ފުލުހުން ބުނަނީ ރެޑް ނޯޓިސް ނެރެން އަލީގެ ހައްޔަރު އަމުރު އިނގިރޭސިން ހޯދަން އެދުނު ކަމަށް؛ ކޯޓުން އެކަން ދޮގު ކުރޭ

ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހޯދަން އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރެން، އޭނާ ހައްޔަރު ކުރަން ނެރުނު އަމުރު އިނގިރޭސިބަހުން ހޯދަން ކްރިމިނަލް ކޯޓުގައި އެދުނު ކަމަށް ފުލުހުން ބުންޏަސް، އެކަމަށް އެދިފައި ނުވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
މައްސަލައިގެ ފެށުން - ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހަތް ދައުވާއެއް އުފުލާފައިވާ އަލީ ވަހީދު އުޅުއްވަނީ އިނގިރޭސިވިލާތަށް ވަޑައިގެން ކޯޓުތަކަށް ފިއްލަވައިގެންނެވެ. އެކަމާ ހެދި އޭނާގެ ޝަރީއަތް އޮތީ ކުރިއަށް ނުގޮސް ހުއްޓިފަ އެވެ.
މިދިޔަ ނޮވެމްބަރު 28 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަލީ ވަހީދުގެ ޝަރީއަތުގެ އަޑުއެހުމަށް އޭނާ ވަޑައިނުގަތުމުން، އެ ކޯޓުން ވަނީ އޭނާ ތިން ދުވަހުގެ ތެރޭގައި ކޯޓަށް ހާޒިރު ކުރުމަށް އޭނާގެ ބަދަލުގައި ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީއަށް އަންގައިފަ އެވެ. އަދި އޭގެ އަނެއް ދުވަހު އެ ކޯޓުން އަލީ ވަހީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް ވެސް ނެރުނެވެ.
ވީ ކިހިނެއް؟ - އަލީ ވަހީދުގެ ހައްޔަރު އަމުރާ ގުޅިގެން ފުލުހުން މަސައްކަތް ކުރީ އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރެގެން އޭނާ ހައްޔަރު ކުރެވޭތޯ އެވެ. އެހެންނަމަވެސް، އެފަހުން ދޮޅު މަސް ފާއިތުވި އިރު ވެސް ރެޑް ނޯޓިސް ނެރެވިފައި ނުވެ އެވެ.
އެކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ، އިންޓަޕޯލުން ބޭނުންވާ މައުލޫމާތުތަކާއެކު އިނގިރޭސި ބަހުން އަމުރެއް ނެރުމަށް މިދިޔަ މަހު ސިޓީއަކުން ކްރިމިނަލް ކޯޓުގައި އެދިފައިވާނެ ކަމަށެވެ. އަދި މިދިޔަ ހަފްތާގައި ވެސް އިތުރު ސިޓީއެއް ފޮނުވާފައިވާނެ ކަމަށް ވިދާޅުވި އެވެ.
"އިނގިރޭސި އަމުރެއް ހޯދުމުގެ މަސައްކަތް ކޯޓާ ގުޅިގެން ދަނީ ކުރިއަށް،" ފުލުހުން ފޮނުވި މެސެޖުގައި ބުންޏެވެ.
އެހެންނަމަވެސް، ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލު އަމާން މުހައްމަދު 'ދައުރު'އަށް ވިދާޅުވީ، އަލީ ވަހީދު ހައްޔަރު ކުރަން ނެރުނު އަމުރު އިނގިރޭސި ބަހުން ނެރެދޭން ފުލުހުން ފޮނުވި ސިޓީއެއްގައި އެދިފައި ނުވާ ކަމަށެވެ.
"މިދިޔަ ބުރާސްފަތި ދުވަހުގެ ރަސްމީ ގަޑި ނިމެންދެން، މި ކޯޓުން ނެރުނު އަމުރުގެ އިނގިރޭސި އަމުރަކަށް (ފުލުހުން) އެދިފައި ނުވޭ،" އަމާން ވިދާޅުވި އެވެ.
އިނގިރޭސި އަމުރަކަށް އެދިފައި ނެތަސް ފުލުހުން އެ މައްސަލައާ ގުޅިގެން ސިޓީއެއް ފޮނުވާފައިވާކަން އޭނާ ކަށަވަރުކޮށްދެއްވި އެވެ. އެހެންނަމަވެސް، އެ ސިޓީގައިވާ ކަންކަން ހާމައެއް ނުކުރައްވަ އެވެ.
އެނގުން މުހިންމު - އަލީ ވަހީދު އިނގިރޭސިވިލާތަށް ވަޑައިގަތީ ބޭސްފަރުވާއަށް ކަމަށް ބުނެ އެވެ. އެކަމަށް، އޭނާ ރާއްޖެއިން ބޭރަށް ދާން ކޯޓުން ހުއްދަ ދިން ހަތަރު މަސް ހަމަވި އިރު ވެސް އަނބުރާ ނާދެ އެވެ. އެކަމަކު ވެސް އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވެވޭނެ ގޮތް ކޯޓުން ހަމަޖައްސައިދިނެވެ.
ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރެ އޮންލައިންކޮށް ޝަރީއަތް ކުރުމާ ޕީޖީއިން ދެކޮޅެވެ. އެހެންވެ، ކްރިމިނަލް ކޯޓުގެ ނިންމުން ދައުލަތުން އިސްތިއުނާފު ކުރި އެވެ. މިހާރު އެ މައްސަލަ އޮތީ ސުޕްރީމް ކޯޓުގެ މަރުހަލާގަ އެވެ.
އޮންލައިންކޮށް ޝަރީއަތް ކުރާ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ތާވަލު ކުރި އަޑުއެހުމަށް އަލީ ވަހީދު ވަޑައިނުގަތުމުން އެ ކޯޓުން ވަނީ އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި އޭނާ2 މަހާއި12 ދުވަހަށް ޖަލަށް ލާން ހުކުމް ކުރި އެވެ. އެ ހުކުމް ވެސް ތަންފީޒު ނުކުރެވި ވަނީ އޭނާ ހައްޔަރު ނުކުރެވިގެންނެވެ.
އަލީ ހާޒިރު ކުރަން އަސްހަދު އަލީއަށް ދިން ތިން ދުވަހުގެ މުއްދަތުގައި އޭނާއަށް އެކަން ނުކުރެވުނަސް، ކޯޓުން މިހާތަނަށް އޭނާއަށް ފިޔަވަޅު އަޅާފައި ނުވެ އެވެ. ތިން ދުވަހުގެ މުއްދަތު ހަމަވީ ކްރިމިނަލް ކޯޓު ރިސެސްއަށް ދިޔަ ދުވަސްވަރު އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ