ޑީބީއެމް އޮޕަރޭޝަނަށް ގެނެވޭނެ ސީދާ ތާރީހެއް އަދިވެސް ނެތް

ޑިވެލޮޕްމެންޓު ބޭންކު އޮފް މޯލްޑިވްސް (ޑީބީއެމް) އޮޕަރޭޝަނަށް ގެނެވޭނެ ސީދާ ތާރީހެއް ވިދާޅުނުވެ، އެ ބޭންކުގެ މަސައްކަތް ވީހާ ވެސް އަވަހަށް ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ބޭރުގެ އިންވެސްޓްމަންޓުތައް ހޯދުމަށް ޑީބީއެމް އުފައްދައި އެ ތަން އޮޕަރޭޝަނަށް ގެންނާނެ ގިނަ ތާރީހުތައް މިހާތަނަށް ދިން ނަމަވެސް، އެ ބޭންކުގެ މަސައްކަތްތައް ފަށާފައެއް ނުވެ އެވެ.
ތަފްސީލް - ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގައި ސައީދު ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ޑިވެލޮޕްމެންޓު ބޭންކެއް ނެތް ކަމަށެވެ.
ޑީބީއެމްއަކީ އާންމު ކޮމާޝަލް ބޭންކުތައްހެން ކޮންމެ ދުވަހަކު އާންމުން ފައިސާ ރައްކާކޮށް، ނަގާ ތަނެއް ނޫންކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ އެ ތަނަކީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދައިގެން ރާއްޖޭގެ މަޝްރޫއުތައް ކުރިއަށް ގެންދަން އެކުލަވާލި ވަރަށް މުހިއްމު ނިޒާމެއް ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަންދާޒާކުރި ގޮތަށް ކުރިއަށް އެބަދޭ ވަރަށް ބާރު ސްޕީޑުގައި،" ސައީދު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ޑިވެލޮޕްމެންޓު ބޭންކު އޮޕަރޭޝަނަލައިޒް ވެގެންދާނެ."
އެނގުން މުހިއްމު - ޑިވެލޮޕްމެންޓު ބޭންކު އުފެއްދީ މެއި 2024ގަ އެވެ. އޭގެ ފަހުން ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު އެ ތަނުގެ ރަސްމީ އެއްވެސް މަސައްކަތެއް މިހާތަނަށް ކޮށްފައެއްނުވެ އެވެ. އެ ތަން ހިންގުމަށް ބޭނުންވާ ލައިސަންސް މަރުކަޒީ ބޭންކުން ދޫކުރީ މިދިޔަ އަހަރުގެ 16 އޮކްޓޯބަރުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ