ވޯޓުލާ އާބާދީގެ 44 އިންސައްތައަކީ ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ މީހުން

ވޯޓުލާ އާބާދީގެ ގާތްގަނޑަކަށް 44 އިންސައްތައަކީ، އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ކޮމިޝަނުން އާއްމުކޮށްފައިވާ ވޯޓުލާ އާބާދީ ޕާޓީތަކަށް ބެހިފައިވާގޮތުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 20.4 އިންސައްތަ އަކީ ވެރިކަންކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވާ މެންބަރުންނެވެ. އަދި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 13.7 އިންސައްތައަކީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ނިސްބަތްވާ މެމެބަރުންނެވެ.
ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 8 އިންސައްތަ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާއިރު އެމްޑީއޭއަށް ނިސްބަތްވަނީ 3.7 އިންސައްތައެވެ. އަދާލަތާއި އެމްއެންޕީ އަށް، ކޮންމެ ޕާޓީއަކަށް ވޯޓުލާ މީހުންގެ 3.5 އިންސައްތަ މީހުން ނިސްބަތް ވާއިރު، ޑިމޮކްރެޓްސްއާ ޕީއެންސީ ހިމެނޭހެން ދެންހުރި ޕާޓީތަކުގެ ތެރެއިން ކޮންމެ ޕާޓީއަކުން ހިއްސާކުރަނީ ވޯޓުލާ އަބާދީގެ ގާތްގަނޑަކަށް އެންމެ އިންސައްތައެކެވެ.
ވޯޓުލާ އާބާދީގެ ގާތްގަނޑަކަށް 44 އިންސައްތަ އެއްވެސް ސިޔާސީ ޕާޓީއަކަށް، ނިސްބަތް ނުވާއިރު ކޮމިޝަނުގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިހާރު ރަޖިސްޓްރީވެފައި އޮތީ 9 ޕާޓީއެކެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓްލުން ކުރިއަށް ދާނީ މާދަމާ ހެނދުނު 8:00 އިން ހަވީރު 5:00 އަށެވެ. ދެވަނަ ބުރުގައި 282،803 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެއެވެ. މީގެ ތެރޭގައި އަލަށް ވޯޓު ލުމުގެ ފުރުސަތު ލިބޭ 403 ޒުވާނުން ހިމެނެ އެވެ.
އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއާއި، އެމްޑީޕީގެ ކެންޑިޑޭޓު، ރައީސް އިބްރާހީމް މުހައްމަދު ޞާލިޙެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ