މޫސުމީ މަޝްވަރާތަކުގައި ތެލުގެ ޑީލުތައް ހޯދާ ކަމަށް ކުރާ ތުހުމަތުތައް ޔޫއޭއީ އިން ދޮގުކޮށްފި

ދުބާއީގައި މިއަދު ފަށާ އދ.ގެ މޫސުމާ ބެހޭ ކޮޕް28 ކޮންފަރެންސްގައި ތެލާ ބެހޭ ޑީލުތަކެއް ހޯދުމަށް މަސައްކަތްތަކެއް ކުރާ ކަމުގެ ރިޕޯޓުތައް މި ކޮންފަރެންސަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ކަނޑައަޅާފައި ހުންނެވި ރައީސް ދޮގު ކުރައްވައިފި އެވެ.
ސެންޓާ ފޮ ކްލައިމެޓް ރިޕޯޓިންގް (ސީސީއާރު) އާއި ބީބީސީ ގުޅިގެން ހިންގި ތަހްގީގުތަކަކަށް ފަހު ތިލަވި މި ތުހުމަތުތައް ކޮޕް28 ސަމިޓުގެ ރައީސް އަދި އަބޫ ދާބީ ނެޝަނަލް އޮއިލް (އެޑްނޮކް) ކުންފުނީގެ ސީއީއޯ ސުލްތާން އަލް-ޖާބިރު ދޮގުކުރެއްވީ އިއްޔެ އެވެ.
"މި ތުހުމަތުތައް ހަގީގަތާ ހިލާފު، ތެދެއް ނޫން، ރަނގަޅެއް ނޫން، އަދި ސައްހައެއް ވެސް ނޫން،" ކޮޕް ސަމިޓް ފެށުމުގެ އެއް ދުވަސް ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖާބިރު ވިދާޅުވި އެވެ.
"މިއީ ކޮޕް28ގެ ރިޔާސަތުން ކުރަމުން އަންނަ މަސައްކަތްތަކަށް އުނިކަން ގެނައުމަށް ކުރާ ކަމެއް. އަހަރެން ސުވާލެއް ކޮށްލާނަން: ހީވޭތަ އަހަރެން ނުވަތަ ޔޫއޭއީ އިން ވިޔަފާރި ޑީލުތަކާއި ގުޅުންތައް ގާއިމު ކުރުމަށް ކޮޕް [ސަމިޓު] ނުވަތަ ކޮޕްގެ ރިޔާސަތު ބޭނުން ކުރަން ޖެހިދާނެ ހެން."؟ އޭނާ ސުވާލު އުދެއްދެވި އެވެ.
ކޮޕް ސަމިޓުގައި ވަކިވަކިން ލީޑަރުންނާ ބައްދަލުކޮށް ތެލާ ބެހޭ މަޝްވަރާތައް ޖާބިރު ކުރިއަށް ގެންދެވުމަށް ރާއްވަވާފައިވާ ކަމަށް ލީކުވެފައިވާ ލިޔެކިޔުންތަކުން ހާމަވެފައިވާ ކަމަށް ސީސީއާރު އިން ވަނީ ބުނެފަ އެވެ.
މަދަނީ ފައިދާއަށް މަސައްކަތް ކުރާ ސީސީއާރު އިން ހާމަކޮށްފައިވާ ގޮތުގައި މި އަހަރުގެ ޖުލައި މަހުން އޮކްޓޯބަރުގެ ނިޔަލަށް ކޮޕް28ގައި މަސައްކަތް ކުރާ މުވައްޒަފުން ތައްޔާރުކޮށްފައި ހުރި 150 ގަނޑުގެ ބްރީފިންގް ލިޔެކިޔުންތައް ވަނީ އެ ޖަމިއްޔާއަށާއި ބީބީސީއަށް ލިބިފަ އެވެ.
އަދި މި ލިޔެކިތުންތަކުން 30 ވަރަކަށް ގައުމާ އެކު ވިޔަފާރި  މަޝްވަރާތައް ކުރިއަށް ގެންދެވުމަށް ޖާބިރު ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ ކަން ހާމަވާ ކަމަށް ސީސީއާރު އިން ބުނެފައިވެ އެވެ.
އަދި މި ބްރީފިންގް ލިޔެކިޔުންތަކުގެ އިތުރުން މީޓިންގް ރެކޯޑުތަކަކާއި އީމެއިލްތަކެއް ވެސް ފެނިފައިވާ ކަމަށާއި "ކޮޕް28 ޓީމާއި އެޑްނޮކްއާ ދެމެދު މިނިވަންކަމެއް އޮތް ކަމާ މެދު ސީރިއަސް ސުވާލުތަކެއް" އުފެދޭ ކަމަށް ސީސީއާރު އިން ބުނެފައިވެ އެވެ.
"އާދޭސްކޮށްފައި، އެއްފަހަރު ނަމަވެސް، އަހަރުމެންނަކީ ކޮންބައެއް ކަމަށް އިހްތިރާމު ކުރައްވާ. އެތައް އަަހަރެއްގެ މަތިން އަހަރުމެން ހޯދާފައިވާ ކާމިޔާބީތަކަށް އިހްތިރާމު ކުރައްވާ. އަދި ކޮޕްގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށް ބޭނުންވާ ގޮތާ ބެހޭގޮތުން އަހަރުމެން ގެންގުޅެފައިވާ ސާފު، ސީދާ، ހުޅުވާލެވިފައިވާ އަދި ދެފުށް ފެންނަ ސިޔާސަތަށް އިހްތިރާމް ކުރައްވާ،" ޖާބިރު ވިދާޅުވެފައިވެ އެވެ.
ސީސީއާރު އާއި ބީބީސީ އިން އުފުލާފައިވާ ތުހުމަތުތަކާ ގުޅޭ ގޮތުން އެމެރިކާގެ ކުރީގެ ނާއިބު ރައީސް އަދި މޫސުމީ ބަދަލުތަކަށް ވަކާލާތު ކުރެއްވުމުން ނޯބެލް އިނާމް ހާސިލު ކުރައްވާފައިވާ އަލް ގޯ ވިދާޅުވީ ޖާބިރުއާ ބެހޭ ގޮތުން އަޑު އިވެމުން އައި "ބައެއް ބޮޑެތި ބިރުތައް ކަށަވަރު ވެއްޖެ" ކަމަށެވެ. 
އަދި އދ.ގެ މޫސުމާ ބެހޭ ކުރީގެ ވެރިޔާ ކްރިސްޓީނާ ފިގެރޭސް ވިދާޅުވީ ޖާބިރް "ރެޑް ހޭންޑުކޮށް" ހިފިފައިވާ ކަމަށެވެ.
"މި ލީޑަރުން ވަކި ކޮޅަކަށް ނުޖެހި، ގައުމީ އަދި އަމިއްލަ މަސްލަހަތު އިސްނުކޮށް، އެންމެ އަސާސީ ނަޒާހާތްތެރިކަމުގެ ސިފަތައް ދަމަހައްޓާނެ ކަމަށް މުޅި ދުނިޔެ އޮތީ  ބަލަހައްޓައިގެން." ކްލައިމެޓް އެކްޝަން ނެޓްވޯކް އިންޓަނޭޝަނަލްގެ އެގްޒެކެޓިވް ޑިރެކްޓަރު ތަސްނީމް އިސޮޕް ވިދާޅުވި އެވެ.
"މިއާ ހިލާފުވާ ހުރިހާ މަގަކީ ދުނިޔެއިން އެމީހުންނަށް ދީފައިވާ އިތުބާރަށް ބޭވަފާތެރިވުން. އަދި ކުރިއަށް އޮތް ޖީލުތަކަށް އަދާ ކޮށްދޭން ޖެހޭ ޒިންމާތަކުގައި ފެއިލުވުން،" ތަސްނީމް އެކްސްގައި ލިޔުއްވާފައިވެ އެވެ.
އަހަރުތަކެއް ވަންދެން ޔޫއޭއީގެ މޫސުމާ ބެހޭ ސަފީރުކަން ފުރުއްވަމުން ގެންދަވާ 50 އަހަރުގެ އަލް-ޖާބިރް އަކީ ޔޫއޭއީގެ ލީޑަރު މުހައްމަދު ބިން ޒާއިދް އަލް ނަހްޔާން އާ ވަރަށް އަރިސް ބޭފުޅެކެވެ. ޔޫއޭއީ އިން އިއުލާނުކޮށްފައިވާ އެތައް ބިލިއަން ޑޮލަރެއްގެ އިއާދަ ކުރަނިވި ހަކަތައާ ގުޅޭ ގިނަ ޕްރޮޖެކްޓުތަކެއްގެ  މޭސްތިރި އަކީ ޖާބިރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ