ކިންގްސް ކަޕުގެ ސެމީގެ ފުރަތަމަ ޖާގަ ނައިވާދުއަށް
ކްލަބް މޯލްޑިވްސްގެ ކިންގްސް ކަޕްގެ ސެމީފައިނަލްގެ ޖާގަ ހޯދި ފުރަތަމަ ޓީމަކަށް ހދ. ނައިވާދޫ ވެއްޖެއެވެ. މުބާރާތުގެ ސެމީއަށް ނައިވާދޫ ދަތުރުކޮށްފައިވަނީ ރޭ ކުޅުނު ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި މައިލޯ ސިޓީ ސްޕޯޓްސް ކްލަބުގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މިއީ ނައިވާދޫގެ ދެވަނަ މޮޅެވެ. އެއާއެކު އެ ޓީމު ވަނީ ދެ މެޗުން ހޯދި މޮޅާއެކު ހަ ޕޮއިންޓު ހޯދާފައެވެ. މި ގްރޫޕްގައި ރޭ އޭދަފުށީގެ ކްލަބް ކޮމްބިނޭޝަނުން ވަނީ ކާށިދޫގެ މައްޗަށް 5-0 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ. މި ނަތީޖާތަކާއެކު މި ގްރޫޕުގެ އެއްވަނާގައި ނައިވާދޫ ހަ ޕޮއިންޓާއެކު އޮތްއިރު ކުލަބު ކޮމްބިނޭޝަނާއި މައިލޯ ސިޓީ އޮތީ ޕޮއިންޓުގެ ގޮތުން ހަމަހަމަވެފައެވެ. ގްރޫޕްގެ ފަހު މެޗުގައި ބައްދަލުކުރަންޖެހޭނީ މައިލޯ އާއި ސީސީއެވެ. އަދި ނައިވާދޫ ބައްދަލުކުރާނީ ކާށިދޫއާއެވެ. ނައިވާދޫ އާއެކު ދެވަނަބުރު މި ގްރޫޕުން ޔަގީންވާނީ ކުލަބް ކޮމްބިނޭޝަނާއި މައިލޯ ކުޅެގެން މޮޅުވާ ޓީމެކެވެ. ގުރޫޕް ބީގައި ރޭ ރޯޑް ރެކްރިއޭޝަން ކްލަބާއި ކުޅިވަރު ވުޒާރާ ބައްދަލުކުރި މެޗު 6-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރޯޑް ރެކްރިއޭޝަން ކްލަބް ވަނީ ގްރޫޕްގެ ދެވަނައަށް ޖެހިލާފައެވެ. މި ގްރޫޕުގައި ހިމެނޭ ޖޯލި މޯލްޑިވްސް އާއި ވެމްކޯ ރޭ ބައްދަލުކުރި ފޯރިގަދަ މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި ނަތީޖާއާއެކު މި ގްރޫޕުގެ އެއްވަނައިގައި ޖޯލި އޮތީ ހަތަރު ޕޮއިންޓާއެކު އެވެ. ދެވަނައިގައި ރޯޑް ރެކްރިއޭޝަން ކުލަބު ތިން ޕޮއިންޓާއެކު އޮތްއިރު، ތިންވަނައިގައި ވެމްކޯ އޮތީ ދެ ޕޮއިންޓާއެކު އެވެ. އަދި ކުޅިވަރު ވުޒާރާ ކުލަބު އޮތީ އެއް ޕޮއިންޓާއެކު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ