ފޭދޫން ބިން ހޯދާކަށް ނޫޅެން، ބޭނުމީ ތަރައްގީ ގެންނަން

އައްޑޫ ސިޓީ ފޭދޫން ބިން ހޯދަން ނޫޅުއްވާ ކަމަށާއި ރަށު ކައުންސިލާއެކު ފޭދޫއަށް ކުރިއެރުމާއި ތަރައްގީ އަންނާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އައްޑޫގެ ތިން އަވަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ ބެލުމަށް މާދަމާ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. ރަށު ކައުންސިލް ހަދަން ފެނޭތޯ ވޯޓް ނަގަން ހަމަޖެހިފައި ވަނީ ފޭދު އާއި މީދޫގެ އިތުރުން ހުޅުދޫގަ އެވެ.
ފޭދޫގައި ރޭ ބޭއްވި އިވެންޓެއްގައި ވާހަކަދައްކަމުން އިހުސާން ވިދާޅުވީ ފޭދޫގައި ރަށު ކައުންސިލެއް އުފައްދަން މަސައްކަތް ކުރަނީ އޭނާ ބިން ހޯދަން ވެގެން ކަމަށް ބުނެ ވާހަކަ ފަތުރަމުންދާ ކަމަށާއި ނަމަވެސް މިހާތަނަށް ފޭދޫގައި އޭނާގެ އެއްވެސް ބިމެއް އަދި ގޯއްޗެއް ވެސް ނޯންނާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ފޭދޫން ބިމެއް އަދި ގޯއްޗެއް ހޯދަން ގަސްތުނުކުރައްވާ ކަމަށާއި މިފަދަ ތާކުންތާކު ނުޖެހޭ ވާހަކަތައް ރައްޔިތުން ގަބޫލުނުކުރުމަށް އިހުސާން ވަނީ ގޮވާލާފަ އެވެ.
އިހުސާން ވިދާޅުވީ ފޭދޫގައި ރަށު ކައުންސިލެއް އުފެއްދުމަކީ އޭނާގެ ޒާތީ ކަމެއް ނޫން ކަމަށާއި އަދި މިއީ ސިޔާސީ ކަމެއް ވެސް ނޫން ކަމަށެވެ. އޭގެ ބަދަލުގައި މިއީ ފޭދޫ ރައްޔިތުންގެ އަމިއްލަ ކަމެއް ކަމަށާއި މިފަދަ ކަންކަން ޒާތީ ކުރުމަކީ ގޯހެއް ކަމަށްވެސް ވިދާޅުވި އެވެ. އަދި ފޭދޫގެ ތަރައްގީ އާއި ކުރިއެރުމަށް އެންމެ ރަނގަޅީ ރަށު ކައުންސިލެއް ކަމަށް އިހުސާން ވިދާޅުވި އެވެ.
"މި ރަށަށް ހަމަ ޔަގީނުން ވެސް ކުރިއެރުމާއި، ފައިދާ އާއި ތަރައްގީ އޮތީ ރަށު ކައުންސިލަކާއެކު ގޮސްގެން،" އިހުސާން ވިދާޅުވި އެވެ.
މިހާރު އައްޑޫގެ ހުރިހާ ރަށްތަކެއް (އަވަށްތަކެއް) ތަމްސީލުވާ ގޮތަށް ސިޓީ ކައުންސިލެއް އޮންނަ އިރު، އައްޑޫގެ ތިން ރަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ ވޯޓަކަށް ދާން ނިންމީ ތިން ރަށުގެ ރައްޔިތުން އެކަމަށް އެދިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.
ނަމަވެސް މިކަމާ ގުޅިގެން ރައްޔިތުންގެ މެދުގައި ބޮޑެތި ހިޔާލު ތަފާވުވުންތަކާއި ކަންބޮޑުވުންތައް އުފެދިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ