ކަނޑޫދޫ ދަނޑުވެރިންނަށް ރައީސް: އެސްޓީއޯއިން މިރުސް އެތެރެކުރާނީ ގެއްލުން ނުވާ ވަރަށް
        ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯއިން އެތެރެކުރާ 23 ބާވަތުގެ ތަކެތީގެ ތެރޭ މިރުސް ހިމަނާފައި އޮތަސް، އެކަން ކުރާނީ މިރުސް ހެއްދުމަށް މަޝްހޫރު ތ. ކަނޑޫދޫގެ ދަނޑުވެރިންނަށް ގެއްލުން ނުވާނެ ގޮތަކަށް ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.  ހަތަރު އަތޮޅަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރު ކަނޑޫދުއަށް ވަޑައިގެން އެ ރަށު ސްކޫލް ހޯލުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އެސްޓީއޯ މެދުވެރިކޮށް 23 ބާވަތެއްގެ ތަކެތި އެތެރެކޮށް ހެޔޮ އަގުގައި ވިއްކަން ނިންމާފައިވާނެ ކަމަށާއި، އޭގެ ތެރޭ މިރުސްވެސް ހިމެނޭ ކަމަށެވެ.  "ތި ބޭފުޅުންގެ ވިޔަފާރިއަށް ގެއްލުމެއްނުވާ ގޮތަށް އެކަން ކުރާނީ، އެސްޓީއޯއިން ތި ބޭފުޅުންގެ އަގުގަ، ތި ބޭފުޅުންނަށް އޭގެ ހަމަ ފައިދާވާ ރަނގަޅު އަގުގަ އެ މިރުސް ގަނެގެން ތި ބޭފުޅުންނަށް ބޭނުންވާ ފައިދާ ލިބޭގޮތަށް ހަމަޖައްސައިގެން ވިޔަސް ތި ބޭފުޅުންނަށް އެއްވެސް ގެއްލުމެއް ނުވާނެކަމުގެ ޔަގީންކަން ތި ބޭފުޅުންނަށް އަޅުގަނޑު ދެން،" ރައީސް ވިދާޅުވިއެވެ.    ކަނޑޫދޫ މިރުސް ދަނޑެއް. އެ ރަށަކީ މިރުގެ ވިޔަފާރި ވަރަށް ފުޅާކޮށް ކުރަމުން އަންނަ ރަށެއް -- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ޙަފީޒް  ރައީސް ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރާނީ ދަނޑުވެރިންނަށްވެސް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް ކަމަށާއި، އެގޮތުން ކަނޑޫދޫގެ ރައްޔިތުން މިރުސް ގަސް ހައްދަން ބޭނުންވާ ބޭސް ހޯދަން ދަތިވާކަން ފާހަގަކުރެވުނު ކަމަށެވެ.  ވުމާއެކު، މި ދަތިތައް ހައްލުކޮށްދިނުމަށްޓަކައި އެގްރިކަލްޗާ މިނިސްޓްރީގެ ޓީމެއް އެ ރަށަށް ފޮނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވިގޮތުގައި ސަރުކާރުން ބޭނުންވަނީ ދަނޑުވެރިކަމުގެ ސިނާއަތް ވަރުގަދަކުރުމަށެވެ.  މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކަނޑޫދޫ ކައުންސިލްގެ ރައީސް އަހްމަދު ރީހާން ވިދާޅުވީ އެ ރަށުގެ ރައްޔިތުންގެ ތެރެއިން 90 ޕަސެންޓް މީހުން އާމްދަނީ ހޯދަނީ މިރުސް ދަނޑުތަކުން ލިބޭ އާމްދަނީން ކަމަށެވެ.  "ނަމަވެސް ދުވަހެއް ދުވަހަކަށް ދަނޑުވެރިކަމަށް ބޭނުންކުރާ ބޭސްތަކުގެ އަގު ބޮޑުވުމާއި ބޭސް ނުލިބުމާއި ރާއްޖޭގަ ހައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ވިޔަފާރިވެރިންނާއި ސަރުކާރުން އިމްޕޯޓުކޮށް ހެޔޮ އަގުގައި ވިއްކުމަކީ ދަނޑުވެރިންނަށް ނުހަނު ގެއްލުން ބޮޑު ކަމެއް،" ރައީސް ވިދާޅުވިއެވެ.  https://www.sun.mv/211286  އެހެންކަމުން، ރީހާން ވިދާޅުވީ ސަރުކާރުން މިރުސް ހިމެނޭހެން 23 ބާވަތުގެ ތަކެތި އެތެރެކުރަން ނިންމި ނިންމުން މުރާޖައާކޮށް ދަނޑުވެރިންގެ ޚިޔާލާ މަޝްވަރާގެ މަތިން މިފަދަ ނިންމުމެއް ނިންމުން މުހިންމުކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
    
    
    
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
                     
             
             
            