ތިމާއާ ﷲ ތަޢާލާ އާއިދެމެދުގަ އޮންނަންޖެހޭ ގުޅުން ފުރިހަމަވެއްޖެނަމަ ﷲ ތަޢާލާއާ މުޢާމަލާތުކުރެވުން ގިނަވާނެ! އިން ޝާ ﷲ

ﷲ ތަޢާލާ ޢާއި މުޢާމަލާތުކުރުމުގެ ވާހަަކ ދެއްކީމާ އެއި ކިހިނަކުން ކުރެވޭ ކަމެއްކަމާއިމެދު ބައެއް މީހުން ސުވާލުކުރެއެވެ. އެކަން ކުރަން އަހުރެމެންނަށް ކުރަންޖެހޭ ކަމަކީ ދަންނަވަން ބޭނުންވާ ވާހަކަތައް ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވަމުން ގެންދިއުމެވެ. 
ތިމާއާ ﷲ ތަޢާލާ އާއިދެމެދުގަ އޮންނަންޖެހޭ ގުޅުން ފުރިހަމަވެއްޖެނަމަ ﷲ ތަޢާލާއާ މުޢާމަލާތުކުރެވުން ގިނަވާނެއެވެ. ކިތަންމެ ކުޑަ ކަމެއް ޖެހުނަސް ޔާ ﷲ! ކިޔައި އެކަމެއްގެ ވާހަކަ ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވޭނެއެވެ. އަދި އެއްވެސް ކަމެއް ކުރިމަތިނުވި ނަމަވެސް ގިނަގިނައިން ﷲ ތަޢާލާގެ މަތިން ހަނދުމަކުރެވި ޛިކުރުކޮށްލުން ފަދަ ކަމެއް ނަމަވެސް ކުރެވޭނެއެވެ.  
މިވާހަކަ ދައްކަން މިޖެހެނީ އަހުރެންނަށް (އެމީހަކަށް) އެންމެ ފައިދާކުރާނެ އެންމެ މަތިވެރި ގުޅުމަކީ ކޮބައިތޯ ބައެއް މީހުން ސުވާލުކުރާތީއެވެ. އަހުރެންގެ ވިސްނުމުގައި އެގުޅުމަކީ ކުރިން މިބުނިފަދައިން ތިމާ އާއި ﷲ ތަޢާލާ އާއި ދެމެދުގައި އުފެއްދޭ ގުޅުމެވެ. އެގުޅުން މަތީ ދަރަޖަތަކަށް ދިއުމުން އެގުޅުމަކީ ދެފަރާތުގެ އަމިއްލަ ގުޅުމުގެ ގޮތުގައިވެސް މާނަކުރެވިދާނެއެވެ.  
އެގުޅުން އުފައްދަން ބޭނުންވާނަމަ ފުރަތަމަ ކަމަކަށްވެސް އެކަންކަން ކުރުމަށް ﷲ ތަޢާލާ އަންގަވާފައިވާ ކަންކަން ކުރުން ގިނަކުރަމުން ގެންދާށެވެ. ކަމަކުން ކަމަކުން އިތުރުކުރަމުން ގެންގޮސް ވީހާގިނަ ކަންކަން ކުރަން ފަށާށެވެ. އަދި ނަހީކުރެއްވެވި ކަންކަން ނުކޮށް ހުންނަން މަސައްކަތްކުރާށެވެ. 
ދެން ވިސްނާލަންވީ އެ ގުޅުން އުފެދޭކަމާއިމެދުގައެވެ. އެގުޅުން އުފެދޭކަމުގެ ހިތްހަމަޖެހުން ލިބެން ބޭނުންވާނަމަ ހެޔޮ ޢަމަލުތައް ކުރުމުން ތިމާއަށް ހިތްހަމަޖެހުން ލިބޭ މިންވަރަށް ވިސްނައިލާށެވެ. އަދި ނަހީކުރެއްވެވި ކަންކަން ކުރަން ބިރުވެތިވެވޭ މިންވަރާއިމެދުގައިވެސް ވިސްނައިލާށެވެ. ނަތީޖާ ރަނގަޅުނަމަ އެގުޅުން އެވަނީ އުފެދިފައިކަމަށް އުންމީދުކުރާށެވެ.  
އަހުރެމެންނަށް މިއަދު މައްސަލައަކަށްވެގެން މިއުޅެނީ ﷲ ތަޢާލާ އާއި ތިމާ އާއި ދެމެދުގައި އޮންނަން ޖެހޭ މިބަޔާންކުރި ގުޅުމަށް ފަރުވާކުޑަކުރެވޭކަމެވެ. އެންމެ ކުޑަމިނުން ނަމާދުގައި ޚުޝޫޢަތްތެރި ނުވެވޭކަމެވެ. ނަމާދުގައި ޚުޝޫޢަތްތެރިވާން މަސައްކަތް ނުކުރެވޭނަމަވެސް، އަދި ނަމާދަށް ދޭންޖެހޭ ސަމާލުކަން ނުދެވޭނަމަވެސް ތިމާއާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮންނަންޖެހޭ ގުޅުން އެވަނީ ވަރަށް ވަރަށް ބޮޑަށް ހީނަރުވެގެންގޮސްފައެވެ. ވީމާ އެކަންކަން އިޞްލާޙްކުރަން މަސައްކަތްކުރާށެވެ.  
ތިމާ އާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮންނަންޖެހޭ ގުޅުން ފުރިހަމަ ގޮތުގައި ބޭއްވިގެން ނޫނީ ދުނިޔެވެސް އަދި އާޚިރަތްވެސް ކާމިޔާބެއް ނުކުރެވޭނެއެވެ. ކޮންމެ މީހަކަށްވެސް އެންމެ ފައިދާކުރާނެ އެންމެ މަތިވެރި ގުޅުމަކީ ތިމާއާއި ﷲ ތަޢާލާ އާއި ދެމެދުގައި އުފެއްދޭ ގުޅުންކަމަސް މިބުނަނީ މި ސަބަބުތަކަށްޓަކައެވެ.
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ