ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބު މިއަދު! ވޯޓުލުން 10 ން ހަވީރު 4 އަށް!

ދަ ޑިމޮކްރެޓްސް ޕާޓީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު ފަށާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
ޑިމޮކްރެޓްސްގެ ރައީސް އާއި ނައިބު ރައީސް ހިމެނޭހެން 23 މަގާމަކަށް ބޭފުޅުން އިންތިހާބުކުރުމަށް ބާއްވާ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ. މާލޭގައި ވޯޓުލުން ކުރިއަށް ދާނީ ބިލަބޮންގ ހައި ސްކޫލްގައެވެ.
އެ ޕާޓީގެ ރައީސް ކަމަށް ވާދަކުރައްވަނީ އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު އާއި އެ ޕާޓީގެ އިންޓަރިމް ޗެއާގެ މަގާމުގައި ހުންނެވި ހަސަން ލަތީފެވެ.
އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ވަނީ ހުޅުވާލިއިރު، ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު ނިޔަލަށް އޮތެވެ.
އެ ޕާޓީގެ އިސް މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރުން މިއަދު އޮތްއިރު، އެ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުން ވަނީ ރަށްތަކަށް ގޮސް ކެމްޕެއިން ކުރައްވާފައެވެ.
ދަ ޑިމޮކްރެޓްސް ޕާޓީ އުފެދިގެން ދިޔައީ އެމްޑީޕީގެ ތެރޭގައި އުފެދުނު މައްސަލައެއްގައި އެ ޕާޓީގެ ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް ކަމުން ދާދި ފަހުން އިސްތިއުފާ ދެއްވި މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމުގެ ތެރެއިންނެވެ. ނަޝީދުގެ ފިކުރެއްގެ ދިރުމަށް ތާއީދުކުރައްވާ މަޖިލީސް މެންބަރުން އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސް އުފެއްދިއެވެ.
ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތް ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ މި އަހަރު މެއި މަހުގެ 24 ވަނަ ދުވަހުގައެވެ. އެ ޕާޓީން ވަނީ ޕާޓީ އުފެއްދުމަށް ބޭނުންވާ 3000 ސޮއި ހަމަކޮށް ޖޫން މަހުގެ 1 ވަނަ ދުވަހު އީސީއަށް ހުށަހަޅާފައެވެ. އެ ޕާޓީ ރަޖިސްޓްރީ ކޮށްދީފައިވަނީ ޖުލައި މަހުގެ 12 ވަނަ ދުވަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ