ފަށައިފައިވާ "ސިލޯނާއެކު ދިވެހީން" ޓެލެތޯންއަށް މިހާތަނަށް 2.37 މިލިއަން ރުފިޔާއާއި 38،322 ޑޮލަރު ހަދިޔާކޮށްފައިވެއެވެ. އެ ޓެލެތޯންގައި ބައިވެރިވުމަށް، ރާއްޖޭގައި މަސައްކަތް ކުރާ ލަންކާ ރައްޔިތުންތަކެއް ގޮސް، ބައެއް މީހުން ވަނީ ދިވެހި ބަހުން ޝުކުރު އަދާކޮށްފައެވެ. އެގޮތުން ވާހަކަ ދެއްކި އަންހެނަކު ބުނީ، އޭނާގެ އާއިލާ މީހުން ލަންކާގައި ތިބީ ވަރަށް ހާލުގައި ކަމަށެވެ. އޭނާ ކިޔައިދިން ގޮތުގައި، އާއިލާއަށް ނުގުޅި ހަތަރު ދުވަސް ވުމަށް ފަހު، މިއަދު ބައެއް މީހުންނާ ގުޅޭ ގޮތް ވަނީ ވެފައެވެ. "އަސްލު ބުނަންޏާ އަހަރުމެން ފެމިލީ މީހުން މިހާރު ލަންކާގައި ކޮންތާކު އުޅޭ ކަމެއް ވެސް އަހަރުމެންނަށް ނޭނގޭ، މިހާރު އަހަރެމެންނަށް މިވަރަށް ވެސް ހެލްޕެއް ކޮށްދޭތީ ވަރަށް ބޮޑަށް ޝުކުރިއްޔާ އެންމެންނަށް ވެސް، އަދި އެއް ފަހަރު ވަރަށް ބޮޑަށް ޝުކުރު ދަންނަވާލަން،" އޭނާ ބުންޏެވެ. ރާއްޖޭގައި މަސައްކަތްކުރާ ލަންކާގެ ރައްޔިތަކު ވާހަކަ ދައްކަނީ: އޭނާ ވަނީ އާއިލާއާ ގުޅުމުގައި ދަތިތަކެއް އޮތްކަން ފާހަގަކޮށް، ދިވެހީން ވަމުން އަންނަ އެހީއަށް ޝުކުރު އަދާކޮށްފައި -- އެ އަންހެން މީހާ ވަނީ، ރާއްޖެއިން އަބަދުވެސް ލަންކާއަށް އެހީވަމުން އަންނަކަން ފާހަގަކޮށްފައެވެ. "އަހަރެމެންނަށް ކަމެއް ޖެހޭއިރު ފުރަތަމަ ވެސް ދިވެހިރާއްޖޭން ވަރަށް ބޮޑު ހެލްޕެއް ކޮށްދޭތީ ވަރަށް ބޮޑަށް ޝުކުރު ދަންނަވަން މި ތަނަށް އެންމެން މިއައީ،" އޭނާ ބުންޏެވެ. އެއަށްފަހު އޭގެ ތެރެއިން ފިރިހެނަކު ވާހަކަ ދައްކަމުން ވަނީ، ލަންކާ އޮތީ ވަރަށް ދެރަ ހާލަތެއްގައިކަން ފާހަގަކޮށް، "އެންމެ ރުފިޔާއެއް ދިނަސް، ވަރަށް ބޮޑަށް ޝުކުރުވެރިވާ" ކަމަށް ބުނެފައެވެ. ލަންކާގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ޓެލެތޯން ފެށީ ހެނދުނު 9:00ގައެވެ. މިރޭ މެންދަމު 1:00ގައި ޓެލެތޯން ނިންމާލާ ގޮތަށް ފުރަތަމަ އޮތް ނަމަވެސް، މިހާރު ޓެލެތޯންގެ މުއްދަތު ވަނީ މާދަމާ 14:00އަށް އިތުރުކޮށްފައެވެ. ގިނަ އަދަދެއްގެ މީހުން އަންނަނީ އޮންލައިންކޮށާއި، ފަންޑު ފޮށި މެދުވެރިކޮށް އަދިވެސް ލަންކާއަށް އެހީވުމަށް ފައިސާ ހަދިޔާ ކުރަމުންނެވެ. ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅޭ އަދި ކިޔެވުމަށާއި ބޭސްފަރުވާއަށާއި ޗުއްޓީއަށް ވެސް އާންމުކޮށް ގޮސް އުޅޭ ގައުމެކެވެ. އަދި ލަންކާގެ ގިނަ އަދަދެއްގެ ރައްޔިތުން ރާއްޖޭގައި އެކި ދާއިރާތަކުގައި މަސައްކަތް ކުރަމުންދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ