ޚިޔާލު ތަފާތުވެ، އޭޖީ މައްސަލައިގައި ސުޕްރީމް ކޯޓުގެ ލަފަޔަށް އެދެނީ
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އޭނާ ލިޔުމުން ޖަވާބު ދެއްވާފައިވާތީ، މައްސަލަ ކުރިއަށް ގެންދާނެ ގޮތަކާ މެދު އެއްބަސްވުމަކަށް އާދެވިފައިނުވާތީ، ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދިވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެ މައްސަލަ މިއަދު އެޖެންޑާ ކޮށްފައިވާއިރު، މަޖިލީހުގެ އާންމު ކޮމިޓީން ރިޔާސަތަށް އަންގާފައިވަނީ ވަޒީރު މަޖިލީހަށް ހާޒިރުވެ ވަޑައިގެން މައްސަލައިގައި ޖަވާބުދާރީވާ ގޮތަށެވެ. ނަމަވެސް އޭޖީ ލިޔުމުން ޖަވާބު ދެއްވާފައިވާތީ މައްސަލަ ކުރިއަށް ގެންދާނެ ގޮތަކާ މެދު ސިޔާސީ ޕާޓީ ތަކުގެ ލީޑަރުންނާ އެކު މަޝްވަރާ ކުރުމަށް މަޖިލީސް މެދު ކަނޑާލުމަށް ފަހު އަލުން ފަށައި ރައީސް ނަޝީދު ވިދާޅުވީ، އެކަމާ ގުޅޭ ގޮތުން އެއްބަސް ވުމަކާ ހިސާބަށް އާދެވިފައި ނުވާ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، ޕީޕީއެމް، ޕީއެންސީ، އަދި އެމްއެންޕީން ގަބޫލު ކުރާ ގޮތުގައި ބަންޑާރަ ނައިބު މަޖިލީހަށް ހާޒިރުވެ ވަޑައިގެން ޖަވާބު ދެއްވުމަށް ގާނޫނުއަސާސީ ލާޒިމު ކުރެއެވެ. އަދި، އާންމު ކޮމިޓީން އެގޮތަށް ނިންމާފައިވަނީ ވެސް ގާނޫނުއަސާސީގައި އެ ނޫން ގޮތަކަށް މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ބަޔާންކޮށްފައި ނެތުމުންނެވެ. ގާނޫނުއަސާސީ މާނަ ކުރެވުނު އިރު އޮތް ގޮތާއި، ނުވަތަ އެކުލަވާލެވުނު އިރު އޮތް ގޮތާއި ވާހަކަތައް އަޅުގަނޑު އެދޭ ގޮތަކީ ސުޕްރީމް ކޯޓުން ނިންމެވުން. އަޅުގަނޑު މިތާ އިނދެ ގާނޫނުއަސާސީ އާ ޚިލާފަށް ވަޒީރު ބޭފުޅަކު ވަކި ކުރުމުގެ މަސައްކަތް، އިޖުރާއަތުތައް ހިންގުން އެއީ އަޅުގަނޑަށް ކުރެވެން އޮތް ކަމެއް ނޫން. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައީސް ނަޝީދު ވިދާޅުވީ އެ ބާވަތުގެ ޚިޔާލު ތަފާތުވާ މައްސަލަ ތަކުގައި އިސްތިރާޖީ ލަފަޔަކަށް އެދުމަކީ އެ މަނިކުފާނު ގަބޫލު ކުރައްވާ ގޮތް ކަމަށެވެ. މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުގައި މަޖިލީހުން މައްސަލައެއްގައި އިސްތިރާތީ ލަފަޔަކަށް އެދެވޭނީ އެކަން މަޖިލީހުގެ ތަޅުމަށް ހުށަހަޅައި، މަޖިލީހުން ފާސް ކޮށްގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ