ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް ކުރިއަށްދާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުގެ ނައިބު ރައީސަށް ކަމަށް މަޖިލީހުގެ އިދާރާއިން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރެއްވުމުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ޖަޒުބާތުގައި ޖެހިވަޑައިގެންފި އެވެ.
ހުކުމަށްފަހު ނަޝީދު ގެންދަވަނީ މަޖިލިސް ވަޓްސްއެޕް ގުރޫޕުގައި މެސެޖުތައް ލިޔުއްވަމުންނެވެ.
އެއް މެސެޖުގައި ލިޔުއްވާފައިވަނީ ސުޕްރީމް ކޯޓުން ކުރި ހުކުމުގައި އޮތީ އެ މަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް އަދި ހަތް ދުވަހު މަޖިލީހުގައި ދިގުދަންމައި ހިފަހެއްޓުމަށް ކަމަށެވެ. އަދި ކޯޓުން މައްސަލަ ބަލަން ހޭދަވި ފަސް ދުވަހަކީ އެ މައްސަލަ ދިގު ދައްމާލުމަށް އެ މަނިކުފާނަށް ވެދިން އެހީއެއްގެ ގޮތުގައި ސިފަކުރައްވާފައިވެ އެވެ.
އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށް ގެންދެވީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދާއި ފަނޑިޔާރު ޑރ. އިބްރާހިމް މުހައްމަދެވެ.
އެ ފަނޑިޔާރުންނަށް މަލާމާތް ކުރައްވައި ނަޝީދު ވިދާޅުވީ، ލިޔަން ކިޔަން އެނގޭ މީހަކު އެނޗެއް ވިދާޅު ނުވާ ކަމަށާއި ހުކުމް އިއްވީ ހިސާބު އަކުރުންތޯވެސް ސުވާލު އުފައްދަވައިފަ އެވެ.
ޖަޒުބާތުގައި ޖެހިވަޑައިގެން ނަޝީދުގެ މަލާމާތް ސުޕްރީމް ކޯޓުގެ ހުކުމަށާއި ފަނޑިޔާރުންނަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ