ގޭންގުތަކުން ކުށްކުރަން ރޭވުމަށް ބޭނުންކުރާ ސޭފްހައުސްއަކުން ހައްޔަރުކުރި މީހުންގެ ފޮޓޯ ހާމަކޮށްފި

މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު އަމަލުކުރަން ފެށި ގޭންގު ކުށްތައް ހުއްޓުވުމުގެ އާ ގާނޫނުގެ ދަށުން، ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުންގެ ފޮޓޯ މިއަދު އާންމުކޮށްފިއެވެ. ފުލުހުން ބުނީ، މިދިޔަ ބުދަ ދުވަހު ހެންވޭރުގައި ހުންނަ ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރި ގެޔަކުން ތޫނު ހަތިޔާރު ފެނިފައިވާ ކަމަށެވެ. އެއީ މާލެ ތެރޭގައި ނުރައްކާތެރި ކުށްކުރުމުގައި ހަރަކާތްތެރިވާ ގުރޫޕްތަކުން އިންތިޒާމް ވެގެން ނުރައްކާތެރި ކުށްކުރުމަށް ރާވައި، އެފަދަ ކުށްތައް ކުރުމަށް ބޭނުންކުރާ ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު އަދި އާލާތްތައް ރައްކާކުރަން ސޭފްހައުސްއެއްގެ ގޮތުގައި ބޭނުންކުރަމުންދާ ތަނެއް ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލަ ބަލަން ފެށީ، އެފަދަ ސޭފްހައުސްތަކަށް ޖަމާވެ، ނުރައްކާތެރި ކުށްތައް ކުރަން އުޅޭކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ފުލުހުން ބުންޏެވެ. އެ ގެއިން ތޫނު ހަތިޔާރު ފެނިފައިވާ މައްސަލައިގައި ހައްޔަރުކުރީ: އިބްރާހީމް ޒައިދާން (22އ) / މއ. މޯނިންވިއު، މާލެ މުހައްމަދު ޝިދާދު (22އ) / ބަށިމާގެ، ލ. މާބައިދޫ އަހްމަދު ނަވާޒް (30އ) / މއ. މޯނިންވިއު، މާލެ އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، އަޙްމަދު ނަވާޒު 30 ދުވަހަށް، އިބްރާހީމް ޒައިދާން އާއި މުޙައްމަދު ޝިދާދު 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ. މި އަމުރު ކޯޓުން ކޮށްފައިވަނީ، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ. ކޯޓު އަމުރުގައިވާ ގޮތުން، ކުށުގައި ތުހުމަތުކުރެވޭ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވެއެވެ. އެގޮތުން ހާދިސާ ރިޕޯޓާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި ކްރައިމް ސީންގެ ފޮޓޯއާއި، އެ ސީނުން ފެނުނު ދެ ވަޅިއެއްގެ ފޮޓޯ ހެކީގެ ގޮތުގައި ފުލުހުން ހުށަހަޅާފައިވާ ކަމަށް، ވަކިވަކިން ނެރުނު އަމުރުތަކުގައިވެއެވެ. އެ އަމުރުތަކުގައި ބުނީ، މައްސަލައިގައި ފެނުނު ދެ ވަޅި އޮތީ ހާމައަށް ލޮލަށް ފެންނަން ނޫން ކަމަށް، ތިން މީހުންގެ ވެސް ދިފާއުން ބުނި ކަމަށެވެ. އެކަމަކު ފުލުހުން ހެކީގެ ގޮތުގައި ހުށަހެޅި ފޮޓޯތަކުން އެކަން އެގޮތަށް އޮތްކަން ބެލެވެން ނެތް ކަމަށް، އެ އަމުރުތަކުގައި ބުނެފައިވެއެވެ. މިދިޔަ އޮގަސްޓް މަހުގެ 26ވަނަ ދުވަހު އަމަލުކުރަން ފެށި މި ގާނޫނުގެ ބޭނުމަކީ: ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް ހިމެނޭގޮތަށް ކުށުގެ ގޮތުގައި ކަނޑައެޅޭ އަމަލުތަކަށް އަދަބު ކަނޑައެޅުން އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ކުރާ ފަރާތްތަކާމެދު އެކަށީގެންވާ ގޮތެއްގެ މަތިން ފިޔަވަޅު އެޅުމަށް ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ޚާއްސަ ބާރުތަކެއް ދިނުންކުށްކުރާ ފަރާތްތައް ކުށުގެ ވެށިން ރައްކާތެރިކޮށް، ހެޔޮގޮތުގައި މުޖުތަމައުއަށް ރުޖޫއަވުމަށް މަގުފަހިކޮށްދިނުމަށް ޚާއްސަ ފިޔަވަޅުތައް އެޅުމުގެ އުސޫލުތައް ކަނޑައެޅުން ކުށްކުރާ ފަރާތްތައް އުޅޭ ނޫޅޭގޮތް މޮނިޓާކޮށް ފިޔަވަޅު އެޅޭނެ ޚާއްސަ އުސޫލުތައް ކަނޑައެޅުން މި ގާނޫނާއެކު ފުލުހުންނަށާއި ތަންފީޒީ އިދާރާތަކަށް ވަރަށް ބޮޑެތި ބާރުތައް ލިބިދީފައިވެއެވެ. އޭގެ ތެރެއިން ބައެއް ކަން ކަމަކީ: ކޯޓު އަމުރަކާ ނުލައި ވެސް އަމިއްލަ ތަންތަނަށް ވަދެ، ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރުމުގެ ބާރު އަދި ބަލައި ފާސްކުރުމުގެ ބާރު ބޮޑެތި ކުށްކުރާ މީހުން ކަފާލާތުގެ ދަށުން ދޫނުކުރުމުގެ ބާރު ބޮޑު ކުށެއްގެ ތުހުމަތުވާ މީހާ ހައްޔަރުކުރުމަށްފަހު އެ ވަގުތުން ފެށިގެން 48 ގަޑިއިރާ ހަމައަށް، ވަކީލަކާއެކު އެކަހެރިކޮށް ބައްދަލުވާން ފުރުސަތު ނުދިނުން މީގެ އިތުރުން ހަރުކަށި އަދަބުތައް ވެސް މި ގާނޫނުގައި ހިމަނާފައިވެއެވެ. އޭގެ ތެރޭގައި 10 އަހަރަށް ވުރެ ގިނަ މުއްދަތަކަށް ޖަލަށް ލުމާއި، ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ